އެއާޕޯޓް އަޅަން 12 ގެއެއް ހުސްކުރަން އެއްބަސްވެއްޖެ: ރީޖަނަލް އެއާޕޯޓްސް

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ހުސްކުރަން ޖެހޭ 18 ގެއެއްގެ ތެރެއިން 12 ގެއެއް ހުސްކުރަން އެއްބަސްވެފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.


އެއާޕޯޓް އެޅުމަށް އެ ރަށު މޫދުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރުގެ ބިން ހިއްކާފައިވާއިރު ރަންވޭ އަޅައި ޓާމިނަލްގެ މަސައްކަތް ފެށެން އޮތީ އެ ސަރަހައްދުގައި ހުރި ބައެއް ގެތައް ނަގައިގެންނެވެ. އެ ގެތަކުގެ ބަދަލުގައި އާ ގެތަކެއް އަޅަން ކުޅުދުއްފުށިން ބިމާއި ފައިސާ ދޭން ސަރުކާރުން ނިންމާފައިވީ ނަމަވެސް ބަދަލުގެ ގޮތުގައި ދޭން ބުނާ އަގާ މެދު ބައެއް ގެތަކުގެ ވެރިންނާ އެކު އެއްބަސްވުމަކަށް އަދި ނާދެވެ އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ އެއްބަސްވުމަކަށް އާދެވިފައިވާ 12 ގެއެއްގެ ކަންކަން ނިންމުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ބާކީ ހުރި ފަސް ގެއެއްގެ ވެރިންނާ އެކު މަޝްރަވާ ކުރަމުން އަންނަ ކަމަށާއި އެކަން ވެސް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ސާމީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިބަލަނީ އީދު ބަންދަށް ފަހު ގެތައް ހުސްކުރުމުގެ ކަންކަން ކުރެވޭނެ ކަމަށް. އެ ގެތައް ހުސް ނުކުރެވިގެން މަސައްކަތަކަށް މަޑުޖެހުމެއް ނާދޭ،" ސާމީ ވިދާޅުވި އެވެ.

ހުސް ކުރަން އެއްބަސްވި 12 ގޭގެ ބަދަލުގައި ދޭން ނިމި ބިމާއި ބަދަލުގެ ގޮތުގައި ދޭ ފައިސާގެ ތަފްސީލެއް ސާމީ ނުދެއްވަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ހުށައަޅަނީ ގެއަކަށް 400،000-800،000ރ. އާ ދެމެދުގެ އަގެއް ދޭށެވެ. އެކަމަކު ގެތަކުގެ ވެރިން ބުނަނީ އެ އަގުގައި މިހާރު ގެއެއް ނޭޅޭނެ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބް ރައީސް އަލީ ހާޝިމް ވިދާޅުވިގޮތުގައި ބަދަލުގެ ގޮތުގައި ބިން ދޭ ސަރަހައްދާއި އެހެނިހެން އެއްވެސް ތަފްސީލެއް ކައުންސިލާ ހިއްސާކޮށްފައެއް ނުވެ އެވެ. އެ ކައުންސިލްގެ ނިންމުމަކީ ގެތައް ހުސްކުރެވޭނީ ހަމަ އަގުދީގެންނެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމީން 2013 ގެ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެކެވެ. އެކަމަކު ދައުރު ނިމެން ތިން މަހަށް ވީއިރު އެއާޕޯޓްގެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ. މަޝްރޫއުގެ ބޮޑު ބައެއްގެ މަސައްކަތް އަދި ނުވެސް ފެށެ އެވެ.