ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް މޫދުން ހަ ހެކްޓަރު ހިއްކައިފި

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް އެ ރަށުގެ މޫދުން ހަ ހެކްޓަރު ހިއްކައި، އިތުރު މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.


ސަރުކާރުން ނިންމާފައިވާ ގޮތުން، އެއާޕޯޓު އެޅުމަށްޓަކައި މޫދުން ހަ ހެކްޓަރު އަދި އެ ރަށުގެ ކުޅިން ނުވަ ހެކްޓަރު ހިއްކާނެ އެވެ.

އެމްޓީސީސީގެ އާ ކޮންނަބޯޓު، މަހާޖައްރާފު ބޭނުންކޮށްގެން ކުޅުދުއްފުށީ ފަޅުން ބައެއް ހިއްކި އިރު، ކުޅީގެ މެދުން ބަންޑުވޯލް ޖެހުމުގެ މަސައްކަތް ވެސް ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. ބަންޑު ވޯލަކީ ކުޅިން ހިއްކާ ސަރަހައްދު ވަކިކޮށްލުމަށްޓަކައި ލާ ވަގުތީ ތޮއްޓެކެވެ.

އެމްޓީސީސީން މިހާރު އަންނަނީ ކުޅި ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ރާއްޖެއަށް މިދިޔަ ދެ ހަފުތާގައި ކުރި ވިއްސާރައިގެ ސަބަބުން މަސައްކަތް މެދުކެނޑުނު ނަމަވެސް، ވީއެންމެ އަވަހަކަށް ކުޅި ހިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

އެމްޓީސީސީގެ ކޮންނަ ބޯޓު މަހާޖައްރާފު ކުޅުދުއްފުށި ކައިރީގައި: ކުޅި ހިއްކުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެމްޓީސީސީން ބުނޭ

ކުޅުދުއްފުށީ ކައުންސިލުން ބުނީ ކުޅި ހިއްކަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ހުރި ގަސްތަކާއި ރުއްތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުން ދެން ފަށާނީ ކުޅި ހިއްކަން. އެކަމަކު އޭގެ ކުރިން، ރަންވޭ އެޅުމަށް ކުޅީ ސަރަހައްދުގައި ހުރި ގަސްތަކާއި ރުއްތައް ނަގަން ފަށާނެ. އެކަން ކުރާނީ އަންނަ ހަފުތާގައި،" ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވި އެވެ.

ބިން ހިއްކައި ނިމުމާއެކު، ރަންވޭގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް އެމްޓީސީސީން ބުނެފައި ވެ އެވެ.

ރާއްޖޭގައި އޮތް ހަމައެކަނި މަށި ކުޅި ހިއްކައިގެން އެއާޕޯޓު އަޅާތީ، ތިމާވެއްޓާ ބެހޭ ގިނަ ޖަމިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެއާޕޯޓު އަޅަނީ ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތް ބަލައިގެން ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ބުނި ގޮތުގައި އަންނަ އަހަރުގެ މެދެއްހާ ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިމޭނެ އެވެ.