ސިޔާމް ބަނޑިދު އަށް ވަޑައިގެން ގެއްލުންތައް ބައްލަވާލައްވައިފި

ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ދ. ބަނޑިދު އަށް މިއަދު ވަޑައިގެންފި އެވެ.


އެ ރަށު ކައުންސިލްގެ މެމްބަރު އުމަރު ޒާހިރު ވިދާޅުވީ، ރަށަށް ލިބުނު ގެއްލުންތައް ބެއްލެވުމަށް ބަނޑިދޫ ހިމެނޭ މީދޫ ދާއިރާގެ މެމްބަރު ވަޑައިގެން، ގެއްލުން ލިބުނު ފަސް ގޭގެ ތެރެއިން ކޮންމެ ގެއަކަށް 5000ރ. ގެ އެހީއެއް ދެއްވާފައިވާ ކަމަށެވެ.

އުމަރު ވިދާޅުވީ ހެނދުނު 11:30 ހާއިރު އެރި ނަގޫރޯޅިން، އާސާރީ މިސްކިތާއި ފަސް ގެއެއްގެ ފުރާޅާއި ސްކޫލުގެ މައި ހޯލުގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އޭގެ އިތުރުން 12 ރުކާއި ބޮޑު ފަސް ގަހެއް ވެސް ބުޑުން ވެއްޓިފައިވާ ކަމަަށް ކަމަށް ވިދާޅުވި އެވެ.

"އަންދާޒާ ކުރެވޭ ގޮތުގައި މިލިއަނެއްހާ ރުފިޔާގެ ގެއްލުމެއް ލިބުނު. އަޅުގަނޑުމެން ވާނީ މިތާ ކައިރީގައި އޮންނަ ރިސޯޓުތަކަށާއި ކަމާބެހޭ އިދާރާތަކަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު އަންގާފައި،" އެމްޑީއޭގެ ކައުންސިލް މެމްބަރު އުމަރު ވިދާޅުވި އެވެ.

ބަނޑިދޫއަށް ވަޑައިގެން އެ ރަށަށް ލިބުނު ގެއްލުންތައް ސިޔާމް ބައްލަވައިލައްވަނީ: ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބުނު ކަމަށް ކައުންސިލުން ބުނޭ

އޭނާ ވިދާޅުވީ ގެއްލުން ލިބުނު ފަސް ގޭގެ ތެރެއިން އެއް ގެ ފިޔަވައި ބާކީ ހުރި ތަންތަން އާއްމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

"މިސްކިތުގައި ވެސް ވަގުތީ ގޮތުން ޓިނު ހަރުކޮށްފައިވާނީ. އޭގެ އިތުރުން ރަށުގެ އެހެން މިސްކިތެއްގެ ވެސް ކަރަންޓުގެ ސާމާނު ބޭނުން ނުކުރެވޭ ވަރަަށް ހަލާކުވެފައި. އެކަމަކު އެކަންތައްތަކަށް ހައްލެއް ގެނެވިފައި މިވަނީ،" އުމަރު ވިދާޅުވި އެވެ.

ސިޔާމްގެ އިތުރުން، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވެސް ބަނޑިދު އަށް ވަޑައިގެންނެވި އެވެ. އަދި ގެއްލުން ލިބުނު ކޮންމެ ގެއަކަށް އެހީއެއްގެ ގޮތުގައި ފައިސަލް 1000ރ. ދެއްވާފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.