ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ. 

އީސީން ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އެ ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ. ވަކި ވަކި ފޮށިތަކަށް ވޯޓުލެވޭ މީހުން އެ ލިސްޓުގައި ފެނެ އެވެ. 

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އެ އިންތިހާބުތަކުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. 

އެ އިންތިހާބުތަކުގައި ވޯޓު ލުމަށް މާލެ ސަރަހައްދުގައި 190 އަށް ވުރެ ގިނަ މަރުކަޒު ހަދާނެ އެވެ. އެއީ މާލޭގައި 132 މަރުކަޒާއި ހުޅުމާލޭ 1 ގައި 34 މަރުކަޒާއި ހުޅުމާލޭ 2 ގައި 18 މަރުކަޒުގެ އިތުރުން ވިލިމާލޭގައި 9 މަރުކަޒެވެ. 

ލޯކަލް ކައުންސިލް އިންތިހާބުގައި 1،592 އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ އިންތިހާބުގައި ވޯޓުލާން ދިއުމުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނެފެންނަ ވޯޓަށް ވެސް އަހާނެ އެވެ.