ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫނާ ދެކޮޅަށް ހުށަހެޅި ހެކިތައް ސިއްރުކުރަން ނިންމައިފި

މިއަދުގެ އަޑުއެހުމަށް ވަޑައިގަތުމަށް މައުމޫން މާލެ ފައިބައިވަޑައިގަންނަވަނީ: އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ދައުވާ --މިހާރު ފޮޓޯ/އަލީ ނިޝާތު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ސިއްރު ކުރަން ދައުލަތުން އެދިފައިވާ ހެކިތައް ސިއްރު ކުރުމުގެ ދާއިމީ އަމުރެއް ނެރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރު ކުރި މައުމޫންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރަނީ ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ދައުލަތުން ހުށަހެޅުންތައް ހުށަހެޅުމާއި އެކަމާ މެދު ގޮތެއް ނިންމުމެވެ. ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ގޮތުގައި ދައުލަތުން ހުށަހެޅީ ދެ ހުށަހެޅުމެކެވެ. ކުރިން ލިޔުމުން ތިން ހުށަހެޅުމެއް ހުށަހަޅާފައި އޮތަސް، އެއް ހުށަހެޅުން މިއަދު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ދައުލަތުން ހުށަހެޅީ ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ މީހުންނާއި އެ މީހުންގެ ބަޔާންތަކާއި ސިއްރުކޮށް، ސިއްރުން ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށާއި ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހެކި ރައްކާތެރި ކުރުމުގެ ދާއިމީ އަމުރެއް ނެރެ ދިނުމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ ހެކިބަސް ދެނީ ކޮން ބައެއް ކަން ހާމަވެއްޖެ ނަމަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމެވެ.

އެ ހުށަހެޅުމާ ގުޅިގެން، މައުމޫން ވިދާޅުވީ ސިއްރުން ހެކިބަސް ނެގުމަކީ އިސްލާމީ ޝަރީއަތުގައި މަނާ ކަމެއް ކަމަށާއި ހެކިބަސް ދޭން ޖެހޭނީ ޝަރީއަތުގެ މަޖިލީހުގައި އެންމެންނަށް ފެންނަ ގޮތަކަށް ކަމަށެވެ. ސިއްރުން ހެކިބަސް ނެގޭނެ އެއްވެސް އުސޫލެއް ގުރުއާނާއި ރަސޫލާގެ ހަދީސްފުޅުގެ އިތުރުން އިލްމުވެރިންގެ ބަސްފުޅުތަކުން ވެސް އެނގެން ނެތް ކަމަށް މައުމޫން ވިދާޅުވި އެވެ. ރާއްޖެ އަކީ އިސްލާމީ ގައުމެއް ކަމަށް ވާއިރު، އިސްލާމީ ޝަރީއަތާ ޚިލާފް ކަންކަން ނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގާޒީ ހުއްދަ ދެއްވުމުން، ޝަރީއަތުގައި އިށީނދެ އިންނަވައިގެން ވާހަކަފުޅު ދެއްކެވި މައުމޫން ވިދާޅުވި ގޮތުގައި ހެކި ސިއްރު ކުރުމަކީ ދޮގު ހެކިބަސް ދިނުމަށް މަގުފަހިވާ ކަމެކެވެ. އަދި ސިއްރުން ހެކިބަސް ދޭ މީހާ އަށް އެކި ފަރާތްތަކުގެ ނުފޫޒު ހެކިވެރިޔާގެ މައްޗަށް އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދައުލަތުގެ ހުށަހެޅުމަށް މައުމޫންގެ ވަކީލުން ވެސް ދެކޮޅު ހެދި އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމާ ގުޅޭ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. އެހެންވެ، ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނެގުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، އެފަދަ އެއްވެސް ވާހަކައެއް ހެއްކާ ބެހޭ ގާނޫނުގައި ނެތުން ކަމަށް ޝަމީލް ވިދާޅުވި އެވެ.

ސިއްރުން ހެކިބަސް ދޭ މީހަކީ މައުމޫނާ ދެމެދު އަދާވާތްތެރިކަމެއް އޮތް މީހަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެ ކަންކަން ކޯޓަށް ކަށަވަރު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ޝަމީލް ވިދާޅުވި އެވެ. އަދި ކޯޓަށް ކަށަވަރު ކުރެވޭނީ ހެކިވެރިޔާގެ ކުށުގެ ރެކޯޑްތައް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހެކިން ސިއްރު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ކަނޑައަޅާފައިވާ ހައި ކޯޓުގެ ނިންމުމެެއް އެބައޮތް ކަމަށާއި މަތީ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވުމަކީ ގާނޫނުއަސާސީ ލާޒިމްކުރާ ކަމެއް ކަމަށެވެ. ހެކިން ސިއްރު ކުރިޔަސް، ޝަރީއަތުގައި އެ މީހުންނާ ސުވާލު ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް އޮންނާނެ ކަމަށާއި އަދި އެ ހެކިންނަކީ ނަޒާހާތްތެރި ބައެއް ކަން ކޯޓަށް ކަށަވަރު ކުރެވޭނެ ކަމަށް ވެސް ނައުޝާދު ވިދާޅުވި އެވެ.

ނައުޝާދު ވިދާޅުވި ގޮތުގައި ހެކިން ސިއްރު ކުރުމުގައި ދައުވާ ލިބޭ މީހާގެ މަސްލަހަތުގެ އިތުރުން މުޖުތަމައުގެ މަސްލަހަތަށް ވެސް ބަލަންޖެހޭނެ އެވެ. ބޮޑެތި ޖިނާއީ މައްސަލަތަކުގައި ހެކިވެރިންނަކީ ކޮން ބައެއް ކަން އެނގިއްޖެ ނަމަ، ހެކިންނަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ ހާލަތުގައި ގެއްލިގެން ދަނީ މުޖުތަމައުގެ މަސްލަހަތު ކަން ނައުޝާދު ފާހަގަ ކުރެއްވި އެވެ.

ސިއްރު ހެކިވެރިންނާއި އެ މީހުންގެ ބަޔާންތަކުގެ އިތުރުން އެހެން ހަތަރު ލިޔުމެއް ވެސް ސިއްރުކުރަން ދައުލަތުން އެދިފައި ވާތީ މައުމޫންގެ ވަކީލުން ވަނީ ސިއްރު ހެކިންގެ ނަންތައް ހާމަ ނުވާނެ ފަދަ ގޮތަކަށް، އެ ލިޔުންތައް ދޭން އެދިފަ އެވެ. މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ އެހެން ބައެއް މައްސަލަތަކުގައި ވެސް ހެކިންގެ ނަންތައް އުނި ކުރުމަށް ފަހު ދޫކުރާތީ އެ އުސޫލުން ލިޔުންތައް ދޭން ވަކީލުން އެދުނެވެ. އަދި މައުމޫނަކީ ބަންދުގައި ހުންނެވި ބޭފުޅަކަށް ވާތީ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުސަތެެއް ނޯންނާނެ ކަމަށް ވެސް ވަކީލުން ބުންޏެވެ.

ޖަވާބުގައި ދައުލަތުން ބުނީ ދޫކުރެވެން ހުރި ލިޔުންތައް މިހާރު ވެސް ދޫކޮށްފައިވާ ކަމަށާއި އެ މައްސަލާގައި އިތުރު ބައެއްގެ މައްޗަށް ވެސް ތަހުގީގުތައް ހިންގަމުންދާތީ، ދެން ހުރި ލިޔުންތައް ދޫކޮށްފި ނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށެވެ. އެކަމަކު، ސިއްރު ކޮށްފައިވާ އެއް ލިޔުމެއް ޝަރީއަތުގެ މަރުހަލާގައި ބެލުމުގެ ފުރުސަތު މައުމޫންގެ ވަކީލުންނަށް ދިނުމަށް ދެކޮޅު ނަހަދާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ދެ ހުށަހެޅުމާ މެދު އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނިންމެވީ، ސިއްރު ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ހެކިތައް ސިއްރު ކުރުމަށެވެ. ސަބަބެއްގެ ގޮތުގައި އިސް ގާޒީ ވިދާޅުވީ ސިއްރުން ހެކިބަސް ނެގުމަކީ ރާއްޖޭގެ ކޯޓުތަކުން ކުރީއްސުރެން ފެށިގެން ބަލައިގެންފައިވާ ކަމަކަށް ވާތީ އެވެ.

ދައުލަތުން ސިއްރު ކުރަން އެދިފައިވާ ލިޔުންތައް ވެސް ސިއްރު ކުރުމަށް އިސް ގާޒީ ނިންމެވި އެވެ. އެކަމަކު އޭގެ ތެރެއިން އެއް ލިޔުން ޝަރީއަތުގައި ބެލުމުގެ ފުރުސަތު ދޭން ދައުލަތުން ދެކޮޅު ނަހަދާތީ، އެ ފުރުސަތު މައުމޫންގެ ވަކީލުންނަށް ލިބޭނެ ކަމަށް އިސް ގާޒީ ހައިލަމް ވިދާޅުވި އެވެ.

އަޑުއެހުން ނިންމައިލުމުގެ ކުރިން މައުމޫން ވަކީލުން ވަނީ އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރިން ނެރެފައިވާ އަމުރު މުރާޖައާކޮށް، ބަންދަށް ލުޔެއް ދިނުމަށް އެދިފަ އެވެ. އެކަމަކު، އިސް ގާޒީ ވިދާޅުވީ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް މިއަދު ބާއްވަން ވަގުތު ނެތް ކަމަށާއި އެހެންވެ މިއަދުގެ އަޑުއެހުން ނިންމަވާލައްވަނީ ކަމަށެވެ.

މިހާރު ކުރިއަށް ގެންދާ އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދެން އޮންނާނީ މައުމޫންގެ ފަރާތްޕުޅުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމާއި އެކަމާ މެދު ގޮތެއް ނިންމުމެވެ.

ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ، މައުމޫންގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު، ތަހުގީގަށް ފޯނު ދޭން އިންކާރު ކުރި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ.

5 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 5%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އީމަން

25 July 2018

އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށައަޅާނެ ހެތްކެއް ނެތް، ފަލުހުން ބުނާ ކިތާބީ ހެތްކެނެތް، ރިޝްވަތުދީ ރިޝްވަރުގާ ހިފިތަން ދެކުނު ފަރާތެއްނެތް، އެމަނިކުފާނު ކުރި ކުށެއް، ޓެރަރިޒަމްގެ އަމަލެއް ދައުލަތަށް މިޔަދާ ހަމަޔަށްވެސް ކިޔާދެވިފަނެތެވެ.

The name is already taken The name is available. Register?

މަންސޫރު

25 July 2018

ހަމަ އެކަނި ބޭނުންވަނީ ފޯނު ނުދިންކަމުގެ ހެކި ކަމަށް އަހަރެން ހީކުރީ.

The name is already taken The name is available. Register?

އަލީ!

24 July 2018

ސިއްރުކުރަނީ އަމިއްލަ އަށް އުފައްދާ ހެކި

The name is already taken The name is available. Register?

ޔުނައިޓެޑް އައްޑޫ

24 July 2018

ކީއްވެތައް ތިޔަހާވަރަކަށް ސިއްރު ތިކުރަނީ. މާމޮޅު ފޯނެއްތަ މައުމޫނު އަތުގައި އޮތީ

The name is already taken The name is available. Register?

ރަދީފް

24 July 2018

ފޯން ނުދިނީމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް.ކޮންބައެއްތަ މިފަދަ އަދަބުތައް ލިޔަނީ.ބަޔަކު ބީތާ ނުވާނެތަ؟؟ ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454