ނަތީޖާތަކުން ތައުލީމީ ދާއިރާގެ ކުރިއެރުންތައް ފެނޭ: މިނިސްޓަރު

އިމްތިހާނުތަކުން ދަރިވަރުން ހޯދަމުން އަންނަ ނަތީޖާތަކުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް އަންނަ ކުރިއެރުންތައް ފެންނަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެ އެވެ.


މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ބޭއްވި އޭ ލެވެލް އިމްތިހާނުން ރަން ވަނަތައް ހޯދި ދަރިވަރުންނަށް އެވޯޑު ހަވާލުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އޭ ލެވެލް ގަދަ 10ގައި ހިމެނޭ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަކީ، އޭ ލެވެލްގެ އެއް ވަނައިގައި އެންމެ ގިނަ ދަރިވަރުން ހިމެނުނު ފަހަރު ކަމަށް ވެސް ވިދާޅުވި އެވެ.

ފަސް މާއްދާއިން އޭ ހޯދައިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި 47 ދަރިވަރަކު ވަނީ އެއް ވަނަ ހޯދައިފަ އެވެ. މިިދިޔަ އަހަރުގެ މެއި/ޖޫންގައި އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން އޭ ހޯދައިގެން އެއް ވަނަ ލިބުނީ 44 ދަރިވަރުންނަށެވެ.

މިދިޔަ އަހަރު އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ގަދަ 10ގައި ހިމެނިފައިވަނީ 205 ދަރިވަރުންނެވެ. ދުނިޔޭގެ ގަދަ 10ގައި ރާއްޖޭގެ 45 ދަރިވަރުން ހިމެނުނުއިރު އޭގެ ތެރެއިން ހަ ދަރިވަރަކު ވަނީ ދުނިޔެއިން އެއް ވަނަ ހޯދައިފަ އެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފާހަގަކޮށްލެވޭ މިންވަރަށް ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއަރަމުން އަންނަ ކަމަށެވެ. އެއީ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާކަން ވެސް އާއިޝަތު ޝިހާމް ފާހަގަކުރެއްވި އެވެ.

ތައުލީމީ ދާއިރާ ކުރިއަރުވަން ފާއިތުވި ފަސް އަހަރު ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ތައުލީމީ އެޖެންޑާގައި ހިމަނާފައިވާ އެންމެ މުހިއްމު ކަމަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ގައުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ކުއްޖަކީ ވެސް ކާމިޔާބު ވާނެ، ކާމިޔާބު ކުރެވޭނެ ކުއްޖެއްކަން ގަބޫލުކޮށް އެ ކުދިންނަށް ކުރިއަށް ދެވޭނެ ތަފާތު ރޮނގުތަކާއި ދާއިރާތައް ސްކޫލު ނިޒާމުގެ ތެރެއަށް ތައާރަފުކޮށް، ކުރިން އަޅާނުލެވި ދޫކޮށްލެވިފައިވާ ކުދިންތަކަކަށް އެހީތެރިކަން ފޯރުކޮށްދެވި އުއްމީދު އާކޮށްދެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ސްކޫލަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މަރުހަބާ ކިޔާ ސްކޫލުތަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ސްކޫލެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަ ޓީޗަރުން ތަމްރީނުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މަތީ ތައުލީމް ހާސިލްކުރަން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 5000 އަށްވުރެ ގިނަ ފުރުސަތު ފަހިކޮށްދީފައިވާކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ލޯނާއި ސްކޮލަޝިޕް ހިމެނެ އެވެ.