ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ މީހެއްގެ ކެންޑިޑެންސީ ބާތިލް ކުރަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ނިންމުމެއް ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
ކައުންސިލް އިންތިހާބާ ގުޅޭ އިންތިހާބީ ދެ ޝަކުވާއެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ ކ. ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި އަބްދުލްމަޖީދާއި ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި ފާތިމަތު ސޫޒަން އެވެ.
ދެ މައްސަލައިގައި ވެސް އިއްޔެ ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާފައިވާއިރު، ސޫޒަންގެ މައްސަލައިގައި ނިންމީ އިލެކްޝަން ކޮމިޝަނުން އޭނާގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމާފައިވަނީ ސައްހަ ގާނޫނީ އަސާސެއްގެ މައްޗަށް ނޫން ކަމަށެވެ.
ސޫޒަންގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމާފައި އޮތީ ދަރަންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ.
ތުލުސްދޫ ކޯޓުން އޭނާގެ މައްޗަށް ދަރަންޏެއް ދައްކަން ހުކުމް ކޮށްފައިވާއިރު، އޭގެ ރެކޯޑް ފިނޭންސް މިނިސްޓްރީއަކު ނެތެވެ. އެ ދަރަނި ހޯދަން ތަންފީޒީ މައްސަލަ ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމަކީ އެ މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު، އެކަން ނުކޮށް އޮތުމަކީ ސޫޒަން ދަރަނި ދައްކާ ހަލާސްކޮށްފައި ނުވާ ކަމަށް ބެލޭނެ ހަމައެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.
އެހެންވެ، ސޫޒަންއަކީ އިންތިހާބަށް ކުރިމަތިލާން ޝަރުތު ހަމަވާ މީހެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެެޅި އެވެ.
ސޫޒަންގެ ކެންޑިޑެންސީ ބަލައިގަންނަން ކޯޓުން އެންގި ނަމަވެސް، އަބްދުލްމަޖީދުގެ މައްސަލަ ހުށަހެޅި ބެލުމުގެ އިހްތިސާސް ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އޭނާގެ ކެންޑިޑެންސީ ބަލައިނުގަންނަން ކޮމިޝަނުން ނިންމާފައި އޮތީ ހުށަހަޅަން ޖެހޭ ބައެއް މައުލޫމާތު ފުރިހަމަ ނުވާތީ އެވެ.
ސުޕްރީމް ކޯޓުން ބުނީ، އެ ކޯޓަށް އިހްތިސާސް ލިބެނީ އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓެއްގެ ޝަރުތަކާ މެދު ނިންމާ ނިންމުމަކާ ގުޅޭ ގޮތުން ކަމަށެވެ.
މި ދެ މައްސަލަ ސުޕްރީމް ކޯޓުގައި އޮތުމުން، އެ ދެ ރަށުގައި ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން ކުރިއަކަށް ވެސް ނުގެންދެ އެވެ. އެހެން ހުރިހާ ރަށެއްގައި ކެންޑިޑޭޓުންގެ ނަންބަރު ވަނީ ތަރުތީބުކޮށްފަ އެވެ.