ރީ-ރަޖިސްޓްރީ ކުރާ މީހުންގެ އަދަދު މާގިނަ ވުމުން ސަމާލުވާން އިބޫ އެދިވަޑައިގެންފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާފައިވާ އަދަދު ގަބޫލު ކުރަން ދަތިވަރަށް ގިނަ ކަމަށާއި އެހެންވެ، އެކަމަށް ސަމާލު ވުމަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ އިލްތިމާސް ކުރައްވައިފި އެވެ.


އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި ރޭ 12 ޖެހުމާ ހަމައަށް، 86،000 މީހުން ވަނީ ރީ-ރަޖިސްޓްރީވާން ފޯމު ހުށަހަޅައިފަ އެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު މިރޭ 12ގެ ނިޔަލަށް އިތުރުކޮށްފައިވާތީ، މުއްދަތު ހަމަވާއިރު އެ އަދަދު 95،000 އަށް އަރާނެ ކަމަށް ވެސް އެތަނުން ލަފާ ކުރެ އެވެ.

ވޯޓުލާން ރަޖިސްޓްރީވި މީހުންގެ އަދަދު އިއްޔެ ހަވީރުގެ ނިޔަލަށް 72،000 އަށް އަރާފައިވާ ކަމަށް ބުނެ އީސީން އިއުލާން ކުރި ފަހުން، މާލޭގައި ނ. އަތޮޅުގެ ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެއީ ރަޖިސްޓްރީ ކުރާނެ ކަމަށް ހިތަށް ވެސް އަރާވަޑައިނުގަންނަވާވަރުގެ ބޮޑު އަދަދެއް ކަމަށެވެ.

އިދިކޮޅުން ލަފާ ކުރި ގޮތުގައި އެ އަދަދު އެންމެ ގިނަ ވެގެން ވެސް އަރާނީ 75،000 އަށެވެ.

އިބޫ ވިދާޅުވީ އިންތިހާބުގެ ކަންކަން ހިނގަމުންދާ ގޮތުން، މިއީ ރަނގަޅު އަދަދެއްތޯ ވިސްނާލަން ޖެހޭ ކަމަށެވެ. އެހެންވެ، ރީ-ރަޖިސްޓްރީ ނުކުރި ނަމަވެސް، ކޮންމެ މީހަކު ވެސް އެ މީހަކު ވޯޓުލާން އޮތް ފޮށީގައި ނަން އޮތްތޯ ބެލުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"[އީސީން އިއުލާން ކުރި އަދަދަކީ] ރަނގަޅު އަދަދަކަށް ވެސް ވެދާނެ. ނަމަވެސް ކަންކަން ހިނގަމުން ދާ ގޮތުން އަޅުގަނޑުމެންނަށް ފަރުވާކުޑަކޮށްލެވޭކަށް ނެތް. އެހެންވެ، އަޅުގަނޑު އެދެން، ރީ-ރަޖިސްޓްރީ ނުކުރި ނަމަވެސް ކޮންމެ މީހަކު ވެސް އެ މީހަކު ވޯޓުލާން ޖެހޭ ފޮށީގައި ނަން އޮތްތޯ ބަލައި ޔަގީން ކުރަން،" އިބޫ ވިދާޅުވި އެވެ.

ރީ-ރަޖިސްޓްރީ ކުރުމަށް ފޯމު ފުރުމުގެ ކަންކަން، އީސީގެ އިތުރުން ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ ކުރަމުންނެވެ. އަދި ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ފޯމުތައް، ޕާޓީތަކުން އަންނަނީ އީސީއަށް ފޮނުވަމުންނެވެ.

ރީ-ރަޖިިސްޓްރީ ކުރުމަށް ފޯމު ހުށަހެޅި މީހުންގެ އަދަދު ގިނަކަން، އިލެކްޝަންސް އިން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެތަނުން ވެސް ކުރިން ލަފާކޮށްފައިވާ ގޮތުން ފޯމު ހުށަހަޅާނީ ގިނަވެގެން، 80،000 އެއްހާ މީހުންނެވެ.

މިދިޔަ ފަހަރުގެ އިންތިހާބުގައި ރީ-ރަޖިސްޓްރީވެފައިވަނީ 58،000 މީހުންނެވެ.

އީސީން ބުނިގޮތުގައި ރީ-ރަޖިސްޓްރީވި މީހުންގެ އަދަދު އިތުރުވެފައިވަނީ، އަލަށް ވޯޓުލާ މީހުންގެ އަދަދު ވެސް އިތުރުވެފައިވާތީ އެވެ. އެގޮތުން މި އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު، ކުރީ ފަހަރަށް ވުރެ 10 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.

އާއްމުކޮށްފައިވާ ވޯޓާސް ރަޖިސްޓްރީގައިވާ ގޮތުން މި އަހަރުގެ އިންތިހާބުގައި 263،183 މީހުންނަށް ވޯޓުލެވޭނެ އެވެ. އެންމެ ފަހުން 2013 ގައި އޮތް ރިޔާސީ އިންތިހާބުގައި އެ އަދަދު އުޅުނީ 239،165 ގަ އެވެ.