ދަރިފުޅަށް ބޮޑެތި އަނިޔާތަކެއް ކޮށްގެން މަންމަ ހައްޔަރުކޮށްފި

މާލޭގައި ފަސް އަހަރުގެ ފިރިހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ކޮށްގެން އެ ކުއްޖާގެ މަންމަ އިއްޔެ ހައްޔަރުކޮށްފި އެވެ.


އެނގިފައިވާ ގޮތުގައި ފިރިމީހާއާ ވަކިން، އެކަނި ދިރިއުޅޭ އެ އަންހެން މީހާ ވަނީ، އޭނާގެ ހުރި ހަމައެކަނި އެ ދަރިފުޅުގެ ބުރަކައްޓާއި މޫނުމަތީގައި ތަޅައި ބޮޑެތި އަނިޔާތަކެއް ކޮށްފަ އެވެ. ފުލުހުން ގޮސް އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު، ހާލު ސީރިއަސްކަން އެނގިފައިވެ އެވެ.

މީހަކު ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ގެއަށް ގޮސް، ކުއްޖާގެ މަންމަ ހައްޔަރުކުރީ އެވެ. އޭނާގެ ބަންދުގެ މުއްދަތަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން 10 ދުވަސް ދީފަ އެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ 27 އަހަރުގެ މީހެކެވެ.

އެނގިފައިވާ ގޮތުގައި އޭނާ މީގެ ކުރިން ވެސް ވަނީ އެ ކުއްޖާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ވެސް ކުރި އެވެ.

އަނިޔާ ލިބުނު ކުއްޖާ ޖެންޑާ މިނިސްޓްރީން ވަނީ މި ވަގުތަށް އެހެން މީހަކާ ހަވާލުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ބައްޕަަ އުޅެނީ އެހެން ރަށެއްގަ އެވެ.

މީގެ ތިން އަހަރު ކުރިން، ވ. ރަކީދޫގައި މަންމަ އަކު ވަނީ އޭނާގެ ދަރިފުޅަށް ބޮޑެތި އަނިޔާތަކެއް ދީ މަރާލާފަ އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.

ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު ބޮޑެތި އަނިޔާތަކެއް ކުރުމުގެ ސަބަބުން މަރުވި މައްސަލައިގައި އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުއްޖަކު މަރައިލުމުގެ ދައުވާ އެވެ. އެ މައްސަލާގައި މިހާރު ވަނީ އިބްތިހާލްގެ ވާރިސުންގެ ބަސް ހޯދަން ފަށައިފަ އެވެ. އިބްތިހާލަށް އަނިޔާކުރި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ވެސް އާފިޔާ ވަނީ އިއުތިރާފުވެ، އެކަން ކުރި ގޮތް ވެސް ކިޔައިދީފަ އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ