އިބޫ އަށް ތ. ގުރައިދޫން ބޮޑު ތަރުހީބެއް!

އެމްޑީޕީ އަށް އެންމެ މަދުން ވޯޓު ލިބެމުން އައި އެއް ރަށް ކަމަށް ވާ ތ. ގުރައިދޫ ރައްޔިތުން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވަރަށް ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.


ރަޖިސްޓްރީގައި 2،000 އެއްހާ މީހުން ހިމެނޭ މި ރަށުގެ ގިނަ އަަދަދެއްގެ ބަޔަކު އިބޫ އާއި އޭނާގެ ޓީމަށް މަރުހަބާ ކިޔަން ނުކުމެ ތިބީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ ދިދަ ހިފައިގެންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ މީހުން ގިނަ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ގުރައިދޫގެ ބައެއް މީހުން ފިޔާތޮށި ކުލައިގެ ހެދުމުގައި ތިބީ ވެސް އެކަން ދައްކަން ކަމަށް، ރަށުގެ ބައެއް މީހުން ބުންޏެވެ.

އިބޫ މިރަށަށް ވަޑައިގެން ކޯލިޝަންގެ ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހު ގޭގެ އަށް ކުރެއްވި ޒިޔާރަތުގައި ވެސް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިވަޑައިގަތެވެ.

އިބޫ ތިމަރަފުއްޓަށް ވަޑައިގެން ބައެއް ސަޕޯޓަރުންނާއެކު-- ފޮޓޯ: އެމްޑީޕީ

ގުރައިދޫގެ މީހެއް ކަމަށްވާ އިބްރާހިމް ހުސެއިން ބުނީ މިއީ ސަރުކާރާ އިދިކޮޅު ކެންޑިޑޭޓަކު މިރަށަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބަޔަކު ނުކުތް ފުރަތަމަ ފަހަރު ކަމަށެވެ.

"މިވާނެ އިދިކޮޅު ބަޔަކު އައުމުން ދެކޮޅުވެރިކަމެއް ނުހިނގި ފުރަތަމަ ފަހަރަށް. މީގެ ކުރިން މީހުން ނުކުމެ ދިމާކުރާނެ. ދެކޮޅުކަން ދައްކާނެ،" އުމުރުން 71 އަހަރުގެ އިބްރާހިމް ބުންޏެވެ.

"މީގެ ކުރިން ދިދަ ޖަހާފައި އަނެއް ދުވަހު އިރު އަރާއިރު ހުންނާނީ އުކާލާފައި. އެކަމަކު މި ފަހަރު އެކަހަލަ ކަމެއް ނެތް. ގުރައިދޫ ބަދަލުވެއްޖެ."

ޖަގަހަ ހުޅުވުމަށް ފަހު ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގުރައިދު އަށް އައިސްފައިވާ ބަދަލާ އެކު ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރެއްވޭނެކަން ޔަގީން ކުރެވިއްޖެ ކަމަށެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި މި ރަށުން ރައީސް ޔާމީނަށް 93 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ. އަދި އެންމެ ފަހުގެ ކައުންސިލް އިންތިހާބު ޕީޕީއެމް ކާމިޔާބުކުރީ 69 ޕަސެންޓް ވޯޓާ އެކުގަ އެވެ. ކައުންސިލްގައި ތިއްބެވީ މުޅިން ވެސް ޕީޕީއެމްގެ ކައުންސިލަރުންނެވެ.

"މި ރަށުން އެނގިގެން މިދިޔައީ މިރަށު ރައްޔިތުން އަނިޔާ އާއި ވައްކަމާ ދެކޮޅުކަން. މި ރަށު ރައްޔިތުންގެ ވިސްނުން ބަދަލުވާތީ މިއީ އިންތިހާބުގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ ހެއްކެއް،" އިބޫ ވިދާޅުވި އެވެ.

އިބޫ ގޭގެއަށް ޒިޔާރަތް ކުރައްވަނީ-- ފޮޓޯ: އެމްޑީޕީ

މިރަށުން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ޕީޕީއެމަށް ކުރާ ތާއީދު ދަށްވަމުން ދަނީ މައުމޫނަށް ދޭ އަނިޔާގެ ސަބަބުންނެވެ. އަދި ރަށުގައި ފަށާފައި ހުރި ޕްރޮޖެކްޓްތައް ނުނިމުމަކީ ވެސް ރައީސް ޔާމީންގެ ތާއީދު ދަށްވާ ސަބަބެއް ކަމަށް ބައެއް މީހުން ބުންޏެވެ.

އެމްޑީޕީ ގުރައިދޫ ދާއިރާގެ ރައީސް ހަސަން ހަލީމް ވިދާޅުވީ ގުރައިދޫ ބަދަލުވެފައިވާކަން މިފަހަރު ދައްކާނީ ވޯޓުން ކަމަށެވެ.

"މި ގުރައިދޫ ބަދަލުވެއްޖެ. ސަބަބުތަކެއް އެބަހުރި. ޖެޓީ ހުޅަނގު ކޮޅުން އެވަނީ ވެއްޓިފައި. ބިން ހިއްކަން ފެށިތާ ފަސް އަހަރު ވީ، އަދި ނުނިމޭ،" ހަލީމް ވިދާޅުވި އެވެ.

މި ރަށުގެ ފަޅުން 46 ހެކްޓަރުގެ ބިން އެއް އަހަރު ތެރޭގައި ހިއްކަން ހަވާލުކުރިތާ ހަތަރު އަހަރު ވީ އިރު އެ މަސައްކަތް އަދިވެސް ނުނިމެ އެވެ. ރަށުގެ ބަނދަރުގެ ތޮށިގަނޑުގެ ބޮޑު ބައެއް ވަނީ ވެއްޓިފަ އެވެ. އަދި މި ރަށުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހަވާލުކުރިތާ ތިން އަހަރު ވީ އިރު އެ މަސައްކަތް ވެސް ނުނިމެ އެވެ.

ލިބިވަޑައިގެންނެވި ބޮޑު ތަރުހީބާ އެކު އިބޫ ވައުދުވެވަޑައިގަތީ ކޯލިޝަންގެ ސަރުކާރެއްގައި އެ ކަންކަން ނިންމައިދީ މި ރަށުގެ މަގުތައް ވެސް ހަދައިދޭނެ ކަމަށެވެ. އަދި މި ސަރަހައްދާއި މާލެއާ ދެމެދު ދަތުރުފަތުރުކުރަން އޮތް ދަތިކަމަށް ހައްލެއް ގެންނަން އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް ވެސް އިބޫ ދެއްވި އެވެ.