ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ފުލުހުންނާ ގުޅޭގޮތުން ކުރި ޓްވީޓާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލާގައި އޭނާ އަނެއްކާވެސް މިރޭ ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގައިފި އެވެ.
އަލީ ހުސައިނާ ގުޅޭގޮތުން ފުލުހުން ބަލަމުން ދަނީ މި މަހުގެ 22 ވަނަ ދުވަހު އޭނާ ކުރެއްވި ޓްވީޓެއްގެ މައްސަލަ އެވެ. އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ ނުހައްގުން ފުލުހަކު މީހަކު ގައިގައި އަތްލައިފި ނަމަ، ނަފްސުގެ ދިފާއުގައި އެ ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގު އެ މީހަކަށް އޮންނާނެ ކަމަށެވެ.
އެ މައްސަލާގައި ބަޔާން ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ފުލުހަކަށް ހަމަލާދޭން ހިތްވަރު ދިނުމުގެ ތުހުމަތާއި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅަން ހިތްވަރު ދިނުމުގެ ތުހުމަތެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބޭ ހިމާޔަތް، ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވުމަށް ފަހު ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ކޮންމެ ފުލުހަކު ވެސް އެ މީހަކު ކުރާ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ގާނޫނުއަސާސީއާ ޚިލާފަށް ކުރެވޭ އަމުރުތަކަށް ކިޔަމަންވެފައި، އޭގެ ނިވާފަތްގަނޑެއްގެ ގޮތުން ފުލުހުންގެ މުއައްސަސާ ބޭނުމެއް ނުކުރެވޭނެ. ވަކިވަކި ފުލުހުން ވެސް އެ މީހުން ގާނޫނާއި ޚިލާފަށް ކުރާ ހުރިހާ ކަމަކަށް ޒިންމާވާންޖެހޭނެ،" އަލީ ހުސައިން ވިދާޅުވި އެވެ.
އެ މައްސަލާގައި މީގެ ކުރިން ފުލުހުން ވަނީ އަލީ ހުސައިންގެ ފޯނު ވެސް އަތުލައިފަ އެވެ. އެކަމަކު އޭގެ ދެ ދުވަސް ފަހުން ފޯނު ވަނީ އަނބުރާ ދީފަ އެވެ.
އަލީ ހުސައިންގެ މައްސަލައެއް ފުލުހުން ބަލަމުންދާއިރު އިދިކޮޅު ފަރާތްތައް ހިމެނޭ ކޯލިޝަންގައި ހިމެނޭ އަހުމަދު ތަސްމީނު އަލީ އާއި ހަސަން ލަތީފް އަދި ޝިދާތާ ޝަރީފްގެ މައްސަލައެއް ވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އެ ބޭފުޅުންނާ ގުޅޭގޮތުން ބަލަމުންދަނީ މުޒާހަރާތަކުގައި ހައްޔަރުކުރާ މީހުންނަށް އެހީ ދޭން ފަންޑެއް ހުޅުވި މައްސަލަ އެވެ.