ތޭރަ ހެކްޓަރުގެ ކުޅި ހިއްކައި ހދ. ކުޅުދުއްފުށީގައި އަޅަން ފެށި އެއާޕޯޓުގެ ރަންވޭ އަޅަން ހުސްކުރަން ޖެހޭ ސަރަހައްދުގައި ހިމެނޭ ގެތައް ނުނެގި ލަސްވަމުންދާތީ އެ މަޝްރޫއު އަވަހަށް ނިމިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން އެމްޓީސީސީގެ ބިޔަ ކޮންނަބޯޓު، މަހާޖައްރާފުން ޖެނުއަރީ މަހު މިރަށު މޫދުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރު ބިން ވަނީ ހިއްކައިފަ އެވެ. ނަމަވެސް ރަންވޭގެ މަސައްކަތް ފެށެން އޮތީ ރަށުގެ އިރުމަތީ ފަރާތުގައި މީހުން ދިރިއުޅެމުން އަންނަ 18ގެ ނަގައިގެންނެވެ.
އެ 18 ގެ ނެގުމަށްޓަކައި މިރަށު އެހެން ސަރަހައްދަކުން ބިން ދޫކޮށް އަދި އިމާރާތްކުރަން ފައިސާ ދޭން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ. އަދި އެގެތަކުގެ އަގުކޮށް އެ މައުލޫމާތު ގޭވެރިންނާ ވެސް ވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް ސަރުކާރުން ދޭން ބުނާ އަގަށް ގެތަކުގެ ވެރިން އެއްބަހެއްނުވެ އެވެ. އެހެންވެ ގެތައް ނެގުމުގެ މަސައްކަތް މިހާރު އޮތީ ހުއްޓިފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ހުށައަޅަނީ ގެޔަކަށް 400،000-800،000ރ އާ ދެމެދުގެ އަގެއް ދޭށެވެ. އެކަމަކު ގެތަކުގެ ވެރިން ބުނަނީ އެ އަގުގައި މިހާރު ގެއެއް ނޭޅޭނެ ކަމަށެވެ.
ނަގަން ކަނޑައަޅަފައިވާ ގެތަކުގެ ތެރެއިން ޑެއިޒީ ވިލާގެ ވެރިޔާ އަލީ އިސްމާއިލް ސަރުކާރަށް ހުށަހަޅާފައިވަނީ ގޭގެ އަގަށް 2.4 މިލިއަން ރުފިޔާ އެވެ. އެއީ އަކަފޫޓަކަށް 1،000ރ. ގެ ރޭޓުންނެވެ. ނަމަވެސް ހަތަރު ކޮޓަރި އާއި ތަނަވަސް ސިޓިން ރޫމުގެ އިތުރުން ބަދިގެ ހިމެނޭ ގޮތަށް ދެ ބުރިއަށް ހަދާފައިވާ އެގެއަށް ސަރުކާރުން ދޭން ނިންމާފައިވަނީ 851،000ރ. އެވެ.
"ސަރުކާރުން ދޭން އެބުނާ އަދަދަށް ވުރެ ބޮޑު ހަރަދެއް ގެއަށް ކޮށްފައިވާނެ. އަނެއްކާ އެދޭން ބުނާ އަށް ލައްކަ ރުފިޔާއަށް މިޒަމާނުގައި އެވަރުގެ ގެއެއް ނުހެދޭނެ،" އަނބިދަރިންނާ އެކު ޑެއިޒީ ވިލާގައި ދިރިއުޅެމުން އަންނަ އަލީ ބުންޏެވެ.
އާ ގެއެއް އެޅޭވަރުގެ ބަދަލެއް ނުލިބޭ ނަމަ ގެތައް ހުސްކުރަން ގޭގޭގެވެރިން ދެކޮޅެވެ. އަދި މިރަށު ކައުންސިލްގެ ވިސްނުމަކީ ވެސް ހަމަ އަގު ނުދީ ގެތައް ހުސްނުކުރުމެވެ.
ސަރުކާރުން ނިންމާފައި ވަނީ 18 ގެ އެޅެންދެން އެ މީހުން އުޅޭނެ ތަނަށް ކުލި ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުލި މަހަކު 10،000 އަށް ވުރެ ބޮޑުވެގެން ނުވާނެ އެވެ.
އެއާޕޯޓް އަޅަން ނަގާ "ސްމާޓް" ގޭގެ ވެރިއެއް ކަމަށްވާ އަބްދުލްރަހުމާން އަބޫބަކުރު ބުނީ ބަދަލުގައި ދޭން ބުނި ބިން ވެސް މިހާތަނަށް ލިބިފައިނުވުމުގެ އިތުރުން ބަދަލުގެ ފައިސާ ދޭނެ ގޮތުގެ ތަފްސީލު ވެސް ހިއްސާކޮށްފައިނުވާ ކަމަށެވެ.
އެއާޕޯޓް ހެދެން އޮތީ އެ ގެތައް ނަގައިގެންނެވެ. އެކަމަކު ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ ގެތަކަށް ބަދަލު ދިނުމާއި ބިން ދިނުމުގެ ކަންކަން ހަމަޖެހޭނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެއާޕޯޓް ހަދާ ނިމޭނެ ދުވަހަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
ސަރުކާރުން ކުރިން ބުނެފައި އޮތީ ޖޫން މަހު ތެރޭގައި އެއާޕޯޓްގެ ހިދުމަތް ފެށޭނެ ކަމަށެވެ. ނަމަވެސް ކުރަން ޖެހޭ ބޮޑެތި މަސައްކަތްތައް އަދިވެސް އޮތީ އެވެ. އެގޮތުން ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަދި ނުވެސް ފަށަ އެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމީން 2013 ގެ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެކެވެ. އެކަމަކު ދައުރު ނިމެން ތިން މަހަށް ވީއިރު އެއާޕޯޓްގެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ. މަޝްރޫއުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ސަރުކާރުގެ ފަރާތުން އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.