އެމްޑީޕީގެ އިސް ބޭފުޅުންތަކެއްގެ ގަޔަށް ކަޅު ތެޔޮ ޖަހައިފި

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ހޯދުމަށް ހުޅުމާލޭގައި ކެމްޕެއިން ކުރަމުން ދަނިކޮށް، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ގަޔަށް ކަޅު ތެޔޮ ޖަހައިފި އެވެ.


ހުޅުމާލޭގައި ކެމްޕެއިން ކުރައްވަނިކޮށް، މިއަދު ހަވީރު ކަޅު ތެޔޮ ޖެހީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު އިބްރާހިމް ޝިހާބާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުންގެ ގަޔަށެވެ.

ހުޅުމާލޭގައި އުޅެނިކޮށް، ނޫސްވެރިއެއްގެ ގަޔަށް ކަޅު ތެޔޮ ޖަހާފައި.

އެކަމަކު، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓު، އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ގަޔަށް ކަޅު ތެޔޮ ޖަހާފައެއް ނުވެ އެވެ. އޭރު، އިބޫ ހުންނެވީ ކޮރަލް ވިލް ފްލެޓެއްގައި ތިބި އާންމުންގެ ބަޔަކާ ބައްދަލު ކުރެއްވުމަށެވެ. އިބޫ ވަނީ އެ ގޭގައި ތިބި މީހުންނާ ބައްދަލުކުރެއްވުމަށް ފަހު، ކާރަށް އަރައިވަޑައިގެން އެ ސަރައްދުން ވަޑައިގެންފަ އެވެ.

އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ، ކަޅު ތެޔޮ ޖެހީ ޒުވާނުންގެ ބަޔަކު ނިކުމެ ކަމަށާއި، އެކަން ކުރިއިރު، ފުލުހުންގެ ވެހިކަލެއް ވެސް އެ ސަރަހައްދުގައި އޮތް ކަމަށެވެ. އެކަމަކު، ފުލުހުންނަށް އެކަން ހުއްޓުވިފައި ނުވާ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

އެބޭފުޅުން ވިދާޅުވި ގޮތުގައި އިދިކޮޅު ހަރަކާތްތަކަށް ހުރަސް އަޅަމުން ދަނީ ރައީސް އަބްދުﷲ ޔާމީން، އިންތިހާބުން ބަލިވާނެ ކަން ޔަގީންވުމުންނެވެ.

ކަޅު ތެޔޮ ޖެހުމުގެ ސަބަބުން، ކޮރަލް ވިލް ސަރަހައްދު މަގުމަތީގައި އާއި ފާރުގައި ގިނަ އަދަދެއްގެ ކަޅު ތެޔޮ ހުއްޓެވެ. އެމްޑީޕީން ބުނީ ކަޅު ތެޔޮ ޖެހީ ވެރިކަން ކުރާ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ކަމަށެވެ.

އެމްޑީޕީގެ ބައެއް އިސް ބޭފުޅުންގެ ގަޔަށް ކަޅު ތެޔޮ ޖެހިއިރު، އިބޫއަށް ދެ ފަހަރެއްގެ މަތިން މަގުމަތިން ހުރަސް އަޅައި ހަމަނުޖެހުން ހިންގަން ބަޔަކު މަސައްކަތް ކުރި އެވެ. އިބޫ އަށް ކުރިމަތިވަމުން އަންނަ ކަންކަމާ ގުޅިގެން އޭނާ މިއަދު ވިދާޅުވީ، ނިކުމެ ހުންނެވީ އަނިޔާވެރިކަން ފޮހެލައި އިންސާފު ގާއިމު ކުރުމަށް ކަމަށެވެ. އަދި އިދިކޮޅު ހަރަކާތް ހިންގުމަށް ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ އަށް ކެމްޕެއިން ކުރުމަށް ހުޅުމާލެ އިން ބަޔަކު ހުރަސް އަޅަމުން ދާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށާއި ޕީޕީއެމާއި ފުލުހުންނަށް ފާޑުކިއުންތައް އަމާޒު ކުރަމުންނެވެ.