މަޖިލީހުގައި 12 ދާއިރާގެ އަޑު ނެތި އަހަރެއް

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިތާ މިއަދަށް އަހަރެއްވީ އިރު، އެ ގޮނޑިތަކާ މެދު އުފެދިފައިވާ ސުވާލުތަކަށް އަދިވެސް ޖަވާބެއް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކުރަން ފަށައިފި އެވެ.


ޕާޓީއަކުން މެމްބަރަކު ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލީހަށް އަންގައިފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ޖުލައި 13، 2017، ގައި ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމަށް ފަހު މަޖިލީހުގައި 60،000 ރައްޔިތުން ތަމްސީލުކުރަމުން އަންނަ 12 މެމްބަރުންގެ ގޮނޑިއާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި 13 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.

ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ކުރެއްވި ޓުވީޓެއް ގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބާރު ހަނިކޮށް، ބާރު ކަނޑުވައިލުމަކީ ސުޕްރީމް ކޯޓަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރެއް ނޫން ކަމަށެވެ. އަދި ގައުމަށް ކުރިމަތިވެގެން އުޅޭ ހަގީގީ މައްސަލަ އަކީ އޭނާ ވިދާޅުވި ގޮތުގައި، 12 މެމްބަރަކާއި އެތައް ހާސް ރައްޔިތުންނެއްގެ ހައްގު ނިގުޅައިގަތުމެވެ.

"އެއް އަހަރު ފާއިތުވީ، އިބުރަތް ހާސިލް ކުރައްވާ. ހައްގުތައް އިޔާދަ ކޮށްދެއްވާ،" ލަތީފް ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު ލަތީފްގެ ޓުވީޓު

ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް ބެލުމެއްނެތި އެތައް ރައްޔިތުންނެއްގެ ހައްގުތަކަށް ދައުލަތުގެ މުއައްސަސާތަކުން އަރަމުންދާ ކަމަށެވެ. އަދި އެކަމުގެ އަދަބު، އެ ފަރާތްތަކަށް ރައްޔިތުން ދޭނެ ކަމަށާއި އިންސާފު ލިބިގެންދާނެ ކަމަށް ސައުދުﷲ ކުރެއްވި ޓްވީޓުގައި ވެ އެވެ.

މެމްބަރުންގެ ގޮނޑިއާ މެދު އުފެދިފައިވާ މައްސަލައަށް އެއް އަހަރު ވުމާ ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ކުރެއްވި ޓްވީޓް

މަޑުއްވަރީ ދާއިރާގެ އަމީތު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުން ނާޖާއިޒް ފައިދާ ނަގައި އެތައް ހާސް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތްތާ އަހަރެއް ފާއިތުވެފައިވާ ކަމަށެވެ. ރައްޔިތުންގެ ހައްގުތައް އިޔާދަނުކޮށް، މުޅި ދައުލަތް އޮތީ 60،000 ރައްޔިތުންނަށް އިހުމާލުވެފައި ކަމަށް އަމީތު ކުރެއްވި ޓްވީޓުގައި ވެ އެވެ.

"އިންސާފު ހޯދުމަށްޓަކައި ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން. ބޭނުމީ އިންސާފު،" އަމީތު ކުރެއްވި ޓްވީޓުގައި ވެ އެވެ.

މި ބޭފުޅުންގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލު އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓް ކުރައްވައިފަ އެވެ.

މެމްބަރުންގެ ގޮނޑިއާ މެދު އުފެދިފައިވާ މައްސަލައަށް އެއް އަހަރު ވުމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ އަމީތު ކުރެއްވި ޓްވީޓް

އެ މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން ވަނީ މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހު ބޮޑު ނިންމުމެއް ނިންމައިފަ އެވެ. އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގައި ބުނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އަދި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކޯޓުން ކުރި ހުކުމް ވެސް ބާތިލްކޮށްފައި ވެ އެވެ.

ނަމަވެސް ބޮޑު މައްސަލަގަނޑަކަށް ވެގެން ދިޔަ އެ އަމުރުގެ އެކި ބައިތައް އެ ކޯޓުން ވަނީ ފަހުން ވަނީ ބާތިލްކޮށްފަ އެވެ. އޭގެ ތެރެއިން 12 މެމްބަރުންގެ ބަޔަށް އަމަލުކުރުން ފަސްކުރި އެވެ. އެގޮތަށް އަމުރުކުރިތާ ވެސް މިހާރު މިވަނީ ފަސް މަސް ވެފަ އެވެ. އެހެންވެ މަޖިލީހުގައި އެ މެމްބަރުންގެ ގޮނޑިއާ މެދު އުފެދިފައިވާ ސުވާލުތަކަށް އަދިވެސް ޖަވާބެއް ނުލިބެ އެވެ.

މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ކުރެއްވި ޓްވީޓް