ރައީސް ޔާމީންގެ ގިނަ ވައުދުތަކެއް ތިމަރަފުއްޓަށް

ތ. ތިމަރަފުށީ ރައްޔިތުންނަށް ގިނަ އަދަދެއްގެ ކަންކަން ކުރަން ހުރި ކަމަށް ވިދާޅުވެ، އެ ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވައުދުތަކެއް ވެވަޑައިގެންފި އެވެ.


ތިމަރަފުށީގައި ގާއިމު ކުރި ފެނުގެ ހިދުމަތް އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ތިމަރަފުށީ އެއާޕޯޓުން ފެށިގެން، ބަނދަރާ ހަމައަށް އޮންނަ އެއް ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިފި ނަމަ، ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އެހެންވެ، އެ މަގުގައި ތާރު އަޅައި، މި އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މަގު ހެދުމުގެ ސާމާނުތައް އެކި ހިސާބުގައި އެބައުޅޭ. އެ ތަންތަނުން މަސައްކަތް ނިމުނުހާ އަވަހަކަށް ތިމަރަފުއްޓާ ހަމަ އަށް މިސްރާބު ޖަހާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ތިމަރަފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރައީސް ޔާމީން، ކުރި އަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1500 މީހުން ދިރިއުޅޭ ރަށެއް ނަމަ، ބީއެމްއެލްގެ އޭޓީއެމްއެއް، އަދި 2500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށެއް ނަމަ، ބީއެމްއެލްގެ ބްރާންޗެއް ބަހައްޓައިދިނުމަށް މީގެ ކުރިން ވައުދުވެވަޑައިގެންފަ އެވެ. ތިމަރަފުށީގައި ތިން ހާހެއްހާ ރައްޔިތުން އުޅޭތީ އެ ރަށުގައި ބީއެމްއެލްގެ ބްރާންޗެއް ގާއިމު ކޮށްދެއްވުމަށް ވެސް ރައީސް ޔާމީން ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މީގެ އިތުރުން، އަންނަ ހަފުތާގައި ތިމަރަފުށީ ބިން ބޭނުން ކުރުމާ ބެހޭ ޕްލޭން ނިންމައި، ކައުންސިލުން ބޭނުންވާ ގޮތަކަށް ބިން ދޫކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ތިމަރަފުއްޓަށް ވެވަޑައިގެންނެވި ވައުދުތައް:

- މި އަހަރު ތިމަރަފުށީ މަގުތަކުގައި ތާރު އަޅައި ނިންމައިދޭނަން.

- ފަސް އަހަރު ތެރޭގައި ތިމަރަފުށީގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވާނަން.

- ރައްޔިތުންނަށް ބިން ދޫކުރެވޭނެ މަގު ފަހިކޮށްދޭނަން.

ރައީސް ވިދާޅުވީ މި ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް، އިދިކޮޅު ވެރިކަމެއްގައި ނިންމައިދޭނެ ކަމަށް ވައުދުވަމުންދާތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ. އެކަމަކު، މި ސަރުކާރުން ފައްޓާފައި ހުރި މަޝްރޫއެއް، ނިންމުމުގެ ޝައުގުވެރިކަން ހުރީ އެ މަނިކުފާނު ކަމަށާއި އެހެން ބަޔަކު ޝައުގުވެރިނުވާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި ލިބުނު ތިން އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެވިފައި ނުވާ ކަމަށާއި ރައްޔިތުން އިންތިޒާރު ކުރަނީ ރައީސް ޔާމީންގެ ތަރައްގީގެ މޮޑިއުލްކަން އިދިކޮޅު ބޭފުޅުން ގަބޫލުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެބޭފުޅުން އެ ގެންގުޅުއްވާ ޖަޒީރާ ކޮންސެޕްޓަކީ ރައްޔިތުންނަށް އެހާ އަހުލުވެރި އެއްޗެއް ނޫން ކަން ރައްޔިތުން ގަބޫލު ކުރޭ. އަދި އެ ބޭފުޅުން ގަބޫލު ކުރައްވާ،" އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީން ނެރުނު "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ އަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.