ރިޝްވަތުގެ ބައި ހިމެނޭ ބިލް މަޖިލިހަށް ވެއްދީ އިއްޔެ!

ރިޝްވަތުގެ ކުށްތައް މިހާރަށް ވުރެ ތަފްސީލްކޮށް ހިމަނައިގެން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލް، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މަޖިލިހަށް ވެއްދީ އިއްޔެ ކަން ލިޔެކިޔުންތަކުން ހާމަވެއްޖެ އެވެ.


ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުނިވާ ގޮތަށް މަޖިލިހަށް އިސްލާހެއް ވެއްދީ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ އެވެ. އެހެންވެ، ގާނޫނުލްއުގޫބާތުން ރިޝްވަތުގެ ކުށް އުނިކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ފާޑުކިއުންތައް ސަރުކާރާއި ޕީޕީއެމަށް އަމާޒުވި އެވެ.

އޭގެ އެއް ދުވަސް ފަހުން، އިއްޔެ ޕީޕީއެމުން ވަނީ ރިޝްވަތުގެ ކުށް ހިމަނައިގެން ބިލެއް މަޖިލިހަށް ހުށަހެޅިކަން ހާމަކޮށް އިދިކޮޅު ފަރާތްތަކަށް ރައްދު ދީފަ އެވެ.

ޕީޕީއެމުން ބުނީ، ރިޝްވަތުގެ ކުށް އުނިކުރަން އުޅޭ ކަމަށް ބުނެ ފެތުރުނު ޚަބަރާ ގުޅިގެން އެއްވެސް މައުލޫމާތެއް ހާމަނުކޮށް މަޑުކުރީ ވަކިވަކި މީޑިއާތަކަށް ކަމުގެ ހަގީގަތް އޮޅުން ފިލުވައިދިނުމުގެ ބަދަލުގައި މީޑިއާތަކާ އެއްކޮށް ބާއްވާ ބައްދަލުވުމެއްގައި އެކަން ކުރަން ބޭނުންވެގެން ކަމަށެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި ބިލް މަޖިލިހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އިރު، އެ ބިލު ލިބުނު ކަމަށް ޖަހާފައި އޮތީ އިއްޔެ ދޭއް ޖެހިއިރެވެ. އަދި އިބްރާހިމް ދީދީ، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ލިބުނު ތާރީހުގެ ގޮތުގައި ޖަހާފައި އޮތީ މިދިޔަ މަހުގެ ދެވަނަ ދުވަހެވެ. އެކަމަކު، ޕީޕީއެމުން އިއްޔެ ބުނީ އަބްދުއްރަހީމްގެ ބިލް މިދިޔަ ހަފުތާގައި މަޖިލިހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ދެ ބިލް ޕީޕީއެމް/އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރާތާ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަދި އެއްވެސް ބިލެއް، މެމްބަރުންނާ މަޝްވަރާ ނުކޮށް މަޖިލިހަށް ހުށަނާޅުއްވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ބިލްގެ މަސައްކަތްތައް މިދިޔަ ހަފުތާ އިން ފެށިގެން ކުރިއަށް ދިޔަ ކަން ވެސް ނިހާން ފާހަގަކުރެއްވި އެވެ.

ރިޝްވަތުގެ ކުށްތައް މިހާރަށް ވުރެ ތަފްސީލްކޮށް ހިމަނައިގެން ގާނޫނުލްއުގޫބާތު އިސްލާހު ކުރުމަށް، އަބްދުއްރަހީމް ހުށަހެޅުއްވި ބިލް ބަލައިގަނެ، ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިއިރު، އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލު ކޮމިޓީން ފާސްކޮށްފައި ވަނިކޮށް، އެ ބިލް އިތުރަށް އިސްލާހު ކުރަން ގައުމީ ސަލާމަތުގެ ކޮމިޓީ އަށް މިއަދު އަލުން ފޮނުވި އެވެ.

މަޖިލިހުގެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް އޭނާ ހުށަހެޅުއްވި ބިލަކީ، މިއަދު ހުށަހެޅުއްވި ބިލެއް ނޫން ކަމަށާއި މީގެކުރިން މި ބިލު ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު، މި ބިލު އާންމުންނަށް ތިލަވެފައި ނެތީ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.