ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓްގެ ކެންޑިޑެންސީއާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެކު، އެ މަގާމު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ކަށަވަރުވެއްޖެ އެވެ.
ކައުންސިލް އިންތިހާބާ ގުޅޭ އިންތިހާބީ ޝަކުވާއެއް ސުޕްރީމް ކޯޓަށް ހުށަހެޅީ ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ހުށަހެޅި އަބްދުލްމަޖީދެވެ.
އޭނާ މައްސަލަ ހުށަހެޅި ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. މަޖީދުގެ ކެންޑިޑެންސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ ހުށަހަޅަން ޖެހޭ ބައެއް މައުލޫމާތު ފުރިހަމަ ނުވާތީ އެވެ. ސުޕްރީމް ކޯޓުން ބުނީ، އެ ކޯޓަށް އިހުތިސާސް ލިބެނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓެއްގެ ޝަރުތަކާ މެދު ނިންމާ ނިންމުމަކާ ގުޅޭ ގޮތުން ކަމަށެވެ.
މިއަދު އިލެކްޝަން ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، ކ. ގުރައިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ޝަރުތު ހަމަވެފައިވަނީ، އިންތިހާބު ކުރަންޖެހޭ އަދަދަށް ކަމަށެވެ.
އެހެންވެ، އެ މަގާމަށް ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކ. ގުރައިދޫ، އޯޝަންރީޑް، އިބްރާހީމް ޝަލީޒް އިންތިހާބު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ.
އޭނާއަކީ މިހާރު ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އެވެ.
ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި ފާތިމަތު ސޫޒަން ވެސް ސުޕްރީމް ކޯޓަށް އިންތިހާބީ ޝަކުވާއެއް ލި އެވެ.
ސޫޒަންގެ މައްސަލައިގައި ނިންމީ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމާފައިވަނީ ސައްހަ ގާނޫނީ އަސާސެއްގެ މައްޗަށް ނޫން ކަމަށެވެ. ސޫޒަންގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމާފައި އޮތީ ދަރަންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ.
މި ދެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން، އެ ދެ ރަށުގައި ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން އޮތީ މަޑުޖައްސާލައިފަ އެވެ. ނަމަވެސް، މިހާރު އިލެކްޝަން ކޮމިޝަނުން ވަނީ ދެ ރަށުގެ ކެންޑިޑޭޓުންގެ މެދުގައި ގުރު ނަގައި، ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށް އެކަން އިއުލާންކޮށްފަ އެވެ.
ގުރައިދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ޕީއެންސީއަށް ލިބިފައިވާއިރު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ގޮނޑިތައް ހިމެނޭހެން ޖުމްލަ 69 ގޮނޑިއެއް އިންތިހާބަކާ ނުލައި ޕީއެންސީއަށް މީގެކުރިން ކަށަވަރުވެފައިވެ އެވެ.