އިބޫއާ އެކު، ހުޅުމާލޭގެ ގިނަ ބަޔަކު ބާބެކިއު އަކަށް

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކާ އެކު، ބާބެކިއުއެއްގައި މިރޭ ބައިވެރިވެވަޑައިގެންފި އެވެ. މިއީ، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާ ދިމާކޮށް ފެނުނު ތަފާތު މަންޒަރެކެވެ.


ހުޅުމާލެ ބާބަކިއު ސަރަހައްދުގައި ބޭއްވި މި ހަރަކާތުގައި އިބޫގެ އިތުރުން، ޖުމްހޫރީ ޕާޓި ހިންގުމާ ހަވާލުވެ ހުންނެވި އެ ޕާޓިގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އިބޫ، ހުޅުމާލެ އަށް ވަޑައިގަތުމާ އެކު، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އެންމެ ފުރަތަމަ މަރުހަބާ ކީ ހުޅުމާލެ ފެރީ ޓާމިނަލް ކައިރިންނެވެ. އެ ތަނުގައި ތިބި ސަޕޯޓަރުންނާ ސަލާމް ކުރެއްވުމަށް ފަހު، އިބޫ ވަނީ ބާބެކިއު ސަރަހައްދަށް ވަޑައިގެން އެ ތަނުގައި ތިބި ގިނަ ބަޔަކާ ސަލާމް ކުރައްވައި، ފޮޓޯ ނަންގަވައިފަ އެވެ.

މިއީ ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުން އިސް ނަގައިގެން ބޭއްވި ބާބެކިއު އެކެވެ. މާލޭގައި ދިރިއުޅޭ، އިދިކޮޅު ބައެއް ސަޕޯޓަރުން ވެސް މި ހަރަކާތަށް ހުޅުމާލެ އަށް ގޮސްފައިވެ އެވެ.

ޒުވާނުންތަކެއް އިސް ނަގައިގެން ހުޅުމާލޭގައި މިރޭ ބޭއްވި ބާބެކިއުގެ ތެރެއިން، އިބޫއާ އެކު ދެ ޒުވާނަކު ސެލްފީއެއް ނަގަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މިރޭ ވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާ އަލަށް ގުޅުނު ބައެއް ޒުވާނުންގެ ފޯމްތައް އިބޫއާ ހަވާލު ކުރައްވައިފަ އެވެ.

ބާބެކިއުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ބާބެކިއު ރޭވުމުގެ ފަހަތުގައި ޒުވާނުންތަކެއް ތިބި ކަމަށާއި އެމީހުން ކުރީ ސަފަށް ނުނިކުމެ، ތިބީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރާ ހެދި ކަމަށެވެ. އެކަމަކު، ޒުވާނުން ފަސް ނުޖެހި ނުކުތުމަށް އޭނާ އެދިވަޑައިގަތެވެ.

"މިއީ ޒުވާނުންގެ އުންމީދާ ގުޅިފައި އޮތް ކަމެއް. ކުރިއަށް އޮތް ތަނުގައި އާ ޒުވާނުން އަޅުގަނޑުމެންގެ ކެމްޕެއިނާ ގުޅޭނެ ކަމުގެ ޔަގީންކަން ލިބިގެން ދިޔައީ. ވަރަށް އުފާވެރި ރެއެއް މިރެ އަކީ،" އިބޫ ވިދާޅުވި އެވެ.

މި ރިޔާސީ އިންތިޚާބުގައި އެންމެ ފޯރި ނަގާ އެއް އަވަށަށް އިބޫ މިރޭ ވަޑައިގަތުމާ އެކު އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އެކަމާ އުފާކޮށް އޭނާ އަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކުލައިގެ ޓީޝާޓާއި ދިދަ ހިފައިގެން ގިނަ ބަޔަކު ތިއްބެވެ. އިބޫއެކޭ އެއްގޮތަށް، އެމީހުން ވެސް ބާބަކިއުގައި ވަނީ ބައިވެރިވެފަ އެވެ.

ޒުވާނުންތަކެއް އިސް ނަގައިގެން ހުޅުމާލޭގައި މިރޭ ބޭއްވި ބާބެކިއު އަށް އިބޫ ވަޑައިގެން ބައެއް މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބާބެކިއުގައި ބައިވެރިވި ބައެއް މީހުން ބުނި ގޮތުގައި އިބޫ އަކީ އެހެން ލީޑަރުންނާ ތަފާތު ހިތް ހެޔޮ ބޭފުޅެކެވެ. އެއީ ރައްޔިތުންގެ އިހްސާސްތައް ވަރަށް ގާތުން ދަންނަ ބޭފުޅެއް ކަމަށް އެމީހުން ބުންޏެވެ. އަދި ގައުމަށް ބޭނުންވަނީ އެފަދަ ވެރިއެއް ކަން އެމީހުންގެ ވާހަކައިގައި ފާހަގަ ކުރި އެވެ.

"ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ލީޑަރެއް މިއީ. އަނެއްކާ ދައްކާ ވާހަކައެއް ކަނުލައި އަޑު އަހާނެ. އެހާ ވެސް ކެތްތެރި، ހިކުމަތްތެރި ލީޑަރެއްގެ ގޮތުގައި ސިފަ ކުރަނީ. އަޅުގަނޑުމެން ބޭނުންވަނީ މަޑުމައިތިރި، އޯގާތެރި، އެންމެންނާ ގުޅޭ ލީޑަރެއް،" ހުޅުމާލޭގައި ދިރިއުޅޭ އައިޝަތު އަލީ 48، ބުންޏެވެ.