ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މަދުވެގެން 800 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ކެމްޕޭން މެނޭޖަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.

އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި މާފަންނު ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ފަލާހު ވިދާޅުވީ، ޕީއެންސީގެ ތަފާތު އެކި ތަފާސްހިސާބުތައް ދައްކާ ގޮތުން، އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެ ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލް ގޮނޑިތަކުގެ ތެރެއިން އިންތިހާބަކާ ނުލައި ޕީއެންސީން މިހާރު ވެސް 69 ގޮނޑި ކާމިޔާބު ކޮށްފައިވާކަން ފާހަގަ ކުރައްވަމުން ފަލާހު ވިދާޅުވީ އިންތިހާބުގައި ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށެވެ.

 

ޕީއެންސީގެ ރޭގެ ބައްދަލުވުމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު ފަލާހާއި އެހެން ބައެއް ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވަނީ.
ޕީއެންސީގެ ރޭގެ ބައްދަލުވުމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު ފަލާހާއި އެހެން ބައެއް ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވަނީ.

އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ހިންގާ ޕީއެންސީއަކީ ވެސް ވިސްނުމުގެ ގޮތުން ތަފާތު ދެ ޕާޓީކަން ފާހަގަ ކުރައްވަމުން ފަލާހު ވިދާޅުވީ އެ ދެ ޕާޓީގެ ސިޔާސަތުތައް ވެސް ވަރަށް ތަފާތުވާނެ ކަމަށެވެ. 

މިނިވަން ކެންޑިޑޭޓުންގެ ތެރޭގައި ސަރުކާރުގެ ކެންޑިޑޭޓުން ތިބި ކަމަށް އަޑުފެތުރެމުން ދިޔަ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް 1،592 މީހުން ކުރިމަތިލާފައިވާއިރު އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް 1،368 މީހުން ވާދަ ކުރެ އެވެ.