ސިނަމާލެ ފްލެޓްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުުލުހުންނާ ހަވާލުކޮށްފި

ސަރުކާރުން އެޅި ފްލެޓްތައް ކަމަށްވާ ސިނަމާލެ، މާލޭ ހިޔާ، އަދި ވިލިމާލޭގެ ފްލެޓްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންނާ މިއަދު ހަވާލުކޮށްފި އެވެ.


ދާދި ފަހުން މާލޭ ސިޓީ ކައުންސިލްގެ ދަށުން އަތުލުމަށް ފަހު ފްލެޓްތަކާ ހަވާލުވި ހައުސިން މިނިސްޓްރީން ވަނީ އެކަން ކުރުމުގެ އެއްބަސްވުމެއްގައި ފުލުހުންނާ އެކު ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ކޮމިޝަނާ އަބްދުﷲ ނަވާޒް އެވެ.

އެއްބަސްވުމުގެ ދަށުން، ފްލެޓްތައް ކައިރީގައި 46 ކެމެރާ ބަހައްޓާނެ އެވެ. އަދި ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ޕެޓްރޯލް ވެސް ކުރާނެ އެވެ. އެކަމަކު، އެކަން ކުރުމަށްޓަކައި ދެ ފަރާތުގެ މެދުގައި ފަހުން އެއްބަސްވުމެއް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މުއިއްޒު ވިދާޅުވީ ފްލެޓް ސަރަހައްދުގައި ކެމެރާ ހަރުކޮށް ސަލާމަތީ ކަންކަން ވަރުގަދަކުރަނީ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެތައް ފަހަރަކު ޝަކުވާކުރުމުން ވެސް ކައުންސިލަށް ހައްލެއް ހޯދައިނުދެވުމުންނެވެ.

އެކަމަކު ކައުންސިލްތަކުގެ ބާރު ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ގެންދިއުމުން އެއްވެސް ކަމެއް ކުރެވޭނެ ވަސީލަތެއް ނެތްކަމުގެ ޝަކުވާ ކައުންސިލަރުން ކުރައްވާތާ ކިތައްމެ ދުވަހެކެވެ. އަދި ފްލެޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރަން މާލީ ގޮތުން ވެސް ސަރުކާރުން އެހީ ނުވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ.

އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ ސިޓީ ކައުންސިލްގެ ދަށުގައި އެންމެ ފަހުން އޮތް، ވިހާމަރުވާ ބެލެހެއްޓުމާއި މާލޭ ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ ވެސް މިހާރު ވަނީ ހައުސިން މިނިސްޓްރީއަށް ނަގައިފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނަވާޒް ވިދާޅުވީ އަލަށް ހަރުކުރާ ކެމެރާތައް ފުލުހުންގެ ކޮމާންޑް ސެންޓަރުގައި ތިބޭ މީހުންނަށް ވަގުތުން ބެލޭނެ ނިޒާމް ވެސް ގާއިމްކުރައްވާނެ ކަމަށެވެ.

"އެއީ [ސެކިއުރިޓީ ކޮމާންޑުން ވަގުތުން ބަލާލުމަކީ] ވެސް ވީހާވެސް އަވަހަކަށް [ކުށްތަކަށް] ފިޔަވަޅު އެޅުމުގައި ވަރަށް ބޮޑު މަގެއް ކަމަށް ގަބޫލުކުރެވޭ،" ނަވާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކުރަނީ މި ބޭނުންވެލައްވާ ފެންވަރުގައި، ބޭނުންވާ ގޮތަށް މި ކަންތައްތައް އިންތިޒާމްކޮށް ހަަމަޖައްސައި ދެއްވާނެ ކަމަށް."