މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ މ. ވޭވަށު ކައުންސިލުގެ އިންތިހާބުގައި ހިމެނޭ ވޯޓު ކަރުދާސްތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ހައި ކޯޓުން ބާތިލް ކުރަން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. 

ވޯޓު ކަރުދާހުގައި ތިކިތަކެއް ހުރެގެން މައްސަލަ ބޮޑުވެފައިވަނީ ވޭވަށު ކައުންސިލުގެ ރައީސްގެ އިންތިހާބެވެ. އެ މަގާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް ހުށަހެޅީ ދެލިތިކިތަކެއް ހުރި ތިން ވޯޓެއް ކަރުދާހެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ. 

ކޮމިޝަނުން ބުނެފައިވަނީ ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ޕްރިންޓް ކުރުމުގައި ދިމާވި ކަމަކަށް ވާތީ އެ ވޯޓުތައް ބާތިލް ނުވާނެ ކަމަށެވެ. އެހެންވެ، ދެ ވޯޓުގެ ތަފާތަކުން ނަޒީހުގެ މައްޗަށް ކުރި ލިބިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަމް ނައީމަށެވެ. 

ނަމަވެސް އެ މައްސަލަ ނަޒީހުގެ ފަރާތުން ހުށަހެޅުމުން ހައި ކޯޓުން ކުރިން ނިންމީ އެ މައްސަލާގައި ހިމެނޭ ތިން ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ މަތިމަތިން ބެލުމުން ވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގަތަކެއް ކަމަށެވެ. އެހެންކަމުން އެއީ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭ ގޮތަށް ހުރި ވޯޓުތަކެއް ނޫން ކަމަށް ކަނޑަައެޅި އެވެ. 

ހައި ކޯޓު ހުކުމްގައި އެ ތިން ވޯޓު ކަރުދާސް ބާތިލް ކަމަށް ކަނޑައެޅުމުން އިންތިހާބުން ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ނަޒީހެވެ. އެހެންވެ، އެ ހުކުމް އެމްޑީޕީގެ ކެންޑިޑޭޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. 

އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ޗާޕްކުރާ ވޯޓު ކަރުދާސްތަކުގައި ހުންނަ ދެލި ނުވަތަ ކުނޑިތަކަކީ އެއްކޮށް ނައްތާލުން މުސްތަހީލް ކަމެއް ކަމަށް އިލެކްޝަން ކޮމިޝަނާއި ޕްރިންޓްކުރާ ފަރާތުން ބުނެފައިވާ ކަމަށާއި އަދި އެފަދަ ތިކި ހުންނަ ކޮންމެ ވޯޓު ކަރުދާހެއް ބާތިލް ކުރަން ވެއްޖެނަމަ، އެއީ ކުރިމަގުގައި ބާއްވާ އިންތިހާބުތަކުގައި ވޯޓު ކަރުދާސްތައް ބާތިލް ކުރަން ހުޅެވޭ ދޮރެއް ކަމަށް އެ ހުކުމުގައިވެ އެވެ. 

"މިއީ މުޅި އިންތިހާބީ ނިޒާމް ބައްޓަން ކުރުމުގައި އިއާދަ ނުކުރެވޭނެ ގެއްލުމާއި ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް އިއްވަވަމުން ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވި އެވެ.

އެހެންވެ، ހައި ކޯޓުގެ ހުކުމަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ ހުކުމް ބާތިލްކުރީ ކަމަށް ހުކުމް އިއްވަވަމުން ފަނޑިޔާރު ހަމީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަމީދުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހަމީދެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމާ އެކު، އިންތިހާބު ކާމިޔާބު ވާނީ އެމްޑީޕީގެ ކެންޑިޑޭޓް އަހުޝަމްއަށެވެ. އަދި އެ މައްސަލަ ކޯޓުގައި އޮތުމުން މިހާތަނަށް ވޭވަށު ކައުންސިލްގެ އެ މަގާމު އޮތީ ހުސްކޮށެވެ.