އެމްއެންޔޫގެ ބަހުސްގައި އިބޫ، ބައިވެރި ނުވާން ނިންމައިފި

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ހުރިހާ މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ މިންވަރަށް ބަލާއިރު، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން ބާއްވާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ވެސް މިނިވަން ނުވާނެ ކަމަށް ބުނެ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައިވެރި ނުވާން އެމްޑީޕީން ނިންމައިފި އެވެ.


އެމްއެންޔޫ އިން އަންނަ މަހު ބާއްވަން ނިންމި ބަހުސްގައި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީނާ އެކު އިބޫ ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަން އެމްޑީޕީން ކުރިން އިއުލާން ކުރި އެވެ. އެކަމަކު، އެމްޑީޕީން މިއަދު ވަނީ، އެ ބަހުސަށް ޝައުގުވެރިކަމެއް ނެތް ކަމަށް ބުނެފަ އެވެ.

އެމްޑީޕީގެ ކެމްޕޭން ސްޕޯކްސްޕާސަން މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވީ ޕީޕީއެމުން ކެމްޕޭން ކުރާނީ، ދައުލަތުގެ ހުރިހާ މުދަލަކާއި ވަސީލަތްތަކެއް ބޭނުންކޮށްގެން ކަން އިއުލާން ކުރުމަށް ފަހު، އެ އުސޫލުން އަމަލުކުރަމުންދާ ކަމަށެވެ. އިދިކޮޅުގެ ކެމްޕޭންގެ ޕޯސްޓަރެއް ނުވަތަ ދިދައެއް ވެސް ދެމުމުގެ ފުރުސަތު ނުދީ ފުލުހުން ލައްވައި ހުރަސްއަޅަމުންދާ ކަމަށާއި މި ހާލަތުގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް މިނިވަންކަމާ އެކު އެއްވެސް ކަމެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އަމަލުތަކަށް ބަލާއިރު، އެމްއެންޔޫގެ ބަހުސް ވެސް މިނިވަންކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ވަރަށް ހެޔޮ ނިޔަތުގައި އެމްއެންޔޫ އިން ބަހުސް ކުރިއަށް ގެންދަން އުޅެނީ ކަމަށް ދެކިގެން އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު އޭގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ކަން ފާޅުކުރެއްވީ. އެއާއެކު ވެސް އަޅުގަނޑުމެން ދެންނެވިން ކެމްޕޭން ހަރަކާތްތަކަށް ވަގުތު ހުރި ގޮތުން ދުރާލައި އަންގައިގެންނޭ ވާނީ. އެކަމަކު މިހާތަނަށް ތާރީޚެއް، ގަޑިއެއް ވެސް ވިދާޅެއް ނުވޭ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ ޓީވީން ބާއްވާ ރިޔާސީ ބަހުސްގެ ދައުވަތަށް ޝައުގުވެރިކަން ފާޅުކުރިއިރު ވެސް މިގޮތަށް އަންގާފައިވާނެ އެވެ.

"މިހެން މިކަން ހިނގާފައި އޮއްވައި އަޅުގަނޑުމެންނަށް މި ފެންނަނީ އެމްއެންޔޫގެ ޑިބޭޓް ހުއްޖަތަކަށް ދައްކަވައި ވިދާޅުވާތަން، ދެން އެބޭފުޅާ [ރައީސް ޔާމީން]ގެ ޝައުގުވެރިކަމެއް ނެތޭ ކޮންމެހެން ރާއްޖެ ޓީވީގެ ޑިބޭޓޫގައި ބައިވެރިވާން. މި ފެންނަނީ އެއްވެސް އިޚްލާސްތެރިކަމެއް ނެތް ތަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރައީސް ޔާމީން ވެސް ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ނަމަ، ކޮންމެތަނަކުން ދައުވަތު ދިން ނަމަވެސް ގަބޫލުފުޅު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ވަކި ތަނަކަށް އާނބަސް ވިދާޅުވެފައި، ދެން ހުންނަ ތަންތަނަށް ނޫނެކޭ ވިދާޅުވުމަކީ މިނިވަން ބަހުސެއް ކުރައްވަން ރައީސް ޔާމީން ބޭނުންފުޅު ނުވުން ކަމަށް މާރިޔާ ވިދާޅުވި އެވެ.

ގައުމީ ޔުނިވަސިޓީގެ ދައުވަތަށް ނޫނެކޭ ބުނުމުގެ ކުރިން ވެސް ޕީީއެސްއެމާ ގުޅިގެން ބަހުސް ބާއްވާތީ އިދިކޮޅުގެ ހިތްހަމަނުޖެހުންތައް ހުއްޓެވެ. އެއީ، އިދިކޮޅު ޕާޓީތަކަށް ފުރުސަތު ނުދީ ހަމައެކަނި ރައީސް ޔާމީން ޕްރޮމޯޓްކުރާ ޕީއެސްއެމްގެ ބައިވެރިވުމާ އެކު ބާއްވާ ބަހުސެއް ހަމަހަމަކާމާ އެކު ގެންދާނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށް ބުނެ އެވެ.

ރިޔާސީ ބަހުސްގައި، ކެންޑިޑޭޓުންނާ ގުޅުން ހުރި މައުލޫމާތާއި ފަސް އަހަރުގެ ދައުރެއްގައި ވެރިކަން ކުރައްވާނެ ގޮތުގެ ތަސައްވަރެއް ރައްޔިތުންނަށް ވިސްނައިދޭ ސުވާލުތައް ހިމެނޭއިރު، މި ސުވާލުތަކާއި ބަހުސާ ގުޅޭ އެހެން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ޔުނިވާސިޓީން ކަމަށް އެތަނުން ވަނީ ބުނެފަ އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާ އަލީ ފަވާޒް ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ބަހުސްގެ މަގްސަދަކީ "ފުރިހަމަ އަށް މައުލޫމާތު ލިބިގެން ހުރެ" ރައްޔިތުން ރިޔާސީ އިންތިހާބުގައި ވޯޓުލާނެ ކެންޑިޑޭޓެއް ނިންމަން ފުރުސަތު ދިނުމެވެ. ކެންޑިޑޭޓުންނާ ކުރިމަތިކުރާނެ ސުވާލުތައް ތައްޔާރުކުރާނީ އިލްމީ ގޮތް ގޮތުން ބެލުމަށް ފަހު ދިރާސާއާ ވެސް އެކުގައި ކަމަށް ވިދާޅުވި އެވެ.