ދެ ފިރިހެނަކު ވެގެން 16 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި

މާލޭގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން ނަގައިގެން ގެންގޮސް ދެ ފިރިހެނަކު ވެގެން އޭނާ ރޭޕްކުރި ކަމަށް ބުނެ އާއިލާ އިން ހުށަހެޅި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.


އެކަމަކު ފުލުހުން ބުނީ އެ މައްސަލާގައި މި ވަގުތު އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕްކޮށްފައިވަނީ، އޭނާ ކިޔަވާ ކޮލެޖުން ރޭ އަށެއް ޖަހާކަންހާއިރު ނިކުތް ވަގުތު، ގަދަކަމުން ތަނަކަށް ގެންގޮސްގެންނެވެ. އެ ކުއްޖާ ބޭރަށް ނިކުތީ ބްރޭކް ގަޑިއަށް ވުމުން ކަމަށް އެނގިފައިވެ އެވެ. އެކަމަކު އޭނާ ގެންދިޔައީ ކާރެއްގައި ކަމެއް އަދި ރޭޕްކުރީ މާލޭގެ ކޮން ތަނެއްގައި ކަމެއް ވެސް މިވަގުތު އެނގޭ ގޮތެއް ނުވި އެވެ.

ނަން ނުޖަހާ ގޮތަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ކުއްޖާ ރޭޕްކޮށްފައި ހުރި ކަން ޓެސްޓްތަކުން ދައްކާ ކަމަށެވެ.

"ރޭ ހަތަރުދަމު އަޅުގަނޑުމެން ތިބީ ފުލުސް އޮފީހުގައި. މި މައްސަލަ ފުލުހަށް ހުށަހަޅައި، އެކަން ހިނގި ގޮތުގެ މައުލޫމާތު ދޭން،" އަންހެން ކުއްޖާގެ އާއިލާގެ އެހެން މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރޭޕްކުރުމުގައި ބައިވެރިވި އެކަކީ އަންހެން ކުއްޖާ ދަންނަ މީހެކެވެ.

އަންހެން ކުއްޖާ ދިރިއުޅެނީ އާއިލާއާ އެކު ހުޅުމާލޭގަ އެވެ. އޭނާ ރޭޕްކުރިކަން އާއިލާ އަށް އެންގީ އެނބުރި ހުޅުމާލެ އަށް ގޮހެވެ. އެކަމަކު ފެރީގައި އިންއިރު ވަރަށް ބޮޑަށް ރޮއި ހެދިކަން އާއިލާއަށް އެނގިފައިވާ ކަމަށް، ވާހަކަ ދެއްކި އެކަކު ބުންޏެވެ.

"އަޅުގަނޑުމެންނަށް އެކަން އެނގުނީ ރޭ ދިހައެއް ޖަހާކަންހާއިރު. ދެން ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހެއްދީ،" އޭނާ ބުންޏެވެ.

އެ ޓެސްޓްތައް ހެދީ، އާއިލާ އިން ބުނި ގޮތުގައި، ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗުންނެވެ.

އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި މި ކަހަލަ ނުރައްކާތެރި މައްސަލައެއް ދިމާވުމުން މުޅި އާއިލާއަށް ވަނީ ޝޮކެއް ލިބިފަ އެވެ.