ގާޒީ އަހުމަދު ރަޝީދުގެ މައްސަލަ ސާބިތެއް ނުވި، ސަސްޕެންޝަން އުވާލައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ސުލޫކީ މައްސަލަ ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް އަހަރަކާ ގާތް ވެފައި ވަނިކޮށް ނިންމައި، އޭނާ އެ ކޯޓަށް އަލުން ނުކުމެވަޑައިގަތުމަށް އެ ކޮމިޝަނުން އިއްޔެ އަންގައިފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އޯގަސްޓް 23 ވަނަ ދުވަހުން ފެށިގެން ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރުމަށް ނިންމި ނިންމުން ބަދަލުކޮށް އޭނާ އަލުން ކްރިމިނަލް ކޯޓަށް ނުކުމެވަޑައިގަތުމަށް އަންގަން ނިންމީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ. އަދި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަލުން އެ ކޯޓަށް ނުކުމެވަޑައިގަތުމަށް ޖޭއެސްސީން އަހުމަދު ރަޝީދަށް އަންގާފައިވާ ކަމަށް އެނގިފައިވެ އެވެ. އެކަން ކްރިމިނަލް ކޯޓަށް ވެސް ވަނީ އަންގައިފަ އެވެ.

ވަކީލުންގެ ތެރެއިން އިންތިޚާބު ކުރި މެމްބަރެއްގެ ހައިސިއްޔަތުން ކުރިން ޖޭއެސްސީގައި ހުންނެވި އަހުމަދު ރަޝީދުގެ މައްޗަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަ ސާބިތު ނުވީ، އެކަމަށް ބޭނުންވާ ހެއްކާއި ގަރީނާ ނެތުމުން ކަމަށް ވެ އެވެ. އަހުމަދު ރަޝީދުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އޭނާގެ ސުލޫކަށް އަސަރު ކުރާނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ވެސް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީގެ ކުރީގެ ނައިބު ރައީސް އަދި ދާދި ފަހުން، ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރި މުހައްމަދު ފައިސަލް ރިޔާސަތު ބެލެހެއްޓެވި ޖަލްސާއެއްގައި، އަހުމަދު ރަޝީދު ސަސްޕެންޑް ކުރަން ނިންމީ، ކްރިމިނަލް ކޯޓު ހިންގުމާ އޭރު ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފްއާ ދިމާލަށް ވިދާޅުވި އެއްޗަކާ ގުޅިގެން ކަމަށް ހަގީގަތް އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ކިޔައި ދެއްވާފައިވެ އެވެ. އެ މައްސަލާގައި އަހުމަދު ރަޝީދު ޖޭއެސްސީ އަށް ހާޒިރުކޮށް ބަޔާން ވެސް ނެގި އެވެ.

އަހުމަދު ރަޝީދު ސަސްޕެންޑް ކުރަން ޖޭއެސްސީން މިދިޔަ އަހަރު ނިންމިއިރު، އޭނާ ވަނީ ކްރިމިނަލް ކޯޓުގައި ތިން އަހަރެއްހާ ދުވަސް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. ސަސްޕެންޑް ކުރުމާ ހަމައަށް، އޭނާ އެ ކޯޓުގައި ބައްލަވަމުން އައީ މަސްތުވާތަކެއްޗާއި ބޮޑެތި މަރުގެ މައްސަލަތައް ކަމަށް ވެ އެވެ.

އަހުމަދު ރަޝީދު ސަސްޕެންޑް ކޮށްފައި ހުރި މުއްދަތުގެ ތެރޭގައި އޭނާގެ ސައިކަލްގައި ވެސް ބަޔަކު ވަނީ ރޯކޮށްލައިފަ އެވެ. އޭނާގެ ޕީސީއެކްސް ސައިކަލްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަންހާއިރު ރޯކޮށްލުމުން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. ސައިކަލްގައި ރޯކޮށްލީ ހުޅުމާލޭގެ ޕާކިން ޒޯނެއްގައި ބަހައްޓާފައި ހުއްޓަ އެވެ.