ގެއްލުނު ނަސީރު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް: އެމްއެންޑީއެފް

ފާނައިގެ މަސްވެރިކަން ކުރަން ނުކުމެ އުޅުނު ފ. ބިލެތްދޫ ދޯންޏަކުން މިދިޔަ ހުކުރު ދުވަހު ކަނޑަށް ވެއްޓި ގެއްލިފައިވާ އެ ރަށު އުތުރުގޭ، އަބްދުﷲ ނަސީރު، 58، ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މިއަަދު ބުނެފި އެވެ.


"މިހާރު" އާ ވާހަކަ ދައް،ކަވަމުން އެމްއެންޑީއެފްގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް އާޒިމް ވިދާޅުވި ގޮތުގައި ނަސީރު ހޯދުމަށް އެއާ ޓެކްސީގައި ވައިގެ މަގުން ހާއްސަ އޮޕަރޭޝަނެއް އިއްޔެ ވަނީ ފަށައިފަ އެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން، އެ އޮޕަރޭޝަން މި ވަގުތަށް މެދުކަނޑާލާފައިވީ ނަމަވެސް މޫސުން ރަނގަޅު ވުމުން އަނެއްކާވެސް ނަސީރު ހޯދުމުގެ މަސައްކަތް ވައިގެ މަގުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަސީރު ހޯދުމަށް ވައިގެ މަގުން ފަށާފައިވާ އޮޕަރޭޝަންގައި މިހާތަނަށް 150 އަކަ މޭލުގެ ކަނޑުގެ ސަރަހައްދެއް ވަނީ ބަލައިފަ އެވެ.

"މިވަގުތަށް ވައިގެ މަގުން ހޯދުމުގެ މަސައްކަތް ވަނީ މެދުކަނޑާލާފަ. އެކަމަކު ހުއްޓައެއް ނުލަން، މޫސުމަށް ބެލުމަށްފަހު ފަށާނަން." އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާތަނަށް އޭނާގެ އެއްވެސް ހަބަރެއް ނުވާ ކަމަށެވެ.

މިހާރު ވެސް އެ ސަރަހައްދުގައި ސިފައިންގެ އިތުރުން އަމިއްލަ ބައެއް ޑައިވަރުން ވެސް ނަސީރު ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނަސީރު ހޯދުމުގެ ގޮތުން، އޭނާ ގެއްލުނު ހިސާބުގެ ކަނޑުގެ މަތީ ފަށަލަ އާއި އެ ސަރަހައްދުގެ ފަރުތަކާއި ފަޅުތައް ބަލަމުން އަންނަ އިރު، ޚާއްސަ ސަބްމެރިންއެއް ބޭނުންކޮށްގެން ކަނޑުގެ އަޑި ވެސް ވަނީ ބަލައިފަ އެވެ. އަދި ރޭނގަޑު ނައިޓް ވިޝަން އާލާތްތައް ބޭނުން ކޮށްގެން ވެސް އެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ނަސީރު ގެއްލުނު އިރު އޭނާގެ އަންބަކާއި އަށް ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އަދި އޭނާ ގެއްލުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެއް ކަމަށް، އޭނާ މަސްވެރިކަމުގައި އުޅުނު ދޯނީގެ ފަޅުވެރިން ބުނެ އެވެ.

އޭގެ އިތުރުން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެ އޮޕަރޭޝަން ކުރިއަށް ގެންދާ އިރު، ކައިރި ރިސޯޓުތަކުންނާއި މަސްވެރިންގެ އެހީތެރިކަން ލިބޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.