އެމްޑީޕީއަށް ވެރިކަން ހޯދައިދޭން ސިހުރު ހަދާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ވެރިކަމަށް ގެނައުމަށް، ސިހުރު ހަދާކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށީ ބަޔަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.


އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާ އިސްމާއީލް އިބްރާހިމާއި ސީނިއާ އެޑްމިން އޮފިސަރު ހުސެން އަލީގެ އިތުރުން، އެ ރަށުގެ އިތުރު އެހެން މީހެކެވެ.

އެ މީހުން ހައްޔަރުކޮށް، ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށް، ސިހުރު ހަދައި އެކަން ކުރާ ތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންވެ، އެ މީހުން ދިރިއުޅޭ ގެ ބަލައި، އެތަކެތި ހޯދުމަށް ކޯޓު އަމުރުގައި ބުނެފައި ވެ އެވެ.

އެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާ ކަމަށް ކޯޓު އަމުރުގައި ވަނީ ޕެންޑްރައިވް އަކާއި ސިހުރު ހަދަން ބޭނުންކުރާ ތަކެއްޗާއި އެކަމާ ގުޅޭ ލިޔެކިޔުންތަކެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ނުލިބުނު ނަމަވެސް، މުވައްޒަފުން ހައްޔަރުކުރިކަން ކައުންސިލުން ވަނީ ޔަގީންކޮށްދީފަ އެވެ.

އެތަނުން ބުނިގޮތުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި މުވައްޒަފުން ހައްޔަރު ކުރީ، އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް ފަހު އެވެ. އަދި ހައްޔަރު ކުރުމުގެ ކުރިން އެ މީހުންގެ ފޯނު ހިފަހައްޓާފައިވާ ކަމަށް ވެސް ބުންޏެވެ.

ސިހުރު ހަދާކަމުގެ ތުހުމަތުގައި ދޭތެރެ ދޭތެރެއިން މީހުން ހައްޔަރުކޮށް، އެކަމަށް ބޭނުންކުރާ ސާމާނު ފުލުހުން ހޯދަ އެވެ. އެގޮތުން އެންމެ ފަހުން ސިހުރު ހަދާ ތަކެތި ހޯދާފައިވަނީ ރ. މާކުރަތުންނެވެ.