އަންނަ ހޮނިހިރު ދުވަހު ބާއްވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުދާންގެ ކެމްޕެއިންގެ މައިގަނޑު ޝިއާރަކަށް "ބަދަހި އާއިލާއެއް ބިނާކުރުން" ރޭ އިފުތިތާހުކޮށްފި އެވެ.
ހުޅުމާލޭގައި ބޭއްވި ހަފުލާއެއްގައި އެ ޝިއާރު އިފުތިތާހު ކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
އެ ހަފުލާގައި ވާހަކަ ދައްކަވަމުން އަލައިކާ ވިދާޅުވީ ގައުމެއް ތަރައްގީވާން އެންމެ މުހިންމީ އެ ގައުމެއްގެ ސިޓީތަކާއި އާއިލާތަކަށް ކުރިއެރުން ލިބުން ކަމަށެވެ. ހާއްސަކޮށް އެ ރަށެއްގެ ކޮމިއުނިޓީތަކަށް ކުރިއެރުން ލިބެންޖެހޭ ކަމަށް ވިދާޅުވި އެވެ.
އަލައިކާ ވިދާޅުވި ގޮތުގައި، އޭނާގެ "ބަދަހި އާއިލާ" ގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދިރިއުޅޭނެ ޖާގަތައް ފަހިކޮށްދިނުމަށް ކަމަށެވެ.
"މާލެ ސިޓީގެ އާއިލާތައް މި ތަހައްމަލު ކުރަމުންދަނީ ހަމައެކަނި ތޮއްޖެހުމެއް ނޫން. މިއީ އިންސާނީ ކަރާމާތަށް ނުފެތޭ ކުދިކުދި ގޮޅިތަކެއްގައި ބަންދުވެފައި ތިބެންޖެހޭ ޖެހުމެއް،" އޭނާ ވިދާޅުވި އެވެ.
އެކަމަށް ހައްލެއް ގެނައުމަށް އަލައިކާ ނިންމަވާފައި ވަނީ އޭނާ އަށް މާލޭގެ އަންހެނުންގެ ކޮމިޓީގެ ރައީސާގެ މަގާމު ލިބިއްޖެ ނަމަ މާލޭގެ ހުރިހާ ސަރަހައްދެއްގައި "އާއިލީ މައިޒާން" ތަކެއް ހަދައި ދިނުމަށެވެ. އެއާ އެކު، މިހާރު ހުރި އެފަދަ ތަންތަން ސާފުތާހިރުކޮށް ބަލަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ހަމަ އެއާއެކު މަގުތަކުގެ ތަރުތީބު ބަދަލުކޮަށް އެއީ އާންމުންނަށް ފަސާހަކަމާ އެކު ހިނގައިބިނގާވެ އުޅެވޭނެ ތަނަކަށް ހަދައި، ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އަޅުގަނޑުމެންގެ މޭޔަރު ކެންޑިޑޭޓު [މޫސާ އަލީ ޖަލީލާއެކު] މި މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ އަޒުމް ކަނޑައަޅައިގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކުރާނަން،" އަލައިކާ ވިދާޅުވި އެވެ.
އޭނާގެ ބަދަހި އާއިލާއެއް ބިނާކުރުން ޝިއާރުގެ އަނެއް އަމާޒަކީ އޯގާތެރި، އަޅާލާ އާއިލާއެއް އުފެއްދުމެވެ. އެކަމަށްޓަކައި އަލައިކާ ބޭނުންވަނީ "އޯލްޑް ކެއާ ފެސިލިޓީ" އެއް ގާއިމް ކުރުމަށެވެ.
"މި މަރުކަޒުތަކުގައި ދާއިމީ ބޮޑެތި ބަލިތަކަށް ތަހައްމަލު ކުރަމުންދާ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާލުއަހުވާލު ގަވާއިދުން ބެލޭނެ ނިޒާމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމް ކުރާނަން،" އަަލައިކާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވަޒީފާ އަށް ދާ މައިންބަފައިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް "ޗައިލްޑް ކެއާ" އަދި "އާފްޓާ ސްކޫލް" ޕްރޮގްރާމްތަކެއް ކަމާގުޅޭ މިނިސްޓްރީތަކާ ގުޅިގެން ހިންގާނެ ކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިއަދު މި ސަރުކާރަކީ މިފަދަ ވިސްނުންތަކަށް ޖާގަދޭ، މި ކަންކަމަށް ވަރަށް ބޮޑަށް ބާރު އަޅާ ސަރުކާރެއް ކަމަށް. އެހެންކަމުން އަޅުގަނޑުމެންނަށް މި ފުރުސަތު މިއަދު މި އޮތީ ވަރަށް ބޮޑަށް ތަންމިނަށް ހުޅުއްވައި ދެއްވާފައި،" އަލައިކާ ވިދާޅުވި އެވެ.
އޭނާގެ ތަސައްވުރުގެ އެންމެ ފަހު ކަމަކީ ފުދުންތެރިކަން އިތުރު ކުރެވޭނެ ކަންކަން ކުރުމެވެ.
އަންހެނުންގެ ކޯޕަރޭޓިވްތަކެެއް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދެއް ކަމަށް ވާއިރު ދިވެހިން އާޓިސްޓުންގެ އުފެއްދުންތައް މާކެޓު ކުރުމާއި އުކާލާ ތަކެތިން ތަކެތި އުފައްދައި މާކެޓު ކުރުމަށް މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން އިސްކަންދޭނެ ކަަމަށް އަލައިކާ ވިދާޅުވި އެވެ.
"...އަދި ގޭގައި ތިބެގެން އަންހެނުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކަށް މަގުފަހި ކުރުމުގެ ގޮތުން އަޅުގަނޑުމެން އަމާޒު ހިފާފައި މިވަނީ ރިވާޑް ވޯކިން ޕްލެޓްފޯމުތައް ގާއިމްކޮށް، އެ ޕްލެޓްފޯމުތަކަށް އަންހެނުން ވާސިލް ކޮށްދިނުމަށް. އަދި ޒުވާނުން ވެސް އުމުރުން ދުވަސްވީ މީހުންނަށް ވެސް މި ޕްލެޓްފޯމުތަކަށް ވާސިލް ކުރެވޭނެ ގޮތްތައް ހަމަޖައްސަައިދޭނަން،" އޭނާގެ ތަސައްވުރު ހާމަކުރައްވަމުން ވިދާޅުވި އެވެ.