ޕީއެންސީގެ ފަރާތުން ރޭ މާލޭގައި ބޭއްވި ތަރާވީހުގައި އެ ޕާޓީގެ ލީޑަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ފެއްޓެވީ އެ މަނިކުފާނު މާލޭގެ މޭޔަރުކަމާ ހަވާލުވެވަޑައިގެން ކައުންސިލުން އޭރު ފާސްކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭން ސަޕޯޓަރުންނަށް ދައްކަވާލައްވަމުންނެވެ.
އެ ޕްލޭންތައް ލިޔެފައިވާ ފޮތް ދައްކަވަމުން ރައީސް ވިދާޅުވީ، އެ ފޮތް ނުވަތަ ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އެމްޑީޕީގެ ޓިކެޓުގައި އެ މަނިކުފާނަށް ފަހު މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުކުރި އާދަމް އާޒިމްގެ ލީޑަޝިޕްގައި މިދިޔަ ދެ އަހަރު އޮތީ ހުއްޓިފައި ކަމަށެވެ.
"ދެ އަހަރު ދުވަސް ހިނގައްޖެ. މާލެ ސިޓީ ކައުންސިލްގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ހަމަ އޭރު ފެށުނު ދައުރު ހިނގަމުން އައިސް މި ނިމެނީ. ދައުރުގެ މި ދެ އަހަރުގެ ތެރޭގައި މި ކަންކަމެއް ނުހިނގާ،" އެކްޝަން ޕްލޭން ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެކްޝަން ޕްލޭނުގައި ހުރި ކަންކަން ހުއްޓިފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ އެންމެ ފަހުގެ ދައުރު އަދި ނުނިމެ އެވެ.
މާލޭ ސިޓީ ކައުންސިލްގައި އޮތީ މިހާރު ވެސް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ކަމަށް ވާއިރު، އެ އެކްޝަން ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން ހުއްޓިފައިވާ މައްސަލާގައި ރައީސް ވިދާޅުވީ، ކަންކަމަށް އަމަލީ ސިފަ ގެނައުމުގެ ބާރު އޮންނަނީ އެ ވަގުތަކު ހުންނަވާ މޭޔަރަށް ކަމަށެވެ.
ކައުންސިލުން ކަންކަން ނުކުރާތީ ސަރުކާރުން މާލޭގައި ހިންގާ މަޝްރޫއުތައް ކަމަށް ރައީސް ފާހަގަކުރެއްވި ބައެއް ކަންކަން:
- މާލޭގައި ގިނަ ބަޔަކަށް އެންމެ ބޮޑަށް ދަތިތަކާ ކުރިމަތިވި ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ރަނގަޅު ފެންވަރަކަށް ވަނީ ހަދަން ފަށާފައި. ރަސްމީ ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެ މަގު ހަދައި ނިމުމުން ގިނަ ބަޔަކަށް ފަސޭހަ ވެއްޖެކަން ރައީސް ފާގަކުރެއްވި. ދެން އޮތީ ރަސްމީ ފާލަމުން ފެށިގެން އިރަށް ގޮސް އެމްޓީސީސީ ޓާމިނަލާ ހަމައަށް މަގު ހެދުން. އެ މަސައްކަތް ރޯދަމަސް ނިމުމުން ފަށާނެ. އޭގެ ފަހުން ހުޅަނގަށް ގޮސް ވެސްޓްޕާކް ސަރަހައްދާ ހަމައަށް މަގު ހަދައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި.
- މާލޭގައި ހުރި ޕާކުތައް ވެސް މިދިޔަ ދެ އަހަރު ހަދަން ފެށީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން. ސަލްޓަންޕާކު ވީރާނާވެފައި. ޖުމްހޫރީ މައިދާން ހަލާކުވެފައި. ރަސްފަންނު، އާޓިފިޝަލް ބީޗު ވެސް ހަލާކުވެފައިވާ ކަމަށް ރައީސް ވިދާޅުވި. ކުރިން ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ތަންތަން ކަމަށް ވިޔަސް ކައުންސިލުން ޒިންމާ އަދާނުކުރުމުން މާލޭގެ ރައްޔިތުންނަށް ލިބުނީ އިހާނެތިކަން ކަމަށް އެ މަނިކުފާނު ވިދާޅުވި. އެހެންވެ، ސަރުކާރުން އެ ހުރިހާ ތަނެއް ހަދަން ފެށީ ކަމަށް ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވި.
މާލެ ސިޓީ ކައުންސިލްގައި 18 މެމްބަރުން ތިއްބަވާއިރު 15 ބޭފުޅުން ނިސްބަތްވަނީ ޕީއެންސީއަށެވެ.
މާލޭގެ ކުރީގެ މޭޔަރުކަން ކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ އިދާރާ ހިންގުމުގެ ހުރިހާ ޒިންމާއެއް އޮންނާނީ މޭޔަރަށް ކަމަށާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަމަލު ކުރައްވާނީ މޭޔަރުގެ އެންގެވުންތަކަށް ކަމަށެވެ. އަދި ކައުންސިލްގެ މުވައްޒަފުން މަސައްކަތް ކުރާނީ ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދަށް ނުވަތަ އެންގުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެން ތިބީ 18 ކައުންސިލަރުންތޯ، ތިން ކައުންސިލަރުންތޯ އެއީ މެޓާވާ ކަމެއް ނޫން ހަގީގަތުގައި ގޯސްކޮށް ކަންކަން ކުރަން ބޭނުންވެއްޖިއްޔާ. މިދިޔަ ދެ އަހަރު ދިޔައީ ގޯސްކޮށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެ ތަނުގައި ކައުންސިލްގައި ތިބި 18 ކައުންސިލަރުން މި ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރަން އެތައް މަސައްކަތެއް ކުރި. އެހެން ނަމަވެސް މާލެ ސިޓީގެ ރައްޔިތުންނަށް މާލެ ފެނިވަޑައިގަންނަވާނެ މި ފޮތުގައި އޮތް ގޮތަކަށް ކަންކަމެއް ނުހިނގާކަން. އަޅުގަނޑު އޭރު މާލޭ މޭޔަރަކަށް ހުރެ ފެށި ކަންކަން އެ ހުރީ ހުއްޓުނު ގޮތަށް ހުއްޓިފައިކަން. އެއްކަމެއް ވެސް ނުހިނގާކަން."
އެ ހިސާބުން ރައީސް އުފެއްދެވީ ސުވާލެކެވެ. އެއީ އެ ބީދައިން ކަންކަން ހިނގަން މާލޭގެ ރައްޔިތުން އަނެއްކާ ވެސް ފުރުސަތު ދޭނީތޯ ނުވަތަ ނޫންތޯ އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ މޭޔަރުކަމުގައި އެކުލަވައިލި މާލޭ ސިޓީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި، މި ސަރުކާރުގެ "ދިވެހީންގެ ރާއްޖޭގެ" މައިގަނޑު ކަންކަން ހިމެނޭނެ އެވެ. ނަމަވެސް މާލޭގައި މިދިޔަ ދެ އަހަރު ލޯކަލް ލެވެލްގައި ކަންކަން ނުކުރެވޭކަން މާލޭގެ ރައްޔިތުން ތަހައްމަލުކުރީ އެ އެކްޝަން ޕްލޭން ތަންފީޒު ނުވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ، މާލޭގެ ކަންކަން ރަނގަޅު ކުރަން އެ މަނިކުފާނަށާއި މި ސަރުކާރަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ މޭޔަރަކާއި ކައުންސިލަރުންގެ ޓީމަކަށް ފުރުސަތު ދިނުމަކީ އިހުލާސްތެރިކަމާ އެކު އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީން ކުރަން އެ ގޮތަށް މި މާލޭގެ ލޮބުވެތި ރައްޔިތުން ހަތަރެއް އޭޕްރީލްގައި ނިންމަވައި ދެއްވާނެ ކަމަށް. އެކަމަށްޓަކައި މިހާރު ވެސް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
މާލޭގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ.