ލިސްޓުގައި ފޮޓޯ ނުޖަހަނީ ސިޔާސީ ނުފޫޒާ ހެދި: މާރިޔާ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނާނެ ކަމަށް ގަވާއިދުގައި ބުނުމަށް ފަހު، އެކަން ކުރެވުނީ އޮޅުމަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަނީ ސިޔާސީ ނުފޫޒެއްގެ ސަބަބުން ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.


ރިޔާސީ އިންތިހާބުގެ ގަވާއިދު މިދިޔަ އާދީއްތަ ދުވަހު ގެޒެޓްކުރި އިރު އެ ގަވާއިދުގެ 30 ވަނަ މާއްދާގައި ބުނެފައި ވަނީ ވޯޓުލާ މަރުކަޒުުތަކުގައި ބަހައްޓާ ވޯޓުލާ މީހުންގެ ލިސްޓުގައި މީހުންގެ މައުލޫމާތާއެކު ފޮޓޯ ވެސް ހިމަނަންޖެހޭނެ ކަމަށެވެ. އެކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ މަރުހަބާ ކިޔާފަ އެވެ. ނަމަވެސް ފަހުން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އެއީ އޮޅުމަކުން ލިޔެވުނު ގޮތެއް ކަމަށާއި ލިސްޓުގައި ފޮޓޯ ނުޖެހުމަށް ކުރިން ވެސް ނިންމާފައިވާ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މާރިޔާ ވިދާޅުވީ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަކީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި އުޅުއްވި ބޭފުޅަކަށް ވާ އިރު އިލެކްޝަންސްގެ ނިންމުން ފަހުން ބަދަލުކުރަން ޖެހުނީ ސިޔާސީ ނުފޫޒެއްގެ ސަބަބުން ކަމަށެވެ.

"ގަވައިދެއް ހަދައި ގެޒެޓު ކުރެވިގެން ދާއިރު ވެސް އިލެކްޝަންސް ކޮމިޝަނަށް އެކަން ފާހަގަ ނުކުރެވިފައި ފަހުން އޮޅުމަކުންނޭ ވިދާޅުވުމުން ކިހާވަރެއްގެ ފަރުވާތެރިކަމެއް، ކަންކަމަށް އެ ބޭފުޅުންނަށް ބެހެއްޓެވޭތޯ ސުވާލު އުފެދޭ،" ސޯލްޓް ކެފޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ އެބޭފުޅުން ހަމަ ރަނގަޅަށް އަޅުގަނޑުމެން އެންމެން ދެއްކި ވާހަކަ އަޑުއަހައި ފޮޓޯ ޖަހަންޖެހޭ ކަމަށް ގަބޫލު ކުރައްވައިގެން ކުރެއްވި ކަމެއްހެން. އެކަމަކު އަޅުގަނޑުމެން އަބަދު މި ދައްކަނީ އިލެކްޝަންސް ކޮމިޝަނަކީ އަޅުވެތިވެފައިވާ ކޮމިޝަނެކޭ އެހެންވެ އެއައި ނުފޫޒެއްގެ ތެރެއިން [އެކަން ބަދަލުވީ]."

ވޯޓާސް ލިސްޓުގައި ފޮޓޯ ހިމަނާ އުސޫލަށް އަމަލު ކުރުމަށް މާރިޔާ ވަނީ ގޮވާލައްވައިފަ އެވެ.

މާރިޔާ ނޫސްވެރިންގެ ބައްދަލުވުމެއްގައި.. ފޮޓޯ: މިހާރު

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގައި ސަރުކާރުގެ މުވައްޒަފުންނަށް ޕީޕީއެމުން ނުފޫޒު ފޯރުވާކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ މުވައްޒަފުން އަޅުވެތި ނުވުމަށް އެދޭ ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރަނިން މޭޓް ފައިސަލް ނަސީމްގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަންކަމުގެ ތަފްސީލް ހިމެނޭ މެނިފެސްޓޯ ވަރަށް އަވަހަށް ނެރޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ހުޅުމާލެ އާއި އައްޑޫގައި ދާދި ފަހުން ވަޅިހެރުމާއި އައްޑޫގައި ސައިކަލެއްގައި އަލިފާންރޯކޮށް މާރާމާރީ ހިންގި މައްސަލާގައި މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބު ކައިރިވަމުން އަންނައިރު އެފަދަ ހަމަނުޖެހުންތައް އިތުރުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބޫ އާއި ރަނިންމޭޓް ފައިސަލް-- ފޮޓޯ: މިހާރު

އިއްޔެ ފާހަގަކުރި "ޕޮލިސް މެމޯރިއަލް ޑޭ"ގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު، ދިވެހި ފުލުހުންގެ މުއައްސަސާ މިއަށް ވުރެ މިނިވަންކޮށް އޮތް ޒަމާނެއް ނާންނަ ކަމަށް ވިދާޅުވުމުން މާރިޔާ ވަނީ އެކަމަށް ރައްދު ދެއްވައިފަ އެވެ.

ފުލުހުން އަމަލު ކުރަމުން ގެންދަނީ ރައީސް ޔާމީންގެ އެންގެވުމުގެ މަތިން ކަމަށާއި އެ މަނިކުފާނަކީ ސިޔާސީ ބޭފުޅެއް ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރައްވާނެ ކަމަށް އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވުމުން ކަން ދިމާވި ގޮތް ހަނދާން ކުރަން ޖެހޭ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

އަރީފު މިހާރު ހުންނެވީ ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކޮށްފަ އެވެ.