ގިނަ ރިސޯޓުތަކުން އެދެނީ ވޯޓު ފޮށި ނުބަހައްޓަން: ޝަރީފް

އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިއާސީ އިންތިޚާބުގައި ވޯޓުލުމަށް ރިސޯޓްތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް މައުލޫމާތު ހޯދުމުން، ގިނަ ރިސޯޓްތަކުން ބޭނުންވީ ވޯޓު ފޮށި ނުބަހައްޓަން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.


ރާއްޖޭގައި މިހާރު ވެސް ޚިދުމަތް ދޭ 130 ރިސޯޓު އޮވެ އެވެ. ނަމަވެސް އޭގެ ތެރެއިން ވަރަށް މަދު ރިސޯޓަކުން ނޫނީ ވޯޓު ފޮށި ބަހައްޓަށް ބޭނުން ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝަރީފް ވިދާޅުވީ ފަހުން ގެނައި ބަދަލާއެކު 100 ދިވެހިން އުޅޭ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް މަޝްވަރާ ކުރި އިރު ފޮށި ބަހައްޓަން ބޭނުންނުވާ ކަމަށް 53 ޕަސެންޓު ރިސޯޓުން އަންގާފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް ރާއްޖޭގައި، 100 އަށް ވުރެ ގިނައިން ދިވެހިން މަސައްކަތް ކުރާ 77 ރިސޯޓު އޮވޭ. އެ 77 ރިސޯޓުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓޭނެ ކަމާއި ވޯޓު ފޮށީގެ ކަންތައްތައް އިންތިޒާމް ކޮށްދެވޭނެ ކަމަށް ބުނީ 36 ރިސޯޓުގައި،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ވޯޓު ފޮށި ބެހެއްޓުމަށް ރިސޯޓުތަކާއެކު ފުރަތަމަ މަޝްވަރާ ކުރި އިރު ފޮށި ބަހައްޓަން ބޭނުންވާ ކަމަށް އަންގާފައި ވަނީ އެންމެ 12 ރިސޯޓުން ކަމަށެވެ.

"އެންމެ ފުރަތަމަ މަޝްވަރާ ކުރި އިރު 130 ރިސޯޓުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން ބޭނުންނުވާ ކަމަށް 27 ރިސޯޓަކުން އެބަ އޮތް ޖަވާބު ދީފައި. ސަބަބަކީ ގިނަ މުވައްޒަފުންނަކީ ކައިރި ރަށްރަށަށް ވޯޓުލުމަށް ރީ-ރެޖިސްޓާވާނެ މީހުން ކަމަށްވާތީ. އަދި 79 ރިސޯޓަކުން އަޅުގަނޑުމެންނަށް އެއްވެސް ޖަވާބެއް ދީފައެއް ނެތް. 12 ރިސޯޓަކުން އޮތީ ވޯޓު ފޮށި ބަހައްޓަން ބޭނުންވާ ކަމަށް ބުނެފައި،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާން ކުރުމުން ވަރަށް ގިނަ ބަޔަކު "ކަންބޮޑުވެގެން އަދި ހިތްނުތަނަވަސްވެގެން" ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ސިޔާސީ ޕާޓީތަކާއެކު ވެސް އެކަމާ މަޝްވަރާ ކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ބަދަލުވެފައި ވަނީ ޓުއަރިޒަމް އިންޑަސްޓްރީގެ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ރެ އިން އެ ރެ އަށް އެ ބޭފުޅުންނާ އެކީގައި [ޓުއަރިޒަމް އިންޑަސްޓްރީގެ ފަރާތްތަކާއެކު] ޓެލެފޯން ކޮންފަރެންސްއަކުން މީޓިންއެއް ބާއްވައިގެން މިހާރު ވާނީ 100 އަށް އަޅުގަނޑުމެން ބޭސްލައިން ތިރިކޮށްފައި. އޭގެ މާނައަކީ ކުރިން އަޅުގަނޑުމެން ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމި ނިންމުން 36 ރިސޯޓަށް ބަދަލުވީއޭ،" ޝަރީފް ވިދާޅުވި އެވެ.

ހާއްސަ އެހީ އަށް ބޭނުންވާ މީހުން ވޯޓުލުމުގައި އެހީތެރިވެދޭނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފެއް ކަމަށް ނިންމާފައި އޮތް ނިންމުން ވެސް އެ ކޮމިޝަނުން ވަނީ އާދީއްތަ ދުވަހު ބަދަލުކޮށްފަ އެވެ. މި ނިންމުން ބަދަލުކޮށްފައި މި ވަނީ ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

އަންނަ ސެޕްޓެމްބަރު، 23ގައި، ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައިވާ އިރު، ވޯޓު ލުމުގެ ހައްގު 263،000 މީހުންނަށް ލިބިފައިވެ އެވެ. އެ މީހުން ވޯޓު ލުމަށް ރާއްޖެ އާއި ބައެއް ގައުމުތަކުގައި ޖުމްލަ 483 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. މި އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަ ކުރެއްވުމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ނުކުންނަވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އޭނާގެ ރަނިންމޭޓަކީ، ޖުމްހޫރީ ޕާޓީގެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމެވެ.