އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ބުނެފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައިވާ ގޮތުން އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ އެ އިންތިހާބުގައި ވޯޓު ދިނުމަށް ޝަރުތު ހަމަވާ 294,937 މީހުންގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
އީސީން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގުވާ މީހުންގެ ލިސްޓު ރޭ އާންމުކޮށް، ޝަކުވާ އަށް ހުޅުވާލައިފަ އެވެ.
ޝަކުވާ ހުށަހަޅަން ޖެހެނީ އެ ކޮމިޝަނުން ބުނި ގޮތުގައި، މައިޕޯޓަލް (my.elections.gov.mv) މެދުވެރިކޮށެވެ. ސުންގަޑިއަކީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުަފަހު ތިނެއް ޖެހުމާ ހަމައަށެވެ.
"މި މުއްދަތުގައި ރަޖިސްޓަރީ ސައްހަ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ އެވެ. އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރު ކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ވާނެ އެވެ،" އީސީގެ އިއުލާނުގައި ވެ އެވެ.
އެ ކޮމިޝަނުން ބުނީ، ވޯޓާސް ރަޖިސްޓަރީ ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ އެކަން ކުރެވޭނީ، ސިޔާސީ ޕާޓީތަކަށް ހާއްސަ ކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ.
އީސީން ބުނިގޮތުގައި، ސަރުކާރުގެ ގެޒެޓު އަދި އެ ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ވޯޓާސް ރަޖިސްޓަރީ ޗެކް ކުރެވޭނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ތައްޔާރީތައް އީސީން ވަމުން އަންނައިރު، އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާ ޕޯޓަލް މިދިޔަ އަންގާރަ ދުވަހު ވަނީ ހުޅުވާލައިފަ އެވެ.
އިންތިހާބަށް ޕޯޓަލް އާއްމުކުރުމުން، ލިޔެކިޔުންތައް އަޕްލޯޑުކޮށް ސޭވް ކުރެވޭނެ އެވެ. އެކަމަކު، ފޯމު ހުށަހެޅޭނީ އެކަމަށް އެދި ރަސްމީކޮށް ހުޅުވައިލުމުން ކަމަށް އީސީން ވަނީ ބުނެފަ އެވެ.