ހައި ކޯޓުގެ ހުކުމަކާ ގުޅިގެން އަލުން ވޯޓު ގުނުމުން ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ވޯޓު އެއްވަރުވެފައި ވާތީ އެ ގޮނޑިއަށް މީހަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި އެވެ. 

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން މިއަދު ހެނދުނު 8:00 އިން ފެށިއިރު، ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. 

ވޯޓުލާން ފެށިތާ ގަޑިއިރެއްވީ އިރު، ވޯޓު ލާފައި ވަނީ އެންމެ 12 ޕަސެންޓް މީހުން ކަމަށް އީސީން ބުންޏެވެ. 

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު 1،409 މީހަކަށް ލިބެ އެވެ.

މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް އާއި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދުގެ އިތުރުން އަމިއްލަ ގޮތުން އިބްރާހިމް ނަސީމެވެ.

އެ ނަތީޖާގައި އޮއްވައި ސުހާއަށް ލިބުނު ވޯޓެއް އެންމެ ފުރަތަމަ ބާތިލުވީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް، ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާކަން ސާބިތުވުމުންނެވެ. އެހެންވެ، ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެފައި ވަނިކޮށް، ފޮނަދޫ ފޮށި އަލުން ގުނުމުން، އެމްޑީއޭގެ ކެންޑިޑޭޓަށް މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. 

އޭގެ ތެރެއިން ސުހާއަށް އެންމެ ފުރަތަމަ ލިބުނީ 393 ވޯޓެވެ. އަދި ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓަށް ލިބުނީ 100 ވޯޓެވެ. 

ނަމަވެސް، ސުހާއަށް ލިބުނު ދެ ވޯޓު ކަރުދާހެއް ގޯސްކޮށް ބާތިލްކުރި ކަމަށް ބުނެ، އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުން މިދިޔަ މަހު ހައި ކޯޓުން ވަނީ އޭގެ ތެރެއިން އެއް ވޯޓެއް ސައްހަ ކަމަށް ހުކުމްކޮށްފަ އެވެ. އެހެންވެ، ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން ބައި-އިލެކްޝަން ބާއްވަން އީސީން ނިންމީ އެވެ.