ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓު ކަރުދާސްތައް ބާތިލު ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ވޯޓު ކަރުދާސްތައް ބާތިލު ކަމަށް އެ ކޯޓުން ކަނޑައަޅައިފި އެވެ. 

މި މައްސަލަ ފެންމަތިކޮށްފައިވަނީ މ. ވޭވަށް ކައުންސިލަށް ޕީއެންސީ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މައްސަލައިގަ އެވެ. އޭނާ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ ބާތިލު ކަމަށް ބެލެވޭ ތިން ވޯޓު ކަރުދާހެއް ސައްހަ ކަމަށް ކަނޑައެޅުމުންނެވެ. އެގޮތަށް ކަނޑައަޅާފައިވަނީ ވޯޓު ފޮށި އަލުން ހުޅުވައިގެން ބެލުމަށް ފަހު އެވެ. 

މި އިންތިހާބުގައި ދެ ވޯޓުގެ ތަފާތަކުން ނަޒީހުގެ މައްޗަށް ކުރި ލިބިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓަކަށެވެ. ނަޒީހު އެދިފައިވަނީ ވޭވަށު ކައުންސިލްގެ އިންތިހާބު ބާތިލުކޮށް، އަލުން އިންތިހާބު ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. 

އެ މައްސަލައިގައި މިއަދު ހައި ކޯޓުން އިއްވި ހުކުމްގައި ބުނީ  މައްސަލައިގައި ހިމެނޭ ތިން ވޯޓު ކަރުދާހުގައި ހުރި ފާހަގަތަކަކ،ީ މަތިމަތިން ބެލުމުން ވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގަތަކެއް ކަމަށެވެ.

އެހެންކަމުން އެއީ ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭ ގޮތަށް ހުރި ވޯޓުތަކެއް ނޫން ކަމަށް ކަނޑަައެޅި އެވެ. 

"ވޯޓު ކަރުދާހެއްގައި ވަކި މިވެނި ފާހަގައެއް އޮންނާނެކަމަށް ބުނުމުގެ ފުރުސަތު އޮވެ، އެ ފާހަގައަކ،ީ ދުރުން ބަލަންތިބޭ ފަރާތްތަކަށް މަތިމަތިން ބެލުމުންވެސް ފާހަގަވާން އޮންނާނެފަދަ ފާހަގައެއް ނަމަ އެ ވޯޓު ކަރުދާހަކީ ވަކިކޮށް ދެނެގަނެވޭނެފަދަ ފާހަގައެއް އޮތް އަދި ސިއްރުކަން ކަށަވަރުނުވާ ވޯޓު ކަރުދާހެއް،" ހުކުމްގައި ބުންޏެވެ. 

އެހެންވެ، ހުކުމްގައި ކަނޑައަޅާފައިވަނީ އެ ތިން ވޯޓު ކަރުދާސް ބާތިލް ކަމަށެވެ. އަދި އެ ތިން ވޯޓު އުނިކުރުމަށް ފަހު އަލުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ. 

އެގޮތަށް އަމަލު ކުރުމުން އިންތިހާބު ކުރި ލިބޭނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ނަޒީހަށެވެ. 

ހައި ކޯޓުން މި ހުކުމް އިއްވާފައިވަނީ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ބެންޗުގައި އިންނެވި ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު ތަފާތެވެ. އެ ފަނޑިޔާރުގެ ރައުޔުގައި ބުނެފައިވަނީ ވޯޓު ކަރުދާސްތަކުގައި ހުރި ދެލިތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަަމަށް ނުބެލެވޭ ކަމަށެވެ.