ހައި ކޯޓުގެ ހުކުމަކާ ގުޅިގެން އަލުން ވޯޓު ގުނުމުން ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ ވޯޓު އެއްވަރުވެފައި ވާތީ މިއަދު ނެގި ވޯޓުގައި އެމްޑީއޭގެ ކެންޑިޑޭޓު ބަލިކޮށް، އެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކާމިޔާބުކޮށްފި އެވެ.
މި އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރީ ޕީއެންސީގެ ސުހާ އާއި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު އެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1،409 މީހުންގެ ތެރެއިން 978 މީހަކު މިއަދުގެ އިންތިހާބުގައި ވޯޓުލި އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން މިއަދު ހެނދުނު 8:00 އިން 4:00 އަށް ބޭއްވި އިންތިހާބު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ ކާމިޔާބުކުރީ 529 ވޯޓުންނެވެ. ޝާހިދަށް ލިބުނީ 449 ވޯޓެވެ.
މިއާ އެކު، މީދޫގެ ކައުންސިލުގެ ހުރިހާ ގޮނޑިއެއް ލިބިފައި ވަނީ ޕީއެންސީއަށެވެ.
މީދޫ ކައުންސިލުގެ ރައީސްގެ އިންތިހާބު އަލުން ބޭއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި އެ ގޮނޑިއަށް ވާދަކުރި ސުހާ އާއި ޝާހިދުގެ ވޯޓާ ގުޅިގެން އުފެދި މައްސަލަތަކާ ހުރެ އެވެ.
އެ އިންތިހާބުގައި ސުހާއަށް އެންމެ ފުރަތަމަ ލިބުނީ 393 ވޯޓެވެ. ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް ނަސީމަށް ލިބުނީ 100 ވޯޓެވެ.
އެ ނަތީޖާގައި އޮއްވައި ސުހާ އަށް ލިބުނު ވޯޓެއް އެންމެ ފުރަތަމަ ބާތިލުވީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް، ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާކަން ސާބިތުވުމުންނެވެ. އެހެންވެ، ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެފައި ވަނިކޮށް، ފޮނަދޫ ފޮށި އަލުން ގުނުމުން، އެމްޑީއޭގެ ކެންޑިޑޭޓަށް މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.
އެކަމަކު ސުހާއަށް ލިބުނު ދެ ވޯޓު ކަރުދާހެއް ގޯސްކޮށް ބާތިލްކުރި ކަމަށް ބުނެ، އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން މިދިޔަ މަހު ހައި ކޯޓުން ވަނީ އޭގެ ތެރެއިން އެއް ވޯޓެއް ސައްހަ ކަމަށް ހުކުމްކޮށްފަ އެވެ.
އެހެންވެ، ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން ބައި-އިލެކްޝަން ބާއްވަން އީސީން ނިންމީ އެވެ.