ތ. ކަނޑޫދޫ: އޮގަސްޓް 13، 2018- މި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވުމަށް ރައީސް ޔާމީން ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން އެއްވި މީހުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
20 އޯގަސްޓް 2018 - 12:44
ކިތަންމެ މޮޅު، އަދި ތަޖުރިބާކާރު ޑޮކްޓަރެއް، ނަރުހެއް ނުވަތަ ޓީޗަރަކަށް ވިއަސް އުމުރުން 65 އަހަރު ވެއްޖެ ނަމަ، ވަޒީފާ ދޫކޮށްލާފައި ގެއަށް ދާން މަޖުބޫރެވެ. އެ އުމުރުގައި ވަޒީފާގައި ދެމިހުންނަން ރާއްޖޭގެ ގާނޫނު ތަނެއް ނުދެ އެވެ.
ސިވިލް ސާވިސްގެ ރިޓަޔަމެންޓް އުމުރު ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތުން، އުމުރުން 55 އަހަރު ވުމުން ވަޒީފާ އިން މުސްކުޅިކުރުމުގެ އިޚްތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބެ އެވެ. އަދި އުމުރުން 65 އަހަރު ފުރުމުން ރިޓަޔަކުރަން މަޖުބޫރެވެ. މިއީ، އެތައް ބައެއްގެ ކަންބޮޑުވުމާއި ޝަކުވާ އޮތް މައްސަލަ އެކެވެ.
ރައީސް އަބްދުﷲ ޔާމީން، ބޭނުންފުޅުވީ މިކަމުގައި ވެސް ރާއްޖޭގެ އިގްތިސާދާ ގުޅޭ، އެންމެންނަށް ހިތްހަމަޖެހުން ގެނުވާނެ ހެޔޮބަދަލެއް ކަމަށް ސަރުކާރުން ދެކެ އެވެ. އެމަނިކުފާނު ހުށަހެޅުއްވީ، ރިޓަޔަމެންޓް އުމުރު 65 އިން 74-75 އަށް މަތިކުރެއްވުމަށެވެ. ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް، މިގޮތަށް ނިންމަވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވައިފަ އެވެ.
ރައީސްގެ މި ވާހަކަފުޅާ އެކު، އެއް ބަޔަކު ސުވާލު އުފައްދަމުން އެބަދެ އެވެ. މި ބަދަލާ އެކު، އުމުރުން 65 އަހަރުވުމުން ދޭ އިނާޔަތް ކަނޑާލާނެ ހެއްޔެވެ؟ މިއީ، އުމުރުން 74 އަހަރު ވުމުގެ ކުރިން ރިޓަޔާވާން ބޭނުންވާ މީހުންނަށް ވެސް މަޖުބޫރު ކުރުމެއް ހެއްޔެވެ؟
"ރިޓަޔާކުރާ އުމުރު މަތިކުރުމުގެ ބޭނުމަކީ، އުމުރުން 65 އަހަރު ވީ މީހުންނަށް ދެމުން އަންނަ 5،000ރ. ގެ އިނާޔަތް އުނިކުރުމެއް ނޫން. އޭގެ ބަދަލުގައި، އެ އަށް ވުރެ ބޮޑު އިނާޔަތެއް ލިބޭނެ މަގު ފަހިކޮށްދިނުން،" ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވި އެވެ.
ރިޓަޔާކުރާ އުމުރު މަތިކުރުމުގެ ބޭނުމަކީ، އުމުރުން 65 އަހަރުވީ މީހުންނަށް ދެމުން އަންނަ 5،000ރ. ގެ އިނާޔަތް އުނިކުރުމެއް ނޫން. އޭގެ ބަދަލުގައި، އެ އަށް ވުރެން ބޮޑު އިނާޔަތެއް ލިބޭނެ މަގު ފަހިކޮށްދިނުން. --މިނިސްޓަރު
ރިޓަޔަމެންޓު އުމުރު މަތިކުރުމާ ގުޅޭ ގޮތުން، ރައީސް ޔާމީން ވިސްނުން ގެންގުޅުއްވާ ގޮތުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު މުނައްވަރު "މިހާރު" އަށް ވިދާޅުވީ ރިޓަޔާކުރާ އުމުރު މަތިކުރަން ސަރުކާރުން މަޖުބޫރެއް ނުކުރާނެ ކަމަށެވެ. އެއީ، އެ މީހެއްގެ އަމިއްލަ އިޚްތިޔާރުގައި އޮންނާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރިޓަޔާކުރާ އުމުރު މަތިކުރުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ގައުމަށް ހެޔޮ ބަދަލެކެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރަށް ބަލާއިރު، މަސައްކަތު އާބާދީ އާއި ވަސީލަތްތައް ވެސް އިތުރުކުރަން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގައި ބާތު ރޭޓު މި އިންނަނީ ވަރަށް ބޮޑަށް ދަށްވެފައި. ކުރިން އަޅުގަނޑުމެންގެ އެވްރެޖްކޮށް ކޮންމެ އާއިލާއަކަށް ތިން ހަތަރު ދަރިން ހޯދާ ނަމަ، މިހާރު މިއުޅެނީ ދޭއް ނުވަތަ ތިނެއްގައި. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ވާ ގޮތަކީ މިގޮތަށް ބާތު ރޭޓް ސްލޯޑައުން ވާއިރަށް، ރިޓަޔާކުރާ އުމުރު މަތި ނުކުރަންޏާ، އަޅުގަނޑުމެންނަށް ވާނެ ގޮތަކީ މަސައްކަތުގެ ބާޒާރުގައި ހުރި ހަކަތަ އެއްކޮށް ހުސްވެގެން ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު މި އިންނަނީ 65 އަހަރުވުމާ އެކު ރިޓަޔަވާން ޖެހޭ ގޮތަށް. ރައީސްގެ ވިސްނުންފުޅަކީ ގައުމަށް މުހިއްމު ދާއިރާތަކުގައި، އެބަ ތިއްބޭ 65 އަހަރު ވިއަސް ގައުމީ ޚިދުމަތުގައި ދެމިތިބެން ބޭނުންވާ ބަޔަކު. އެ މީހުންނަށް އެ ފުރުސަތު ލިބެން ޖެހެޔޭ."
މިއާއެކު، ސަރުކާރުގެ ވިސްނުމަކީ އުމުރުން 65 އަހަރު ވާ އެންމެން، ޚިދުމަތުގައި ބޭތިއްބުމެއް ވެސް ނޫނެވެ. އޭގެތެރެއިން ވެސް ވަކި ޚާއްސަ ދާއިރާތަކަށް އިސްކަން ދިނުމެވެ.
Sihhy dhaairaa aai Thauleemee dhaairaa adhi enoon dhaa’iraa thakugai thihbevi thajribaa huri beyfulhun 65 aharu vumun retaire kurumakee Gaumah oiy enme ragalhu gothehnoon.retaire kuraa umuru 74 ah hedhumun efadha beyfulhunnaa Gaumahves vaanee faidhaa.@VaguthuOnline @PSMnewsmv
— Abdul Raheem Abdulla (@Banafsaa) August 18, 2018
ރިޓަޔާކުރާ އުމުރު މަތިކުރުމާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ކުރެއްވި ޓުވީޓެއް.
ޚިދުމަތުގައި ދެމިތިބެން ބޭނުންވާ މީހުންނަށް، މުސާރަ އަށް ހެޔޮބަދަލުތަކެއް ގެނެސްގެން ނަމަވެސް ތަޖުރިބާ އާއި ތައުލީމާއި ހުނަރު ގައުމަށް މުހިއްމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސިއްހީ ދާއިރާ އަށް ބަލާލާއިރު ވެސް، ޑޮކްޓަރަކަށް ވެވޭނީ، ގާތްގަނޑަކަށް ހަތް އަހަރު ކިޔަވައިގެން ކަން ފާހަގަކުރައްވައި ވިދާޅުވީ އޭގެ ފަހުން ޚިދުމަތް ދެއްވަން އެ ހޭދަކުރައްވާ މުއްދަތުގެ ތެރޭގައި 65 އަހަރު ވުމުން ވަޒީފާ ދޫކޮށްލަން ބައެއް މީހުން ބޭނުން ނުވާ ކަމަށެވެ.
ރައީސްގެ ވިސްނުންފުޅަކީ ގައުމަށް މުހިއްމު ދާއިރާތަކުގައި، އެބަތިއްބޭ 65 އަހަރު ވިއަސް ގައުމީ ޚިދުމަތުގައި ދެމިތިބެން ބޭނުންވާ ބަޔަކު. އެ މީހުންނަށް އެ ފުރުސަތު ލިބެން ޖެހެޔޭ --މުނައްވަރު
ރިޓަޔަމެންޓް އުމުރު މަތިކުރުމުގެ އަނެއް ފައިދާއަކީ، ތަޖުރިބާކާރު ބޭފުޅުން އެހެން ގައުމުތަކުގައި ޚިދުމަތް ކުރަން ދިއުން މަދުކޮށް، ގައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު ދިވެހިންނަށް ތަނަވަސްކޮށްދީ، ބޭރުގެ މީހުންނަށް އޮންނަ ފުރުސަތު ކުޑަކުރުމެވެ.
"އެއްގޮތަކަށް ވެސް 5،000 ރުފިޔާ ދޭން އަޅުގަނޑުމެންނަށް ބަޖެޓަށް ބުރަވެގެންނެއް ނޫން. އެ އިނާޔަތް ހުއްޓާނުލައި، ލިބޭ މިންވަރު އިތުރުކުރުމަކީ ރައީސްގެ ވިސްނުންފުޅު،" މުނައްވަރު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ބުރުނީގައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެށް މީހުން.---ފޮޓޯތައް: ރައީސް އޮފީސް
އޭނާ ވިދާޅުވީ ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ދުޅަހެޔޮކަމަށް ބަލާއިރު ވެސް ސިއްހަތު ތަން ދޭ ނަމަ، ވަޒީފާގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންގެ މުސާރަ ވެސް މި ސަރުކާރުގައި ބޮޑުކޮށްފައިވާ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެފަދަ ދާއިރާތަކުގައި އުޅޭ މީހުން، ރަނގަޅު އިނާޔަތްތަކާ އެކު ރާއްޖޭގައި ޚިދުމަތް ކުރުމަކީ، ގައުމަށް އެންމެ ފައިދާ ހުރި ގޮތެވެ.
"ސުވާލަކީ ބޭނުން ވަނީ 65 އަހަރު ވުމުން 5،000ރ. އެކަނިހޭ ނުވަތަ ވަޒީފާގައި ދެމިހުރެ 15،000-20،000ރ. ގެ މުސާރައެއް ލިބުންހޭ؟ އަޅުގަނޑަށް ޔަގީން ކޮންމެ ބޭފުޅަކު ވެސް ބޭނުންވާނީ، 74 އަހަރު ވަންދެން ވެސް އެ ބޭފުޅަކަށް މަސައްކަތް ކުރެވޭ ނަމަ ޚިދުމަތުގައި ދެމިތިބެން،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓަޖިސްޓު، އިމްޖާދު ޖަލީލް ވިދާޅުވީ ރިޓަޔަމެންޓް އުމުރު މަތިކުރުމާ ގުޅޭ ގޮތުން މައުލޫމާތު އޮޅޭ ގޮތަށް ވާހަކަތަކެއް ދެއްކި ނަމަވެސް އޭގައި ހަގީގަތެއް ނެތް ކަމަށެވެ. އެ ބަދަލު ގެންނަނީ، އިނާޔަތް ކަނޑާލައި ޕެންޝަންގެ ނިޒާމް ވެސް ގަޑުބަޑުކުރަން ނޫން ކަމަށް ވިދާޅުވި އެވެ.
"މީގައި އޮންނާނީ، ފައިދާ. އެ މީހެއްގެ އިޚްތިޔާރީ ކަމެއް، ޚިދުމަތުގައި ދެމިހުރުމަކީ ވެސް،" އިމްޖާދު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމު
21 August 2018
ރިޓަޔަރ ކުރާ ޢުމުރު 65 އަހަރުގައި ބާއްވާފަ 65 އަަރުން މަތިވުމުން ކޮންޓރެކްޓެއްގެ ދަށުން މަސައްކަތްކުރުމުގެ ފުރުސަތު އޮތުމުން ތިޔަ މައްސަލަ ޙައްލުވޭ. ޑޮކްޓަރުންނަކީ އަމިއްލަ މަސައްކަތްވެސްކުރާބައެއް. އެމީހުން ނޫޅޭނެ ވަޒީފާނުލބިގެން.
އެއްމިލިއަންދެރުފިޔާ
20 August 2018
ވެރިކަން ކުރަން ބޭނުންވެގެން އުޅޭ މަދުބަޔަކަށް އުފާވެރި.
ޠަޔާޠީޞް
20 August 2018
މުއައްޒަފުންގެ މުސާރައިން އެމީހުން އިންވެސްޓް ކުރާ ފައިސާގެ ބޭނުން ނުހިފޭ ކަމަކަށް އުފާވެރިކަން އަންނާނެ ގޮތެއް ނުވިސްނޭ. ކިތަންމެ ބޮޑު ބައްޔެއްވިސް ނެގޭނެ ގޮތެއްނެތް.
ކޮރަލް
20 August 2018
ޑޮކްޓަރުންނަށް އުފާވެރި ހަބަރެލެވެ. މަހަކު އެތައް ލައްކައެއް ލިބެއެވެ. ވަޒީފާނެތް މީހާ އަށް ހިތާމަވެރި ހަބަރެކެވެ. ސަލާން ޖަހަން ޖެހެނީއެވެ. ރިޓަޔަރ ކުރަން ބޭނުންނުވާމީހާ އަށް ހުރެވޭނެ ގޮތް ހަދާބަލާށެވެ. އެހެން މީހުނައް އުނދަގޫ ކުރުމުގެ ބޭނުމެއް ނެތެވެ.
ޑަކް
20 August 2018
ޑަކްޓަރު އުފާވަނިކޮއް ނުމުނީދޯ ޕޭސަންޓް މަރުވިޔަސް. ޑަކްޓަރުން ރިޓައް ކުރަންޖެހޭ 60 އަހަރުގަ. ޢައިތުރުތުރު އެޅުމާ ލޮލުގެ ފެނެން ކޮށިވުމާ ކިވެހި އެއްޗެހި ހަދާންނެތުމާ. 75 އަހަރުވީމަ ޑަކްޓަރުވެސް އޮންނާނީ ޑަކްޓަރައް ދައްކަންޖެހިފަ.
ޑަސްޓް
20 August 2018
ރައީސް ޔާމީން ކަމެއް ނިއްމަވާނީ އެކަމެއް ބަލާ ދިރާސާ ކުރުމަށްފަހު.އެމަނިކުފާނީ ހަމަ ހުރެފަކާ ކަންކަން ކުރައްވާ ބޭފުޅެއްނޫން އެކަން މިދިވެހި ޤައުމުގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިލައްވާނެ.ރައްޔިތުންގެ ލޯތްބާ ރައްޔިތުންގެ އިތުބާރު އަބަދުވެސް ރައީސް ޔާމީން އަށް އޮވޭ.ރައްޔިތުންގެ ލާބަޔާ މަންފާއަށް ރައީސް ޔާމީން އށް ވޯޓް ދެއްވާ.އިންޝާ ﷲ މުސްތަޤުބަލް އުޖާލާވާނެ.
ޠަޔާޠީޞް
20 August 2018
ޢެހެންވީމަތާ އެއްދުވަހު ކާޑު އަގު ބޮޑުކުރާނެ. ޢަނެތްދުވަހު ބޮޑުކުރިބައިން ކޮންމެސް މިންވަރެއް އުނިކުރާނެ. މި އަދު ބުނާނެ ފިހާރަތައް ހުޅުވާފަ ބެހެއްޓޭނީ 10 ޖަހަންދެނޭ. މާދަން ބުނާނެ އެއީ ދޮގެކޭ 11 ޖަހަންދެން ހުޅުވާފަ ބެހެއްޓޭނޭ. އެހާވަރަށް ވިސްނާފަ ކަންކަން ނުކުރިއްޔާ ރަގަޅުވާނީ.
ހައްސާ222
20 August 2018
ތިހެން އޮޅުވާލެވޭ ވަރަށް ވުރެ ދިވެހިން މާބޮޑަށް ހޭލުންތެރިވެއްޖެ. މިހާރު 55 އަހަރު ވީމަ ސިވިލްސާރވިސް މުވައްޒަފުންނަށް އެއްފަހަރާއި ގަނޑުކޮށް ލިބޭ އިނާޔަތާއިއެކު ރިޓަޔަރ ކުރެވޭ. އެކަމަކު ޕްރައިވެޓް ސެކްޓަރ ގަ މަސައްކަތްކޮށްފަ 65 އަހަރުވަންދެން ހުސްއަތާއިތިބެންޖެހެނީ. މިހާރު ތިހަދާގޮތުން 74 އަހަރުވަންދެން ހުސްއަތާ ތިބެންޖެހޭނީ. އަދި 74 އަހަރުވުމުން ލިބޭ 5000 ރުފިޔާއަށް އާއިލާ މީހުން ގަންނަން ޖެހޭނީ ސަންދޯކާއި ކަފުން.
ސާއިދު
20 August 2018
އާއިލާ ތަކަށް އުފާވެރި ޚަބަރެއް. ސުކުރިއްޔާ ރައީސް.
ލައްކަވާހަކަ
20 August 2018
ތި ހުރިހާ ހާސަރުތަކެއް ނުދަމާ ބުނެ ބަލަ 65 އަހަރު ވިޔަސް މަސައްކަތް ކުރަން ބޭނުންވާ މީހަކަށް މަސައްކަތް ކުރެވޭނެއޭ
ވާލުސޮރު
20 August 2018
ތިޔަ އިނާޔަތް ދިނުމުގެ ކުރިން 75 އަހަރުވަންދެން ކޮންމެ މީހަކުވެސް ދިރި ދުނިޔޭގަ ހުންނާނެކަމުގެ ޔަގީންކަމުގެ ސެޓިފިކެޓް އެއް ސަރުކާރުން ދީފިއްޔާ ވަރަށް ގިނަ ބަޔަކު ހިތްހަމަޖެހޭނެ. އޭރުން ތިޔަ އިނާޔަތް ލިބޭނެކަންވެސް ކަށަވަރުވީ. ރާއްޖޭގެ އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ފިރިހެނެއްގެ އެވްރެޖް އުމުރަކީ 77 އަހަރު. އަދި އަންހެނެއްގެ އެވްރެޖް އުމުރަކީ 79 އަހަރު.
ސަލާމޭ
20 August 2018
ސަރުކާރަށް ބުނެއަންގަން. އަހަރެމެން ދިވެހިންނަކީ ގަމާރުންނެއް ނޫން. ރިޓަޔާކުރާ އުމުރު މަތިކުރަން ތިއުޅެނީ އަލަށް 65 އަހަރުވާ އެއްވެސް މީހަކަށް އިނާޔަތް ނުދޭންވެގެން. މަކަރާއި ހީލަތުން އިންތިހާބު ކާމިޔާބު ކުރާނަމޭހިތާ ނޫޅުއްވައްޗޭ.