ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު، ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީގެ ކެމްޕެއިން މެނޭޖަރަކީ އޭނާ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
17 ޑިސެމްބަރ 2025 - 20:09
އަންނަ އަހަރުގެ އޭޕްރިލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް، ވެރިކަންކުރާ ޕީއެންސީން ނެރޭ ކެންޑިޑޭޓުން ކަނޑައަޅަން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގައި މިމަހުގެ 27 ވަނަ ދުވަހު ޕްރައިމަރީ ބާއްވާނެކަން އެ ޕާޓީން މިއަދު އިއުލާނުކޮށްފި އެވެ.
ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރަން މި މަހުގެ 1-15 އަށް ހުޅުވާލި މުއްދަތު ހަމަވި އިރު ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލާފައިވާ ކަމަށެވެ.
"މިޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމާ މި ދޭތެރޭގައި، ފުރަތަމަ މިމަހުގެ 27 ވަނަ ދުވަހު ބޭއްވޭނީ ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގައި ޕްރައިމަރީ. އެކަމުގެ އިންތިޒާރުގައި މިހާރު ޕްރައިމަރީ އޮންނަ ދާއިރާތަކުގެ ކެންޑިޑޭޓުން ތިއްބަވާނީ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އެ އިންތިހާބު ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަކަށް، ކެންޑިޑޭޓުންނަށް އިންސާފާއި ހަމަހަމަކަން ލިބިގެންދާނެ ގޮތަކަށް ކަމަށެވެ.
އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅޭނީ އޭނާ ވިދާޅުވި ގޮތުގައި ވަޓްސްއެޕް އަދި ވައިބާ މެދުވެރިކޮށެވެ. އެކަމަށް ހާއްސަކޮށްފައިވާ ނަމްބަރު ހުރިހާ ކެންޑިޑޭޓުންނަށް އެނގޭނެހެން އާއްމުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އިންތިހާބު ތެރޭގައި އެ ބޭފުޅުންގެ އެއްވެސް ޝަކުވާއެއް، މައްސަލައެއް އޮތް ނަމަ އެ ނަމްބަރު މެދުވެރިކޮށް، ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ހުށަހެޅީމާ އަޅުގަނޑުމެން ޕާޓީއަށް އެ ޝަކުވާއެއް ލިބޭނެ،" ފަލާހު ވިދާޅުވި އެވެ.
އެތެރޭގެ އިންތިހާބު ބާއްވަން ޖެހޭ. ދާއިރާތަކާއި ބާއްވަން ނުޖެހޭ ދާއިރާތައް ދެނެގުމަށް ކެންޑިޑޭޓުންގެ މައުލޫމާތު ސާފުކޮށް، ޝަރުތު ހަމަވާ އަދި ނުވާ ކެންޑިޑޭޓުން ދެނެގަތުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގެ ޕްރައިމަރީއާ ދިމާކޮށް ޕީއެންސީއަށް ގިނަ ބަޔަކު ވަދެފައިވާ ކަމަށާއި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 70،000 އިން މައްޗަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރުންކުރު
18 December 2025
ތިޔަ ޕާޓީގެ ޕްރައިމެރީއެއް އަސްލު ނޯންނާނެ. ހަމަޖެހިފައިވާ ގޮތަށް ޓިކެޓް ބެހުމޭ ބުނުން ރަނގަޅުގޮތަކީ. އެހެން ނޫނަސް މާގިނަ މީހުނެއް ނޫޅޭނެ ޓިކެޓް ހޯދާކަށްވެސް. ގިނަ މީހުންނަށް އެނގޭނެ ވިއްޔަ ބޭނުންވިޔަސް އަދި ނުލިބޭނެކަން. އެކަމުވެސް ހަމަ ޑިމޮކްރަސީއޭ ކިޔާގެން ތެޅިފޮޅޭ ގޮތް ދައްކާލަން ޖެހޭނެތާ!!
3
17 December 2025
ޖަލީލު ބޮލަށްއެރިގެން އޭނާގެ ފަސްބައި ހަޑިކުރާންނޫޅޭ.
ސުވައިދާ
17 December 2025
ޕީއެންސީ އަކީ ޑިމޮކްރަޓިކް ވެއްޓެއްގައި ހިންގާ ޑިމޮކްރެޓިކް ވަރުގަދަ ޕާޓީއެއްކަން މިކަން ކަމުން ހާމަ ކޮށްދޭ
ވަސީމާ ހަސަން
17 December 2025
މި އިންތިޚާބަކީ ޕީއެންސީ އަށް ވަރަށް ފަހި އިންތިޚާބެއް މި އިންތިހާބު ބޮޑުތަނުން ޕީއެންސީ ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ