ހުޅުމާލޭން އިބޫ އަށް ހަމަލާދޭން މަސައްކަތްކޮށްފި

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހުޅުމާލޭން ހަމަލަ ދޭން ބަޔަކު މިއަދު މަސައްކަތްކޮށްފި އެވެ.


ކެމްޕެއިންގައި އިބޫ ހުޅުމާލެ އަށް ވަޑައިގެން އެ ޕާޓީގެ އިސް ބޭފުޅުންނާ އެކު ކެމްޕެއިން ހަރަކާތްތަކުގައި އުޅުއްވަނިކޮށް، އެރަށު ސެންޓްރަލް ޕާކް ސަރަހައްދުގަ އެވެ. އެމްޑީޕީން ބުނި ގޮތުގައި، އިބޫ އަށް ހަމަލަ ދިނުމަށް އުޅުމުން އެކަމަށް ހުރަސްއެޅީ ކައިރީގައި ތިބި މީހުންނެވެ. އިބޫއާއެކު، އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ނޫސްވެރިންނަށް ވިދާޅުވީ އިބޫ އަށް ހަމަލަ ދިނުމަށް މަސައްކަތް ކުރީ ސައިކަލެއްގައި ދިޔަ ދެ ޒުވާނުން ކަމަށެވެ. އަދި އެކަން ކުރީ ވެރިކަން ކުރާ ޕީޕީއެމްގެ ދެ އެކްޓިވިސްޓުން ކަމަށް ވެސް ޝިފާޒް ތުހުމަތު ކުރެ އެވެ.

ސެންޓްރަލް ޕާކް ކައިރިން އިބޫ ހިންގަވާފައި ދަނިކޮށް ސައިކަލްގައި ދެ މީހަކު ގޮސް އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގަން ފެށުމުން، އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީން ވަނީ އިބޫއަށް ހިމާޔަތްދީފަ އެވެ. އަދި ވެހިކަލެއްގައި އިބޫ ވަނީ އެ ސަރަހައްދުން ފޮނުވާލައިފަ އެވެ.

ހަމަނުޖެހުން ހިންގި ސަރަހައްދުގައި ފުލުހަކު ނެތެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އިބޫގެ ދޮރުން ދޮރަށް ހަރަކާތަށް ބަޔަކު ހުރަސް އެޅި ނަމަވެސް އިބޫ ވަނީ ހުއްޓާނުލައްވައި އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ. އަދި އިބޫ އަށް ހަމަލަ ދޭން އުޅުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނަށް ހުށަހަޅާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

އިބޫ ވަނީ މީގެކުރިން މާލެ އާއި ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވައިފަ އެވެ. އެ ދެ ރަށުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ދިޔައީ ވަރަށް އަމާންކަމާއެކު އެވެ.