300،000 ގެ އާބާދީއަކަށް ވިލިމާލެ2 މަޝްރޫއަކީ ދެކޮޅު ޖެހޭ ސިޔާސަތެއް: މުއިއްޒު

ރާއްޖޭގެ ރަށްތައް ތަރައްގީކުރަން ގިނަ މަޝްރޫއުތަކެއް ހިންގަމުން، 315،000 މީހުންގެ އާބާދީއަކަށް ވިލިމާލެ 2 ތަރައްގީ ކުރުމަކީ ބޯހިޔާވަހިކަމަށް ހައްލު ހޯއްދަވަން ވަރަށް ވިސްނުންތެރިކަމާ އެކު ރައީސް އަބްދުﷲ ޔާމީން ރާއްވަވާފައިވާ ދެކޮޅުޖެހޭ ސިޔާސަތެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.


ބޯހިޔާވަހިކަމަށް ހައްލު ހޯދަން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 100،000 މީހުންނަށް އަމާޒުކޮށްގެން ފްލެޓް އެޅުމަށް ވަނީ ނިންމައިފަ އެވެ. މީގެއިތުރުން، ގުޅީފަޅުން 230 ހެކްޓަރު ހިއްކައި 80،000 ފްލެޓާއި ފުށިދިއްގަރު ފަޅު ހިއްކައިގެން ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއުގައި ސަރުކާރުގެ އަމާޒަކީ ވިލިމާލެ 2 ގައި 300،000 މީހުން އާބާދުކުރުމެވެ.

ރާއްޖޭގެ އާބާދީ އަކީ ގާތްގަނޑަކަށް 400،000 މީހުން ކަމަށް ވާއިރު، އަލަށް އިއުލާންކުރި މަޝްރޫއަކީ، މާލެ ސަރަހައްދަށް އެންމެން ޖަމާކުރުން ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

މި ފާޑުކިއުމަށް ރައްދު ދެއްވައި، މިނިސްޓަރު މުއިއްޒު ވިދާޅުވީ މި މަޝްރޫއަކީ ދުރު މުސްތަގުބަލަށް ވިސްނާފައިވާ ވަރަށް ދެކޮޅުޖެހޭ ސިޔާސަތެއް ކަމަށެވެ.

"މިއީ، ވަރަށް ބޮޑަށް ދެކޮޅު ޖެހޭ ސިޔާސަތެއް، އަޅުގަނޑުމެންގެ ވިސްނުން ހަމައެކަނި ނޭފަތު ކުރިއާ ހަމައަށް ހުރެއްޖެ ނަމަ ދެކޮޅެއް ނުޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/ހައުސިން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ ބޯހިޔާވަހިކަމަށް ރައީސް ޔާމީން ހޯއްދަވައިދެއްވާ ފުރިހަމަ ހައްލެވެ. ހުޅުމާލޭގައި 9،000 ފްލެޓުގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނައިރު، ވިލިމާލެ 2 މަޝްރޫއާ އެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ފްލެޓް އެޅި މާލޭގެ ތޮއްޖެހުމަށް ލުޔެއް ލިބޭނެ ކަމަށެވެ.

"މިވަގުތު ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެންމެންނަށް މި މަޝްރޫއުން ދީފައި އަދި ކުރިއަށް އޮތް 12 އަހަރަށް 18 އަހަރު ފުރޭ އެންމެންނަށް ދިނަސް ހުސްނުވާ ވަރަށް ފްލެޓް މި އެޅިގެން ދަނީ. އެހެންވީމަ ހުސްވާނެތީ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބައެއް މީހުންގެ ވިސްނަނީ ލޮލުގެ ކުރިމައްޗަށް ފެންނަ ހިސާބަށް އެކަނި. އެއަށް ވުރެ ދުރަކަށް ވިސްނުމެއް އަޅުގަނޑުމެންގެ ގިނަ މީހުންނަކަށް ނެތް. އެކަމަކު ވިޝަނަރީ ލީޑަރުންނަކީ އަޅުގަނޑުމެންނަށް ފެންނަވަރަށް ވުރެން އެތައް ތަނެއް، ކުރިއަށް ވިސްނަވާ ބޭފުޅުން،" ރައީސް ޔާމީންގެ މި މަޝްރޫއަށް ތައުރީފް ކުރައްވަމުން މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި މިހާ ގިނަ އަދަދެއްގެ ފްލެޓް އެޅިއަސް ރާއްޖެ ފަޅުކުރުމުގެ ސިޔާސަތެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އޭގެ ހެއްކަކީ، އެއްވެސް ރަށެއް ބާކީ ނުކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށާއި އެންމެ ކުޑަ ރަށަށް ބޭނުންވާ ކަންކަން ވެސް ކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ ދެކުން، އެންމެ އުތުރަށް ބައްލަވާލެއްވިއަސް އެނގިވަޑައިގަންނަވާނެ މަޝްރޫއެއް ނުހިނގާ ރަށެއް ނޯންނާނެ. ބަނދަރު ކަމަށް ވިއަސް ޖެޓީ ކަަމަށް ވިއަސް. ބޭނުންވެ ނުވެފައި ހުރި ކަމެއް. އެ ރަށެއްގައި ދިރިއުޅެން ބޭނުންވާ ބަޔަކަށް ފުރުސަތު އޮންނާނެ،" މުއިއްޒު ވިދާޅުވި އެވެ.