ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިއެސް އަށް މީހުން ފޮނުއްވާ ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެން ބައެއް އިލްމުވެރިންގެ ފާޑު ކިއުން ނަޝީދަށް މިރޭ އަމާޒުވެއްޖެ އެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީމަކީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތަށް މީހުން ވައްދަން އުޅުއްވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެއް ކަމަށާއި ރާއްޖޭގައި ހުންނަވާ ސައުދީ އަރަބިއްޔާގެ ސަފީރު، ޝަހީމަށް މަރުހަބާ ދެންނެވުމަކީ ރާއްޖޭގައި ހަރުކަށި، ފިކުރުތައް އޮންނަން ބޭނުންވާ ކަމުގެ ހެއްކެއް ކަމަށެވެ.
އެކަމަކު، އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީމަކީ ހަރުކަށި ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެއް ނޫން ކަން ހެކިވަޑައިގަންނަވާ ކަމަށެވެ. އަދި އިޔާޒް ވަނީ، ބުހުތާނު ދޮގު ހަދައިގެން މީހުންގެ އަބުރު ކަތިނުލުމަށް ނަޝީދަށް އިލްތިމާސް ކުރައްވައިފަ އެވެ.
ދީނީ އިލްމުުވެރިޔާ ޝެއިހް މުހައްމަދު އަނިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީމާ ގުޅޭ ގޮތުން ނަޝީދު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށެވެ. ޝަހީމަކީ ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ސައުދީން ކުރާ ވަރަށް މަސައްކަތް ކުރާ އެއްވެސް ގައުމެއް ދުނިޔޭގައި ނޯންނާނެ ކަމަށެވެ.
ސަލަފްގެ ރައީސް ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ ކެމްޕެއިން ކުރުމުގައި އެއްވެސް ފަރާތަކުން ދޮގު ވާހަކަ ފަތުރައި، އިސްލާމީ އަގީދާ އާއި އަމިއްލަ ގައުމު ވިއްކައިގެން ތިމާ ބޭނުންވާ ގޮތް ހާސިލް ކުރަން މަސައްކަތް ކުރުމަކީ އެބައެއްގެ ގޮތް ހުސްވެ، ބާތިލްގައި ތިބި ކަމުގެ ހެއްކެއް ކަމަށެވެ.
މައުރޫފް ހުސެއިން ވިދާޅުވި ގޮތުގައި އޭނާއަކީ ޝަހީމާއެކު ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ޝަހީމަކީ ހައްދުފަހަނައަޅާފައިވާ ފިކުރަކަށް ނުވަތަ އައިއެސް އަށް ތާއީދު ކުރައްވާ ބޭފުޅެއް ނޫން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.
ނަޝީދު ކުރެއްވި ޓްވީޓާ ގުޅިގެން އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ބައެއް މީހުން ބުނި ގޮތުގައި މިއީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރެއްގެ ގޮތުގައި ހުންނަވައި ދައްކަވަން ޖެހޭ ވާހަކަތަކެއް ނޫނެވެ. އަދި "ލާދީނީ" ވާހަކަތައް ދެއްކުން ހުއްޓާލުމަށް ވެސް ބައެއް މީހުން ގޮވައިލި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އިދިކޮޅު ކޯލިޝަން ކެމްޕެއިންގައި އެއްވެސް ގައުމެއްގެ ނަން ކިޔައި އެ ގައުމަކަށް ތުހުމަތުކޮށްގެން ވާނީ ބޮޑު ގެއްލުމެއް ކަމަށެވެ. ދީނީ އިލްމުވެރިންނާއި ހައްދުފަހަނައަޅާ މީހުންނާ ގުޅުވައިގެން "ޖެހިގަތީމަ" ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިއީ އިހްލާސްތެރި ޝުއޫރު. ވިސްނާ ނުލާ ބައެއް ބޭފުޅުން މިކަން ކުރެއްވުމުން މުޅި ކޯލިޝަން ކެމްޕެއިނަށް އޭގެ ގެއްލުން ވެދާނެ،" ގާސިމް ވިދާޅުވި އެވެ.
ނަޝީދުގެ ވާހަކަތަކާ ގުޅިގެން މިރޭ ސަން ޓީވީގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުން ނައްތާލަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި އޭނާއަކީ އޭނާއަކީ މެދުމިނުގެ އުސޫލުތައް ކުރިޔަށް ނެރޭ މީހެކެވެ. ރާއްޖެއިން ޓެރަރިޒަމާއި އެކްސްޓްރީމިޒަމް ނައްތާލުމަށް އިލްމީ ގޮތުންނާއި އެހެން ގޮތްގޮތުން މަސައްކަތްކުރައްވާފައިވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.