މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ވޯޓުލުމަށްޓަކައި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓަރީ ކޮށްދިނުމަށް އެދި މިހާތަނަށް 86،000އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރުމަށް އެންމެ ފުރަތަމަ ހުޅުވާލި މުއްދަތު ރޭ ހަމަވި އިރު ހީނުކުރާ ވަރަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މުއްދަތު މިރޭ 12 ޖެހުމާ ހަމައަށް އިތުރުކޮށްފައި ވުމުން، މުއްދަތު ހަމަވާއިރު 95،000 އެއްހާ ފޯމު ލިބޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރެއާ ހަމައަށް އެބައޮތް 86،000 ފޯމު ހުށަހަޅާފައި. މިއީ މިހާތަނަށް ބަލާއިރު ރެކޯޑެއް. އަދި މުއްދަތު ހަމަވާއިރު އެ އަދަދު މާބޮޑަށް އިތުރުވާނެ ކަމަށް ބެލެވޭ،" އަކްރަމް ވިދާޅުވި އެވެ.

ރަޖިސްޓްރީވުމަށް ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހެޅި ނަމަވެސް، އެ ފޯމުތައް ވެރިފައި ކުރާއިރު، އެކި މައްސަލަތަކާ ހެދި ބައެއް ފޯމުތައް ބާތިލް ކުރަން ޖެހިދާނެ އެވެ. އެހެންވެ، ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ފައިނަލް އަދަދު ކޮންމެވެސް ވަރަކަށް މަދުވާނެ ކަމަށް އީސީން ލަފާ ކުރެ އެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާފައިވަނީ 60،000 މީހުންނެވެ. ނަމަވެސް ރީ-ރަޖިސްޓްރީ ވެވުނީ 58،000 މީހުންނަށެވެ.

"އެހެންވެ، މި ފަހަރު ފޯމު ހުށަހެޅި އަދަދާ މެދު އަޅުގަނޑުމެން ވަރަށް ހިތްހަމަ ޖެހިފައި މި ތިބީ،" އަކްރަމް ވިދާޅުވި އެވެ.

އީސީން ބުނިގޮތުގައި ހުރިހާ ފޯމުތައް ޕްރޮސެސްކޮށް ނިމުމުން، ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

ރީ-ރެޖިސްޓަރީ ކޮށްދިނުމަށް އެދި ހުށަހަޅާ ފޯމުތަކުގައި ޖަހާފައިވާ އިނގިލީގެ ނިޝާން ވެރިފައި ކުރުމަށް ފުލުހުންނަށް އީސީން ފޮނުވަނީ އެ ފޯމުތައް ޕްރޮސެސް ކުރުމަށް ފަހު އެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. އަދި އިންތިޚާބުގައި ރާއްޖެ އަދި ބޭރުގެ ބައެއް ގައުމުތަކުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ.