ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޓިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީއެންސީގެ ޕްރައިމަރީ ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެެވެ. އެ ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

އެ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 މީހުންނެވެ.

މިއަދު ކުރިއަށް ގެންދާ ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލޭގައި މީހަކު ވޯޓުލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިއަދު ކުރިއަށް ގެންދާ ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލޭގައި މީހަކު ވޯޓުލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެ އިންތިހާބަށް ޕީއެންސީން ކަނޑައަޅާފައިވާ މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ކުރިން ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ދާއިރާއަކަށް ވެސް އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރާނެ އެވެ. އަދި ޕާޓީން މިފަހަރު ނިންމާފައި ވަނީ އެ މީހަކު ނިސްބަތްވާ ރަށެއްގައި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ކަމަށް ވިދާޅުވި އެވެ.

ޕީއެންސީގެ ކައުންސިލު އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް ދަނީ.
ޕީއެންސީގެ ކައުންސިލު އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް ދަނީ.

ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް ޕީއެންސީއަށް ގިނަ ބަޔަކު ވަދެފައިވެ އެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 70،000 އިން މައްޗަށް ގޮސްފައިވާ ކަމަށް ފަލާހު ވިދާޅުވެ އެވެ. އަދި އެ ޕްރައިމަރީގައި ގިނަ ބަޔަކު ވޯޓުލާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

މިއަދު ކުރިއަށް ގެންދާ ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލޭގައި މީހަކު ވޯޓުލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މިއަދު ކުރިއަށް ގެންދާ ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލޭގައި މީހަކު ވޯޓުލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.

އިދިކޮޅު އެމްޑީޕީން ވެސް ދަނީ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަންނަ މަހުގެ 16 ގައި ބާއްވަން ތައްޔާރުވަމުންނެވެ. އެ ޕާޓީގެ ޕްރައިމަރީގައި 125 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.