ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާސްތަކެއްގައި އިތުރު ނިޝާންތަކެއް ހުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި މައްސަލަ ފެންމަތިކޮށްފައިވަނީމ މ. ވޭވަށް ކައުންސިލަށް ޕީއެންސީ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ހުށަހެޅި މައްސަލައިގަ އެވެ. އޭނާ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ ބާތިލް ކަމަށް ބެލެވޭ ތިން ވޯޓު ކަރުދާހެއް ސައްހަ ކަމަށް ކަނޑައެޅުމުންނެވެ. އެގޮތަށް ކަނޑައަޅާފައިވަނީ ވޯޓު ފޮށި އަލުން ހުޅުވައިގެން ބެލުމަށް ފަހު އެވެ.
މި އިންތިހާބުގައި ދެ ވޯޓުގެ ތަފާތަކުން ނަޒީހުގެ މައްޗަށް ކުރި ލިބިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓަކަށެވެ.
ނަޒީހު އެދިފައިވަނީ ވޭވަށު ކައުންސިލްގެ އިންތިހާބު ބާތިލްކޮށް، އަލުން އިންތިހާބު ކުރިއަށް ގެންދަން އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
ނަޒީހުގެ ވަކީލް އަލީ ރިޒާ މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި ގޮތުގައި ސުވާލު އުފެދިފައިވާ ތިން ވޯޓު ކަރުދާހުގައި ވެސް ތިކި ހުރި ކަމަށެވެ. އެގޮތުން ތިކި ހުރީ ތިން ކަރުދާހުގެ ތިން ތަނުގައި ކަމަށާއި އެއީ، ވޯޓު ކަރުދާހުގައި ހުރި އިތުރު ނިޝާނެއް ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ވޯޓުގެ ސައްހަކަން ގެއްލޭ ފަދަ ނިޝާނެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރިޒާ ވިދާޅުވީ ރަނގަޅު ފާހަގަ ފިޔަވައި، އެހެން ނިޝާނެއް ހުރެއްޖެ ނަމަ، އެ ކަރުދާހަކީ ބާތިލް ކަރުދާހަކަށް ވާނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. އަދި ވޯޓު ކަރުދާހުގެ ސައްހަކަން ގެއްލޭ ފަދަ އައިބެއް ހުރެއްޖެ ނަމަ، އެކަމެއް ނިންމަން ޖެހޭނީ ޝަރީއަތުން ކަމަށް ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ވޯޓު ކަރުދާހަށް ނިޝާން އަރާފައިވަނީ ޕްރިންޓް ކުރިއިރު ކަމަށްވާ ނަމަ، އެކަން އިލެކްޝަން ކޮމިޝަނުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ. ރިޒާ ދެކެވަޑައިގަންނަވާ ގޮތުގައި ޕްރިންޓްކުރިއިރު ތިކި އަރާފައިވާ ނަމަ، އެ ތިކި އޮންނާނީ ވަކި ހާއްސަ ދިމާލެއްގައެއް ނޫނެވެ. ނަމަވެސް، ތިން ކަރުދާހުގައި ވެސް ތިކި ހުރީ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގެ ގޮޅީގައި ކަމަށާއި ބެލެވޭ ގޮތުގައި އެއީ ވޯޓު ލާން ދިޔަ މީހާ ގަލަމުން ޖަހާފައިވާ ތިއްކެއް ކަމަށެވެ.
އިލެކްޝަން ކޮމިޝަންގެ ވަކީލް ވިދާޅުވީ އެ ތިން ކަރުދާހުގައި ވެސް ހުރީ ވޯޓުލާން ދިޔަ މީހާ ޖެހި ތިއްކެއް ނޫން ކަމަށާއި އެއީ ޕްރިންޓްކުރިއިރު ޖެހިފައި ހުރި ތިކިތަކެއް ކަމަށެވެ. މިގޮތަށް ހުންނަ އައިބުތަކުގެ ސަބަބުން ނުކުންނާނެ ނަތީޖާއާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ކޮމިޝަނުން ވެސް ގަބޫލުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ އެ ތިކިތަކާ ގުޅިގެން، ވޯޓުލީ ދުވަހު އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ. ވޯޓު ކަރުދާހުގައި އެ ތިކިތައް ހުރެ، އޭގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ނަމަ، އެހެން ކަރުދާހަކަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޯޓު ކަރުދާސް ޕްރިންޓް ކުރުމަށް ފަހު، ކޮމިޝަނުން އެ ޗެކް ކުރެ އެވެ. އަދި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަނީ ބޮޑު އައިބެއް ނުހުންނަ، ރަނގަޅު ކަރުދާސްތައް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެ ތިން ވޯޓު ކަރުދާހަކީ ވެސް މައްސަލައެއް ނެތް ކަރުދާސްތަކެއްގެ ގޮތުގައި ކޮމިޝަނުން ނިންމުމަށް ފަހު ފޮނުވާފައިވާ ކަރުދާސްތަކެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އިންކް ޑްރޮޕްސްއަކީ ވަރަށް ގިނަ ކަރުދާސްތަކުގައި ހުންނަ އެއްޗެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެ ކަރުދާސްތަކުގައި ހުރީ އެފަދަ ތިކިތަކެއް ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެއީ އިންތިހާބުގެ ނަތީޖާއަށް ބަދަލެއް އަންނަ ފަދަ ކަމެއް ވެސް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ. އެހެންވެ، އަލުން އިންތިހާބު ބާއްވަން ޖެހޭ ހާލަތެއް މި މައްސަލައިގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ.