ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ރަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ސަސްޕެންޑްކޮށްފި އެވެ.
ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލް ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި، އަހުމަދު ސަސްޕެންޑް ކުރަން ނިންމީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ވެ އެވެ. އަދި މިއަދު ހަވީރު ޖޭއެސްސީ އަށް އަހުމަދު ހާޒިރުކޮށް އޭނާގެ ބަޔާން ވެސް ނެގި ކަމަށް އެނގިފައިވެ އެވެ.
ވަކީލުންގެ ތެރެއިން ޖޭއެސްސީ އަށް އިންތިޚާބުކުރި މެމްބަރުގެ ގޮތުގައި ކުރިން އެ ކޮމިޝަންގައި މަސައްކަތް ކުރެއްވި އަހުމަދު ސަސްޕެންޑް ކުރި ސަބަބެއް ރަސްމީކޮށް އެނގިފައެއް ނުވެ އެވެ. އެކަމަކު ކަމުގެ ހަގީގަތް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ޖޭއެސްސީން އަހުމަދަށް ފިޔަވަޅު އެޅީ، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އާދަމް އާރިފްއާ ދިމާލަށް ވިދާޅުވި އެއްޗަކާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގައި އަހުމަދު މަސައްކަތް ކުރައްވާތާ ގާތްގަނޑަކަށް ތިން އަހަރު ވަނީ ވެފަ އެވެ. އޭނާ ފަހަކަށް އައިސް އެ ކޯޓުގައި ބައްލަވަނީ މަސްތުވާތަކެއްޗާއި ބޮޑެތި މަރުގެ މައްސަލަތައް ކަމަށް ވެ އެވެ.
އަހުމަދުގެ ސަސްޕެންޝަނާ އެކު ކްރިމިނަލް ކޯޓުގައި މިވަގުތު މަސައްކަތް ކުރައްވާނީ ހަތަރު ފަނޑިޔާރުންނެވެ.