ލޯކަލް ކައުންސިލްގެ އިންތިހާބުގައި ހުޅުމާލޭ މެދުދާއިރާގެ ގޮނޑީގެ ވޯޓުތަކެއް އަލުން ގުނަން އަމުރުޗކޮށްދޭން އެދި އެމްޑީޕީން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް މިއަދު ނިންމައިފި އެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ހުޅުމާލޭ މެދުދާއިރާގެ ގޮނޑިއަށް 11 ވޯޓުގެ ތަފާތަކުން ހޮވުނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސަނީހް ހަނީފެވެ. އޭނާ އަށް 916 ވޯޓު ލިބުނުއިރު، އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ސަފާތު އަހުމަދު ޒާހިރަށް ލިބުނީ 905 ވޯޓެވެ. ނަމަވެސް ބާތިލް ވޯޓުތަކުގެ އަދަދު 400 އަށް ވުރެ ގިނަ އެވެ.
އެ މައްސަލާގައި އެމްޑީޕީން ހައި ކޯޓަށް އިންތިހާބީ ޝަކުވާގެ މައްސަލައެއް ހުށަހެޅީ އެ ދާއިރާގެ ވޯޓު ފޮށްޓެއްގެ ވޯޓުތައް ގުނުމުގައި ބާތިލް ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި ގުނާފައި އޮތުމާއި ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓުގެ ފަރަގު ކުޑަކަމުން، އަލުން ވޯޓު ގުނައިފި ނަމަ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވީ ވޯޓު ކަރުދާސް އަލުން ނުގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ގޯސްވާ ސަބަބެއް އެމްޑީޕީގެ ފަރާތުން ބުނެދީފައި ނުވާތީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
އެ މައްސަލާގެ އިތުރުން ބައެއް ރަށްރަށުގެ ރަށު ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުތައް އަލުން ގުނުމަށް ވެސް އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް އެ ހުރިހާ މައްސަލަތަކެއް ވެސް ބަލައިނުގަތުމަށް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
ހުޅުމާލޭ މެދުދާއިރާގެ އިންތިހާބުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ނިންމިއިރު، އެ ދާއިރާއަކީ މި ފަހަރުގެ ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލުން ޕީއެންސީއަށް ހަމައެކަނި ކާމިޔާބުވި ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި އެވެ. އަދި ބާކީ އޮތް 15 ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.