ލޯކަލް ކައުންސިލް އިންތިހާބުގައި 665 ކެންޑިޑޭޓުންނާ އެކު އެންމެ ގިނަ މީހުން ވާދަކުރަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ފަރާތުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނެފި އެވެ. 

އެ ކޮމިޝަންގެ ނާއިބު ރައީސް އަބްދުއްރަހްމާން ސޮލާހު ރަޝީދު ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް ރޭ ދެއްވި އިންޓަވިއުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ހުޅުވާލި މުއްދަތުގައި ކުރިމަތިލި މީހުންގެ ތެރެއިން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ކުރިމަތިލި މީހުންގެ ކެންޑިޑެންސީ ގަބޫލުކޮށް ލިޔުން ދީފައިވާ މީހުންގެ މައުލޫމާތު އާންމުކުރައްވައިފަ އެވެ. 

އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި، އެކި ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރާ މީހުންނާ އެކު، ޖުމްލަ 2،994 ކެންޑިޑޭޓުން ވާދަކުރެ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބުގައި ހަ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރެ އެވެ. 

  • ސިޔާސީ ޕާޓީތަކުން 1،210 ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުންގެ ކެންޑިޑެންސީ އީސީން ވަނީ ގަބޫލުކޮށްފައި.
  • ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިހާބު ކުރާނެ. 
ކައުންސިލްތަކުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު
  • ޕީއެންސީން 665 ކެންޑިޑޭޓުން 
  • އެމްޑީޕީން 495 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީން 8 ކެންޑިޑޭޓުން
  • އެމްޑީއޭ އިން 31 ކެންޑިޑޭޓުން
  • ދަ ޑިމޮކްރެޓްސް އިން 8 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީން 3 ކެންޑިޑޭޓުން 

ސޮލާހު ވިދާޅުވި ގޮތުގައި، އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ފަސް ޕާޓީއަކުން ވާދަކުރެ އެވެ. 

  • ސިޔާސީ ޕާޓީތަކުން 1،116 ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން ވާދަކުރާ 267 ކެންޑިޑޭޓެއްގެ ކެންޑިޑެސީ އީސީން ވަނީ ގަބޫލުކޮށްފައި.
  • އަންހެނުންގެ ކޮމިޓީތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިހާބު ކުރާނެ. 
އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު
  • ޕީއެންސީން 658 ކެންޑިޑޭޓުން
  • އެމްޑީޕީން 417 ކެންޑިޑޭޓުން
  • ޖުމްހޫރީ ޕާޓީން 7 ކެންޑިޑޭޓުން
  • އެމްޑީއޭ އިން 28 ކެންޑިޑޭޓުން
  • އަދާލަތު ޕާޓީން 6 ކެންޑިޑޭޓުން

ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު، އެ ޕާޓީއަކީ މިވަގުތު އެންމެ ގިނަ އާންމު މެމްބަރުން ވެސް ތިބި ޕާޓީ އެވެ. އީސީގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުގައި، އެ ޕާޓީގައި 74،408 މެމްބަރަކު އެބަތިއްބެވެ. 

ކެންޑިޑޭޓުންގެ އަދަދަށް ދެން ބަދަލެއް އަންނާނީ ކެންޑިޑޭޓަކު އަމިއްލައަށް ނަން އަނބުރާ ގެންދިއުމުން ނުވަތަ އެ ކޮމިޝަނުން ބަލައިނުގަތް ފޯމެއް ހުށަހެޅި މީހަކު ކޯޓަށް މައްސަލަ ހުށަހަޅައި، ކޯޓުން އެ ފޯމު ބަލައިގަތުމަށް އަމުރު ކުރާ ހާލަތެއްގައި އެކަނި ކަމަށް ސޮލާހު ވިދާޅުވި އެވެ. 

ސޮލާހު ވިދާޅުވީ އެއްވެސް ކެންޑިޑޭޓަކު ނަން އަނބުރާ ގެންދަން ބޭނުންވާ ނަމަ، އެ ފުރުސަތު ކެންޑިޑޭޓުންގެ ނަންބަރު ކަނޑައެޅުމަށް ބައްވާ ގުރުއަތުގެ ކުރިން ލިބޭނެ ކަމަށެވެ. އަދި ގުރު ނެގުމުގެ ކަންކަން އަންނަ ހަފުތާގައި ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294,937 މީހަކަށް ލިބިގެންވެ އެވެ.