މުވައްޒަފުން ލައްވާ ސިޔާސީ މަސައްކަތް ކުރުވާނަމަ ފިޔަވަޅު އަޅާނަން: ލޭބާ ރިލޭޝަންސް

އެއްވެސް މުވައްޒަފަކަށް ނުފޫޒު ފޯރުވައިގެން ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު ބުނެފި އެވެ.


ލޭބާ ރިލޭޝަންސް އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު، އަލީ ޝަރީފް ވިދާޅުވީ ސިވިލް ސާވިސް އާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ލައްވައި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރުވާ ނަމަ އެ މައްސަލަ ހުށަހެޅުމަށް އެދޭ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން އެއްވެސް މުވައްޒަފެއް ލައްވައި މަޖުބޫރުން ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް ފައިދާއެއް ހޯދުމުގެ ގޮތުން ކަމެއް ކުރުވުމަކީ ގާނޫނާ ހިލާފު ކަމެކެވެ. އަދި މުވައްޒަފުންގެ ރަސްމީ ގަޑީގައި ސިޔާސީ މަސައްކަތް ކުރުވުމަކީ ވެސް ކުށެކެވެ.

ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ޕީޕީއެމްގެ ކެމްޕެއިންގައި ބައިވެރިކުރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ކެމްޕެއިން މަސައްކަތް ކުރުމަށް ބޭނުންކުރާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

އިންފޮމޭޝަން އޮފިސަރު އަލީ ވިދާޅުވީ މަޖުބޫރުން ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެކަމެއް ހުށަހެޅުމުން އެކަން ހައްލުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައްސަލަ ހުށަހެޅުމުން އެކަން ބަލާނެ. ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާނަމަ ފިޔަވަޅު އަޅައި އެކަން ހައްލުކޮށްދޭނަން،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ ހުށަހަޅާ މުވައްޒަފުންގެ މައުލޫމާތު ސިއްރުކޮށް ވަޒީފާގެ ރައްކާތެރިކަން އެ އޮތޯރިޓީން ކަށަވަރު ކޮށްދޭނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް އަމަލު ކުރާނަމަ ކުންފުންޏެއް ނުވަތަ މުއައްސަސާއަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތީރިޓީ އަށް ލިބިގެންވެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ސަރުކާރުގެ ވަސީލަތްތަކާއި ސަރުކާރުގެ މުވައްޒަފުން ވެސް ބޭނުންކުރާނެ ކަމަށް ވިދާޅުވެފަ އެވެ.