ލޯކަލް ކައުންސިލް އިންތިހާބުގެ ދެ ދާއިރާއެއްގެ ވޯޓު އަލުން ގުނަން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބާ ގުޅިގެން ހައި ކޯޓަށް އިންތިހާބީ ޝަކުވާގެ މައްސަލައެއް ހުށަހެޅީ އެމްޑީޕީގެ ފަރާތުންނާއި ތ. ތިމަރަފުށި ކައުންސިލްގެ މެމްބަރު ކަމަށް ވާދަކުރި ކެންޑިޑޭޓެކެވެ. 

އެމްޑީޕީގެ ފަރާތުން ހުށަހެޅީ ވެލިދޫ ދާއިރާގެ ވޯޓު ފޮށްޓެއް އަލުން ގުނުމަށް ފަހު، އެމްޑީޕީގެ ދެ ކެންޑިޑޭޓަކަށް ލިބިފައިވާ ވޯޓުތައް ބާތިލް ކޮށްފައިވާތީ އެ ފޮށީގެ ވޯޓުތައް އަލުން ގުނުމަށެވެ. އަދި ތިމަރަފުށީ ކައުންސިލަށް ވާދަކުރި ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާ ހުށަހެޅީ މާލޭގައި ބެހެއްޓި ފޮށްޓެއްގެ ވަގުތީ ނަތީޖާ އިއުލާންކުރި ފަހުން ބާތިލް ވޯޓުތައް ވެސް ހިމެނޭ ގޮތަށް ކޮމިޝަނުން ނަތީޖާ ޝީޓަށް ބަދަލު ގެނެސް އެހެން ކެންޑިޑޭޓަކު ހޮވިފައިވާ ކަމަށް އިއުލާން ކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ ދެ މައްސަލައާ ގުޅިގެން ވެސް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނާ ހިލާފުވާ ގޮތެއް ބަޔާންކޮށްދީފައި ނުވާތީ، އެ ދެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާނީ ހައި ކޯޓުންނެވެ.