ޖިނާއީ ޝަރީއަތް ހިންގުމުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި މިއަދު އަމަލުކުރަން ފަށައިފި އެވެ.


ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދަންޖެހޭ އެ ގަވާއިދަށް މިއަދު އަމަލު ކުރަން ފެށީ އެ ގަވާއިދު ހަދަންޖެހޭ މުއްދަތު ހަމަވި ފަހުންނެވެ. އެ ގަވާއިދަކީ މިދިޔަ ޖުލައި މަހު އަމަލުކުރަން ފެށި އެ ގާނޫނަށް ތިން މަސް ހަމަވުމުގެ ކުރިން ހަދަންޖެހޭ ގަވާއިދެކެވެ.

އެ ގަވާއިދަށް މިއަދު އަމަލު ކުރަން ފެށުމާ އެކު، ކުރިން އަމަލުކުރި ހަ ގަވާއިދެއް އުވުނީ އެވެ. އުވުނު ގަވާއިދުތަކަކީ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ގަވާއިދާއި، ކަފާލާތުގައި ދޫކުރުމުގެ ގަވާއިދާއި، ޖިނާއީ މައްސަލަތައް އަވަސް ނިޔާ އިން ނިންމުމުގެ ގަވާއިދާއި، ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ހިންގުމުގެ ގަވާއިދާއި، މީހުން ދިރިއުޅޭ ތަންތަނަށް ބަލައި ފާސް ކުރުމަށް ތަހުގީގުކުރާ ފަރާތުން ވަނުމުގެ ހުއްދަ ދިނުމުގެ ގަވާއިދު އަދި ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި ހިމެނޭ ޖިނާއީ އިޖްރާއާތުގެ އާންމު އުސޫލުތަކެވެ.

ޖުމްލަ 17 ބާބުގެ މައްޗަށް އެކުލެވޭ އެ ގަވާއިދުގައި ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި ބަލައިގަތުމާއި ޝަރީއަތް ހިންގަންޖެހޭ އުސޫލުތަކާއި ބަންދާ މެދު ގޮތެއް ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ހިމެނެ އެވެ. އަދި ކަފާލާތުގައި ބަންދުން ދޫކުރުމާއި ހެބިއަސް ކޯޕަސްގެ މައްސަލަތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާއި މީހުން ކޯޓަށް ހާޒިރު ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ވެސް ހިމެނެ އެވެ.

އެ ގަވާއިދު ބުނާ ގޮތުން ކޯޓު އަމުރު ނެރޭނެ ފަނޑިޔާރުން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. އަދި އެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރުންނާއި އަމުރު ދޫކުރުމަށް އެ ފަނޑިޔާރުންނަށް ޚާއްސަ ކޮށްފައިވާ ދުވަސްތައް އެނގޭނެ ތާވަލެއް ހެދުމަށް ފަހު ކަމާ ބެހޭ ފަރާތްތަކަށް ކޯޓުތަކުން އަންގަން ޖެހޭނެ އެވެ.

އެ ގަވާއިދު ބުނާ ގޮތުން ކުށުގެ ތުހުމަތުގައި ހުރި މީހަކު ޝަރުތުކޮށްފައި ބަންދުން ދޫކުރާ އިރު ކަނޑައަޅާ މުއްދަތު 100 ދުވަހަށް ވުރެ އިތުރު ވެގެން ނުވާނެ އެވެ. ބަންދާ މެދު ގޮތެއް ނިންމާނެ ވަގުތުތައް ކަނޑައަޅާނީ މާލޭގައި ނަމަ، އެ ކޯޓެއްގެ އިސް ގާޒީ އެވެ. އަދި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ނަމަ، އެ ޖުޑިޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓެވެ.

ގާނޫނާ ޚިލާފަށް މީހަކު ބަންދުން ކޮށްފައިވާ ކަމަށް ދެކޭ ނަމަ އެ މީހަކު ބަންދުން މިނިވަން ކުރުމަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު، ބަންދުގައިވާ މީހާ ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކަށް ވެސް އޮންނާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ، އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އަޅައި، ވީ އެންމެ އަވަހަށް އެ މައްސަލައެއްގައި ގޮތެއް ނިންމަން އެ ގަވާއިދު ލާޒިމްކުރެ އެވެ.

ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހެޅުމުގައި ލިޔުންތަކުގެ އަސްލު ކޯޓަށް ފޮނުވުން ނުވަތަ އެކަމަށް ގާއިމް ކުރެވޭ އިލެކްޓްރޯނިކް ޕޯޓަލް މެދުވެރިކޮށް ވެސް ހުށަހެޅިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އިލެކްޓްރޯނިކް ޕޯޓަލް މެދުވެރިކޮށް ކޮންމެ ވަގުތަކު ވެސް މައްސަލަ ހުށަހެޅޭނެ އެވެ. އެކަމަކު އެ ޕޯޓަލް ގާއިމް ކުރެވެންދެން މާލެ ފިޔަވައި އެހެން ރަށްރަށުގެ ކޯޓުތަކަށް ޕޯސްޓް މެދުވެރިކޮށް މައްސަލަ ހުށަހެޅުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބިގެންވާ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. އަދި ޕޯސްޓްކުރާ ތާރީޚަކީ ދައުވާ އުފުލުނު ތާރީޚު ކަމަށް ބަލަންޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ.

އެ ގަވާއިދު ބުނާ ގޮތުން ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވުމަށް ފަހު، މަގްބޫލު އުޒުރެއް ނެތި ގަޑި އަށް ހާޒިރު ނުވެއްޖެ ނަމަ އެ މީހަކު 250ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. މަގްބޫލު އުޒުރެއް ކަމަށް ބެލެވެނީ ބަލިވުން ނުވަތަ މޫސުން ގޯސްވެ، ދަތުރުފަތުރަށް ބުރޫ އެރުން ނުވަތަ ފަނޑިޔާރަށް ގަބޫލު ކުރެވޭ އެހެން ސަބަބެކެވެ. އަދި ހާޒިރު ނުވެވުނީ ބަލިވެގެން ކަމަށްވާ ނަމަ، މެޑިކަލް ފޯމް 48 ގަޑިއިރުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ އެވެ. މަގްބޫލު އުޒުރެއް ނެތި ގަޑި އަށް ހާޒިރު ނުވީ ވަކީލަކު ކަމަށްވާ ނަމަ، އެ ވަކީލަކު ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ކޯޓަށް ބަލައިނުގަތުމުގެ ބާރު އެ ގަވާއިދުގެ ދަށުން ކޯޓަށް ލިބިދެ އެވެ.

އެ ގަވާއިދު ބުނާ ގޮތުން ކުށުގެ ތުހުމަތުގައި ހުރި މީހަކު ޝަރުތުކޮށްފައި ބަންދުން ދޫކުރާ އިރު ކަނޑައަޅާ މުއްދަތު 100 ދުވަހަށް ވުރެ އިތުރު ވެގެން ނުވާނެ އެވެ. ބަންދާ މެދު ގޮތެއް ނިންމާނެ ވަގުތުތައް ކަނޑައަޅާނީ މާލޭގައި ނަމަ، އެ ކޯޓެއްގެ އިސް ގާޒީ އެވެ. އަދި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ނަމަ، އެ ޖުޑިޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓެވެ.

އެ ގަވާއިދު ބުނާ ގޮތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް އެންމެ ގިނަވެގެން ދެވޭނީ 15 ދުވަހުގެ މުއްދަތެކެވެ. އަދި އެކަމަށް ކަނޑައަޅާ މުއްދަތު ހަމަވުމަށް ފަހު އިތުރު ފުރުސަތެއް ނުދެވޭނެ އެވެ. އަދި ހުށަހެޅުންތަކާ މެދު އަނެއް ފަރާތުން ރައްދު ދިނުމުގެ ގޮތުން ބަޔާން ހުށަހެޅުމަށް ދެވޭނީ ދެ ދުވަހުގެ މުއްދަތެއް ކަމަށް އެ ގަވާއިދުގައިވެ އެވެ. އެ ބަޔާންތައް ލިބުމުން އެ މައްސަލައެއްގެ އަޑުއެހުން ބާއްވަން ވާނީ ފަސް ދުވަސް ކުރިން އެކަން ދެ ފަރާތަށް އެންގުމަށް ފަހު ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

ކަފާލާތުގައި ބަންދުން ދޫކުރުމުގައި ފައިސާ ބަހައްޓައިގެން ނުވަތަ އެހެން މީހަކު ޔަގީންކަން ދީގެން ވެސް ބަންދުން ދޫކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި ކުށުގެ ބޮޑު މިނަށް ބަލައި، ކަފާލާތުގައި ގޮތުގައި ބަހައްޓަންޖެހޭ މިންވަރު ވެސް އެ ގަވާއިދު ކަނޑައަޅާފައިވެ އެވެ. އެގޮތުން 5،000ރ. އިން ފެށިގެން އެއް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދުތަކެއް، ކުށްތަކުގެ އަދަބުގެ ނިސްބަތުން އެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށިޔަސް، ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުން ބަލާ މައްސަލަތަކުގެ ބާވަތުން އެ ދެ ކޯޓަށް ޚާއްސަ ކުރެވިފައިވާ އިޖްރާއާތުތަކަށް ވަނީ އިސްތިސްނާ ދީފަ އެވެ. ސަބަބަކީ އެ ދެ ކޯޓަކީ ޝަރީއަތް ކުރުމުގައި ގާނޫނެއްގެ ދަށުން ވަކި ޚާއްސަ އިޖްރާއާތުތަކެއް ކަނޑައެޅިފައިވާ ދެ ކޯޓު ކަމަށްވާތީ އެވެ.