އަންނަ މަހު ހަތަރެއްގައި ބާއްވާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މީހުން ސޮއިކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
ކެންޑިޑޭޓުން ސޮއިކުރުމަށް ހަމަޖެހިފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާ ބެހޭ މަރުކަޒުގައި ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކެންޑިޑޭޓުން ރަޖިސްޓްރީގައި ސޮއިކުރުން ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަދި ރޭގަނޑު 9:30 އިން 12:00 އަށް ކަމަށް އީސީން ބުންޏެވެ.
އެ އިއުލާނުގައި ބުނީ ކެންޑިޑޭޓުންގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ މީހުން ސޮއިކުރަން ދާއިރު، އެކަން ބަޔާންކޮށް ބަދަލުގައި ދާ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާ އެކު، ކެންޑިޑޭޓުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންދަން ވާނެ ކަމަށެވެ. ރަޖިސްޓަރީގައި ސޮއިކުރަން ދާ މީހާގެ އައިޑީ ކާޑުގެ އަސްލު ގެންދަން ވާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.
އެ އިންތިހާބުތަކުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
އެ އިންތިހާބުތަކުގައި ވޯޓު ލުމަށް މާލެ ސަރަހައްދުގައި 190 އަށް ވުރެ ގިނަ މަރުކަޒު ހަދަ އެވެ. އެއީ މާލޭގައި 132 މަރުކަޒާއި ހުޅުމާލެ 1 ގައި 34 މަރުކަޒާއި ހުޅުމާލޭ 2 ގައި 18 މަރުކަޒުގެ އިތުރުން ވިލިމާލޭގައި ނުވަ މަރުކަޒެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި 1،592 އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ އިންތިހާބުގައި ވޯޓުލާން ދިއުމުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ/ނެފެންނަ ވޯޓަށް ވެސް އަހާނެ އެވެ.