ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ހައި ކޯޓުން ބާތިލް ކުރުމުން ޕީއެންސީގެ ކެންޑިޑޭޓަކު ހޮވުނު މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ބަލައިގެންފި އެވެ.
ވޯޓު ކަރުދާހުގައި ތިކިތަކެއް ހުރިކަން ފެންމަތިކޮށްފައިވަނީ މ. ވޭވަށު ކައުންސިލަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް ހުށަހެޅި މައްސަލާގަ އެވެ. އޭނާ އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ބާތިލް ކަމަށް ބެލެވޭ ތިން ވޯޓެއް ކަރުދާހެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ. އެގޮތަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ އެ ދާއިރާގެ ވޯޓު ފޮށްޓެއް އަލުން ހުޅުވައިގެން ބެލުމަށްފަހު އެވެ.
ކޮމިޝަނުން ބުނެފައިވަނީ ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ޕްރިންޓް ކުރުމުގައި ދިމާވި ކަމެއް ކަމަށްވާތީ އެ ވޯޓުތައް ބާތިލް ނުވާނެ ކަމަށެވެ. އެހެންވެ، ފުރަތަމަ ދެ ވޯޓުގެ ތަފާތަކުން ނަޒީހުގެ މައްޗަށް ކުރި ލިބިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަމް ނައީމަށެވެ.
ނަމަވެސް ނަޒީހު ހުށަހެޅި މައްސަލާގައި ހައި ކޯޓުން ނިންމީ އެ މައްސަލާގައި ހިމެނޭ ތިން ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ މަތިމަތިން ބެލުމުން ވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގަތަކެއް ކަމަށެވެ. އެހެންކަމުން އެއީ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭ ގޮތަށް ހުރި ވޯޓުތަކެއް ނޫން ކަމަށް ކަނޑަައެޅި އެވެ.
ހުކުމްގައި ކަނޑައަޅާފައިވަނީ އެ ތިން ވޯޓު ކަރުދާސް ބާތިލް ކަމަށެވެ. އަދި އެ ތިން ވޯޓު އުނިކުރުމަށްފަހު އަލުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން އަމުރުކޮށްފައިވެ އެވެ. އެގޮތަށް އަމަލު ކުރުމުން ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ނަޒީހެވެ.
އެ ހުކުމް އިސްތިއުނާފު ކުރަން އަހުޝަމް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިހާރު ވަނީ ބަލައިގަނެ ރަޖިސްޓްރީކޮށްފަ އެވެ.
ހައި ކޯޓުގައި އެ މައްސަލަ ކުރިއަށް ދިޔައިރު އެމްޑީޕީން ތަދައްހުލްވި އެވެ. އަދި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް އެމްޑީޕީން ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، އެ މައްސަލަ އަދި ބަލައިނުގަނެވެ.
މައްސަލަ ކޯޓުގައި އޮތުމުން ވޭވަށު ކައުންސިލްގެ އެ މަގާމު އޮތީ ހުސްކޮށެވެ.
ހައި ކޯޓުން އެ މައްސަލާގައި ހުކުމް އިއްވާފައިވަނީ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް ބެންޗުގައި އިންނެވި ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު ތަފާތެވެ. އެ ފަނޑިޔާރުގެ ރައުޔުގައި ބުނެފައިވަނީ ވޯޓު ކަރުދާސްތަކުގައި ހުރި ދެލިތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަަމަށް ނުބެލެވޭ ކަމަށެވެ.